ވޭލްސްގެ ކޯޗުގެ މަޤާމަށް ގިގްސް އައްޔަންކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 4ސ
ވޭލްސްގެ ކޯޗުގެ މަޤާމަށް ގިގްސް އައްޔަންކޮށްފި


ވޭލްސްގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަޤާމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފިލްޑަރު އަދި ލެޖެންޑް ރަޔަން ގިގްސް އައްޔަންކޮށްފިއެވެ.
ވޭލްސްގެ ކޯޗަކަށް ގިގްސް އައްޔަންކުރިކަން ހާމަކުރަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިޔު) އިން ބުނެފައިވަނީ ގިގްސް އެ މަޤާމަށް އައްޔަންކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންކަމަށެވެ.

ވޭލްސްގެ ކޯޗުގެ މަޤާމަށް ގިގްސް އައްޔަންކޮށްފައިވަނީ ކުރިން އެ މަޤާމުގައި ހުރި ކްރިސް ކޯލްމަން އެ މަޤާމު ދޫކޮށް އިނގިރޭސި ދެވަނަ ޑިވިޝަން ލީގުގައި ވާދަކުރާ ސަންޑަލޭންޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅިގެންނެވެ. ކޯލްމަންގެ އިރުޝާދުގެ ދަށުން ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވޭލްސް ދަތުރުކުރި ނަމަވެސް މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް މުބާރާތަށް ވޭލްސް ކޮލިފައިއެއް ނުވެއެވެ. އެންމެ ފަހުން ވޭލްސް ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ 1958 ވަނަ އަހަރުއެވެ.

އެފްއޭޑަބްލިޔުގެ ރަސްމީ ވެބްސައިޓްގައި ނެރެފައިވާ ގިގްސް ބުނީ އޭނާގެ ޤައުމީ ޓީމުގެ ކޯޗުކަން ކުރަން ލިބުމަކީ ލިބުނު ޝަރަފެއްކަމަށާއި އެކަމާ ވަރަށް ފަޚުރުވެރިވާ ކަމަށެވެ. އަދި ގިގްސްގެ އިރުޝާދުގެ ދަށުން 2020 ވަނަ އަހަރުގެ ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ވޭލްސް ރަނގަޅު ނަތީޖާތަކެއް ހޯދޭނެކަމަށް އުއްމީދުކުރާކަމަށް، ކުރިން ވެސް ކޯޗުކަން ކުރަން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ގިގްސް ބުންޏެވެ.

މިއީ ދާއިމީ ގޮތުން ޓީމެއްގެ ކޯޗުކަމަށް ގިގްސް ހަވާލުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގިގްސް ވަނީ 2014 ވަނަ އަހަރު، ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި ޑޭވިޑް މޮޔެސް މަޤާމުން ވަކިކުރުމާ ގުޅިގެން ސީޒަންގެ ފަހު ހަތަރު މެޗުގައި ވަގުތީ ގޮތުން އެ ޓީމަށް އިރުޝާދު ދީފައެވެ. އަދި އެއަށް ފަހުގައި، ޔުނައިޓެޑްގެ ކޯޗުކަމުގައި ލުއިސް ވެންހާލް ހުންނެވިއިރު، ގިގްސް ވަނީ އެ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށްފައެވެ.
ކްލަބް ކެރިއަރުގައި މެންޗެސްޓާ ޔުނައިޓެޑް ނޫން އެހެން ކްލަބަކަށް ގުޅިފައިނުވާ ގިގްސް ވަނީ ވޭލްސްގެ ޤައުމީ ޓީމަށް 64 މެޗު ކުޅެދީ 12 ލަނޑު ކާމިޔާބުކޮށްދީފައެވެ. ގިގްސްއަކީ ވޭލްސްގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އެހެން ނަމަވެސް، ކުޅުންތެރިޔެއްގެ ގޮތުގައި ގިގްސްއަށް ވޭލްސް އެއްވެސް ބޮޑު މުބާރާތަކަށް ކޮލިފައިކޮށްދެވިފައެއް ނުވެއެވެ.

މިއަދު އޮންލައިން