ފުރަތަމަ ލެގުގައި އެސްޕަންޔޯލްއިން ބާސާ ބަލިކޮށްލައިފި

ކިޔުމަށް ހޭދަވާނީ 1މ 31ސ
ފުރަތަމަ ލެގުގައި އެސްޕަންޔޯލްއިން ބާސާ ބަލިކޮށްލައިފި

ސްޕެނިޝް ކަޕް ކޮޕަޑެލްރޭގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އެސްޕަންޔޯލްއިން 0-1 ގެ ނަތީޖާއިން ފަހުގެ ޗެމްޕިއަން ބާސެލޯނާ ބަލިކޮށްލައިފިއެވެ.
އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ލިބުނު ފުރުސަތުތަކުގައި ބާސާއަށް ލީޑު ނެގޭ ގޮތެއް ނުވިއެވެ. އެ ގޮތުން، މެޗުގެ 62 ވަނަ މިނެޓުގައި ލީޑު ނަގާލަން ބާސާއަށް ޕެނަލްޓީއެއް ވެސް ލިބިގެން ދިޔައެވެ. އެހެން ނަމަވެސް، ބާސާގެ ތަރި ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީ ވަނީ އެސްޕަންޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒު ދިފާއުކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެސްޕަންޔޯލްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައި އޮސްކާ މެލެންޑޯއެވެ. އެއަށް ފަހުގައި، މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ބާސާއިން މަސައްކަތްތަކެއް ކުރި ނަމަވެސް އެ މަސައްކަތް ވަނީ ބޭކާރުވެފައެވެ.

ފުރަތަމަ ލެގުން ބާސާ ބަލިވި ނަމަވެސް، ބާސާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗުން އެގްރެގޭޓް ނަތީޖާ ބަަދަލުކޮށް ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އަދިވެސް ބާސާއަށް އެބައޮތެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ދެން ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސެވިއްޔާއިން ވަނީ 1-2 ގެ ނަތީޖާއިން އެތްލެޓިކޯ މެޑްރިޑް ބަލިކޮށްފައެވެ. ޑިއޭގޯ ކޯސްޓާގެ ލަނޑުން އެތްލެޓިކޯއަށް ލީޑު ނެގި ނަމަވެސް ސެވިއްޔާގެ ޖީސަސް ނާވަސްއާއި ޔަކީން ކޮރޭއާގެ ލަނޑުން ސެވިއްޔާ ފުރަތަމަ ލެގު ކާމިޔާބުކުރިއެވެ.

އަލަވޭސްއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ގޮންސާލޯ ގުއެޑެސްއާއި ރޮޑްރިގޯއެވެ. އަލަވެސްގެ ލަނޑު ކާމިޔާބުކޮށްދިނީ ރުބޭން ސޮބްރިނޯއެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ބައްދަލުކުރާނީ ރިއާލް މެޑްރިޑާއި ލެގަނޭސްއެވެ.
މިއަދު އޮންލައިން