އުފަލުގައި ހުންނައިރު މާތް ﷲ އާއި ކުއްތަންވާ މީހުންނަށް މުޞީބާތެއް ޖެހިއްޖެނަމަ މާތް ﷲ އެމީހަކާ ކައިރިވެވޮޑިގަންނަވާނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އުފަލުގައި ހުންނައިރު މާތް ﷲ އާއި ކުއްތަންވާ މީހުންނަށް މުޞީބާތެއް ޖެހިއްޖެނަމަ މާތް ﷲ އެމީހަކާ ކައިރިވެވޮޑިގަންނަވާނެ: މުފްތީ މެންކް
މުޞީބާތެއް ކުރިމަތިވުމުން ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ ތިމާ އާއި މާތް ﷲ އާއި ދެމެދުގައި އޮތް ގުޅުން ޓެސްޓްކުރުމެވެ. އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ތަނެއްގައި އިށީންނާށެވެ. ހަމަޖެހިލާށެވެ. ފުރަތަމަވެސް ވިސްނާލަންވީ ނަމާދުކުރެވޭ ކަމާއިމެދުގައެވެ. މިބުނަނީ ފަސް ވަގުތު ނަމާދުކުރާ ވާހަކައެއް ނޫނެވެ. އެވާހަކައެއް ނުދައްކާނަމެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ.

މިއަހަނީ ތިބާ ނަމާދުކުރަނީ ޚުޝޫޢަތްތެރިކަމާއިއެކުތޯއެވެ؟ ނަމާދުކުރާއިރު ހިތަށް ގެންނާނީ މާތް ﷲ ތޯއެވެ! ނަމާދުކުރާއިރު މިކިޔަނީ ކީކޭކަން ހިތްމައްޗަށް ގެނެވޭތޯއެވެ! މިކަންކަން ފުރިހަމަ ނަމަ އެއްވެސް ކަމަކާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މުޞީބާތާއި ކުރިމަތިލުމުގެ ހިތްވަރު ލިބޭނެއެވެ. އެކަންކަން ފުރިހަމަ ނޫން ނަމަ އަވަހަށް ފުރިހަމަކޮށްލާށެވެ. ފުރިހަމަކޮށްލެވޭ ވަގުތުން ފެށިގެން ހިތްހަމަޖެހުން ލިބެންފަށާނެއެވެ.

ދެވަނައަށް ބަލައިލަންވީ ޤްރްއާން ކިޔަވަމުތޯއެވެ. ކިޔަވަނީ ފޮތެއް ކިޔައިލާ އުޞޫލުން ކަމަށްވާނަމަ އެއީ ކަމުދާ ގޮތެއް ނޫނެވެ. ކީރިތި ޤްރްއާނަކީ މާތް ﷲ ގެ ކަލާމްފުޅު އެވެ. އެހެންވީމާ ކިޔަވަން ވާނީ އަސަރާއިއެކުގައެވެ. ރިވެތި ގޮތުގައެވެ.

ދުވާލަކު އެންމެ 5 އާޔަތް ނަމަވެސް ފުރިހަމަ ގޮތުގައި ކިޔަވާށެވެ. ފަރިތަވާވަރަކުން އިތުރުކުރެވިދާނެއެވެ. ފަތިސް ނަމާދާއި ޤްރްއާނުން ދުވަސް ފަށާމީހާ ހުންނާނީ އެއްވެސް ހާސްކަމެއް ނެތި ހަމަޖެހިލައިގެންނެވެ. ތެޅިފޮޅެންޖެހޭނެ ކަންކަން މެދުވެރިއެއް ނުވާނެއެވެ. ކަމެއް މެދުވެރިވި ނަމަވެސް ކެރިގެން ސާބިތުކަމާއިއެކު ކުރިމަތިލުމުގެ ހިތްވަރު ތިމާއަށް ލިބޭނެއެވެ.

ތިބާއަށް ގެއްލުނީ އިސްލާމް ދީން ނޫން ކަމަށްވާނަމަ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ދުނިޔަވީ ކޮންމެ ކަމަކީ ގެއްލޭނެ ކަންކަމެވެ. އިރުއަރާފައި އޮއްސޭފަދައިންނެވެ. އެއިން އެއްވެސް ކަމަކާއިމެދު ކަންބޮޑުވުމެއް ނެތެވެ. ނަމަވެސް އެ ހިތްވަރު ލިބޭނީ ފުރިހަމައަށް އިސްލާމް ދީނުގައި ސާބިތުވެ ހުރި މީހަކަށެވެ.

މީހަކު ދެރައެއް ދީފާނެ ކަމަށް ކަންބޮޑުނުވާށެވެ. އެއްވެސް މީހަކަށް، އެހެން މީހަކަށް ދެރައެއް ނުދެވޭނެއެވެ. ދެރައެއް ލިބޭނީ އެކަން އެގޮތަށް ވުމަށް މާތްﷲ އިރާދަފުޅު ކުރައްވަވާފައިވާނަމައެވެ. އިރާދަފުޅު ކުރައްވަވާފައިވާނަމަ ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް އަދި ދެރަވި ނަމަވެސް އެކަމެއް މެދުވެރިވާނެއެވެ. އެކަން ޤަބޫލުކޮށްގެން ހުންނަ މީހާއަށް ދެރަވުމެއް ނެތެވެ. ހަމަ އުފަލުގައި ހުންނަންވީއެވެ. ކީއްވެގެންހެއްޔެވެ؟ މާތް ﷲ ތިބާ އާއިއެކުގައި ވޮޑުގެންވާތީއެވެ. މާތް ﷲ ވޮޑިގެންވަނީ ތިބާ އާއިއެކުގައި ކަމަށްވާނަމަ ތިބާއަށް ދެރައެއް ދެވޭނީ ކާކަށް ހެއްޔެވެ؟

ވިސްނާށެވެ. މާތްﷲ އާއި ކުއްތަންވާން މަސައްކަތްކުރަންވީ އުފަލުގައި ހުންނައިރުއެވެ. އެއިރުން މުޞީބާތުގެ ވަގުތުތަކުގައި ތިބާއާއިއެކު މާތް ﷲ ވޮޑިގެންވާނެއެވެ. މިއަދު މިލިބެނީ ހިތްދަތިކަމެއް ނޫނެވެ. ހަޤީޤީ ހިތްދަތިކަމަކީ ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އެކަމެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން