މިދުނިޔެއަށް އަންނަން ބޭނުންވެގެން އައީ ކާކުހެއްޔެވެ؟ އެމީހަކު އުޅެން ބޭނުންވާހައި ގޮތަކަށް ދުނިޔޭގައި އުޅެވޭނީ އަމިއްލައަށް ދުނިޔެއަށް އަންނަން ބޭނުންވެގެން ދުނިޔެއަށް އައި މީހަކު ހުރިނަމަ އެވެ.
އެފަދަ މީހަކު ނެތެވެ. ނުވެސް ހުންނާނެއެވެ. އެހެންކަމަށްވާއިރު އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ތިބާ ދުނިޔެއަށް ފޮނުއްވެވި ފަރާތުން އެންގެވި ގޮތަށް ދުނިޔޭގައި އުޅުމެވެ. މާތް ﷲ އަށް ފުރިހަމައަށް އީމާންވެ ކީރިތި ޤްރްއާނަށް ޢަމަލުކުރުމެވެ. މީސްތަކުން ދުނިޔޭގައި އުޅެންވީ ގޮތް މީސްތަކުންނަށް ދަސްކޮށްދެއްވެވި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެންގެވި ގޮތަށް ދުނިޔޭގައި އުޅުމެވެ.
ގިނަ ބައަކަށް އޮންނަނީ މިކަން ވަރަށް ބޮޑަށް އޮޅިފައެވެ. ދުނިޔެއަށް އައުދެވުނު ގޮތްވެސް އެމީހުންނަކަށް ނުވިސްނެއެވެ. އެމީހުން އުޅެ ބޮޑުވެ ބާރުލިބުމުން ހީކުރަނީ ބޭނުންހައި ގޮތަކަށް އުޅެންވީ ކަމަށެވެ. ހިތަށް އެރިހައި ކަމެއް ކުރަންވީ ކަމަށެވެ.
މިފަދަ މީހުން ދުނިޔޭގައި އުޅޭގައި ކަންކަން ކުރަމުންދާއިރު ތިމާ ދުނިޔެއަށް ފޮނުއްވެވި ފަރާތުން، އެބަހީ މާތްﷲ، ތިމާކުރާ ހުރިހާ އަމަލުތަކެއް ދެކެ ދެނޮވޮޑިގެންވާކަން ވެސް ހަނދާނެއް ނުހުރެއެވެ.
މިސާލަކަށް އަމުރުވެރި މަޤާމެއް ލިބިދާނެއެވެ. އެހިސާބުން ދެން ހީކުރަނީ ތިމަންނަ ބޭނުންހައި ކަމެއް ކުރަންވީ ކަމަށެވެ. ފަނޑިޔާރުކަން ލިބިދާނެއެވެ. ހިތަށް އަރަނީ ތިމަންނަ ބޭނުންހައި ގޮތަކަށް ކަންކަން ނިންމަންވީ ކަމަށެވެ. މުއްސަނދިކަމެއް ލިބިދާނެއެވެ. ހިތަށް އަރަނީ ބޭނުންހައި ގޮތަކަށް ޚަރަދުކޮށް އުފާކުރަން ލިބުނު ފައިސާ ކަމަށެވެ. އަންބަކު ލިބިދާނެއެވެ. ހިތަށް އަރަނީ އެއީ ލިބުނު އަޅެއް ކަމަށެވެ. މިފަދަ އެތައް ކަމެއްގެ ވާހަކަ ދެއްކިދާނެއެވެ.
މީސްތަކުންނޭވެ. ކޮންމެ ނިއުމަތެއްވެސް ތިބާ އާއި ހަާލުކުރައްވަވަނީ މާތް ﷲ އަށެވެ. ހަމަ އެންމެ ބޭނުމަކުއެވެ. ތިބާ އިމްތިހާން ކުރެއްވެވުމަށެވެ. އެ އިމްތިހާނުން ފާސްވުމާއި ނުވުމުގެ އިޚްތިޔާރު މާތް ﷲ ވަނީ ތިބާގެ އަތްމައްޗަށް ދޫކޮށްލައްވަވައިފައެވެ.
ތިބާ ކުރާ ކޮންމެ އަމަލަކާއި ގުޅިގެން މާތް ﷲ ވަގުތުން ކޯފާއެއް ނުފޮނުއްވަވާނެއެވެ. ނަމަވެސް ކުރައްވަވާނެ އެއް ކަމެއް އެބައޮތެވެ. އެއީ ވަގުތުން ތިބާގެ ފަތުގައި އެކަމެއް ލިޔުއްވެވުމެވެ. އެކަމަށް ތިއްބަވާ މަލާއިކަތުން އެކަމަށް ފަރުވާކުޑަ ކުރައްވަވައިފާނެ ކަމަށް ހީކުރާނީ އެންމެ ބޮޑެތި މޮޔައިންނެވެ.
ދިރިހުރި ނަމަ އަދިވެސް ވަގުތު އެބައޮތެވެ. އަވަހަށް ވިސްނަން ފާށާށެވެ. ދުނިޔެއަށް ތިމާއަށް އައުދެވުނު ގޮތާއިމެދުގައެވެ. އެކަމަށް ފުންކޮށް ވިސްނައިފިނަމަ އަމަލުތައް އިޞްލާޙްކުރުމަށް މަގުފަހިވާނެއެވެ.