ޑެމްބެލޭ އަނެއްކާ ވެސް އަނިޔާވެގެން ކުޅުމާ ދުރަށް

ކިޔުމަށް ހޭދަވާނީ 1މ 32ސ
ޑެމްބެލޭ އަނެއްކާ ވެސް އަނިޔާވެގެން ކުޅުމާ ދުރަށް


މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ބޮރޫޝިއާ ޑޮޓްމަންޑުން 105 މިލިއަން ޔޫރޯގެ އަގުބޮޑު ފީއެއްގައި ބާސެލޯނާއަށް ބަދަލުވި ފްރާންސްގެ ވިންގާ އޮސްމާނޭ ޑެމްބެލޭއަށް އަނެއްކާ ވެސް އަނިޔާގެ ސަބަބަން ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ޑެމްބެލޭއަށް އަނިޔާވީ އެންމެ ފަހުން ސްޕެނިޝް ލީގުގައި ރިއާލް ސޮސައިޑޭޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައެވެ. މި މެޗުގައި ޑެމްބެލޭ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ ދެވަނަ ހާފުގައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ގެތާފޭއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ލިބުނު އަނިޔާއިން ރަނގަޅުވެގެން އެނބުރި އައިސް ކުޅުނު ހަތަރުވަނަ މެޗެވެ.
ޚަބަރުތައް ލިބިފައިވާ ގޮތުގައި، މި ފަހަރު ވެސް ޑެމްބެލޭއަށް އަނިޔާވެފައިވަނީ ކުރިން ވެސް އަނިޔާވި ވާތު ފައިގެ ފަލަމަސްގަނޑަށެވެ. ބާސެލޯނާގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، ޑެމްބެލޭގެ ފައިގެ ފަލަމަސްގަނޑަށް އަލުން ލިބުނު އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހެއެވެ.

ޑެމްބެލޭ ކުޅުމާ ދުރަށްދާން ޖެހުނުއިރު، ބާސެލޯނާގެ ތަޖުރިބާކާރު މިޑްފިލްޑަރު އަންދްރެސް އިނިއެސްޓާއަށް ވެސް އަނިޔާގެ މައްސަލަތަކެއް ދިމާވެފައިވާކަން ބާސެލޯނާއިން ހާމަކޮށްފައިވެއެވެ. އަދި މި ހިނގާ ފިނި މޫސުމުގެ ބާޒާރުގައި ލިވަޕޫލްއިން 120 މިލިއަން ޔޫރޯގެ އަގުބޮޑު ފީއެއްގައި ބާސެލޯނާއަށް ބަދަލުވި ހުނަރުވެރި މިޑްފިލްޑަރު ފިލިޕޭ ކުޓީނިއޯ ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ. އަދި ބާސެލޯނާގެ ޒުވާން މޮޅު ޑިފެންޑަރު ސަމުއެލް އުމްޓިޓީ ވެސް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ނުކުތް ބާސެލޯނާ، އަދި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އަދި ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށްވުރެ ނުވަ ޕޮއިންޓްގެ ލީޑެއްގައެވެ.

މިއަދު އޮންލައިން