އިސްތިޚާރާ: މުސްލިމުންގެ ހިތުގަ ޝައްކު އުފެދޭ ކަންކަމަށް މަގުދައްކައިދޭ މުސްލިމުންގެ ސަމުގާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
އިސްތިޚާރާ: މުސްލިމުންގެ ހިތުގަ ޝައްކު އުފެދޭ ކަންކަމަށް މަގުދައްކައިދޭ މުސްލިމުންގެ ސަމުގާ
އިސްތިޚާރާ އަކީ ނުވަތަ އިސްތިޚާރާ ނަމާދަކީ މުސްލިމުންގެ ހިތުގައި ޝައްކު އުފެދޭ ކަންކަމަށާއި ކުރިއަށް ދާންވީ މަގާއިމެދު ޝައްކު އުފެދޭ ކަންކަމުގައި ކުރިއަށްދާންވީ މަގު ދައްކައިދޭ ސަމުގާއެވެ.

ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ބައެއް ކަންކަމާއި ގުޅިގެން ތިމާއަށް އަމަލު މިކުރެވެނީ އެންމެ ރަނގަޅަށްކަން ޔަޤީން ކުރުމަކީ ކުރަންޖެހޭ ކަމެކެވެ. މިސާލަކަށް ބައެއް މީހުން ކައިވެންޏެއް ކުރަން އުޅޭއިރު އެބަ ސުވާލު އުފައްދައެވެ. އެއްތަނުން އަނެއްތަނަށް ދިރިއުޅުން ބަދަލުކުރަންވުމުން ސުވާލު އުފައްދައެވެ. ވިޔަފަރީގެ ބޮޑެތި ނންމުންތައް ނިންމާއިރު ސުވާލު އުފައްދައެވެ. މިގޮތަށް ތަފާތު ގިނަ ކަންކަމާއި ގުޅިގެން އެންމެ ރަނގަޅު ގޮތް ޔަޤީންކުރަން ބޭނުންވެއެވެ.

މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް އިސްލާމް ދީނުން އެނގެން އެބައޮތެވެ. އަހަރެމެންނަކީ މުސްލިމުންނެވެ. ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް ފުރިހަމައަށް ތަބަޢަވެގެން ތިބި ބައެކެވެ. އެހެންކަމަށްވާއިރު މިފަދަ ކަންކަމުގައި އަމަލުކުރަންޖެހޭނީ އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތުގެ މަތިންނެވެ.

ކަމަކީ އެތައް މިލިއަން ފައިސާއެއް ފައިދާގެ ގޮތުގައި ލިބެން އޮތް މުޢާމަލާތަކަށްވެސް ވެދާނެއެވެ. އެހެން ކަމަކަށް ވެސް ވެދާނެއެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ ކިތަންމެ މުހިންމު ކަމެއް ނަމަވެސް އަދި ކިތަންމެ ބޮޑު ފައިދާއެއް ލިބެން އޮތް ކަމެއް ނަމަވެސް އިސްލާމް ދީނުގެ އިމުގެތެރެއިން ބޭރުވެގެން ނުވާނެ ކަމެވެ.

އިސްލާމް ދީނުގައި އޮތީ ކޮންމެ ކަމެއްގައިވެސް ދެ ގޮތެކެވެ. އެއްގޮތަކީ މަޝްވަރާކުރުމެވެ. އެކަންވެސް ކުރަންޖެހޭނީ އިސްލާމް ދީނުގެ އިމުގެތެރެއިންނެވެ. މަޝްވަރާކުރަންޖެހޭނީ ކަމުގެ ތިޖުރިބާހުރި މީހުންނާއިއެވެ. އަދި ތިމާއަށް އިޚްލާޞްތެރި ކަމާއިއެކު ލަފާދޭނެކަން ޔަޤީންކުރެވޭ މީހުންނާއިއެވެ. މާތް ﷲ އަށް ބިރުވެތިވާ މީހުންނާއިއެވެ. މުސްލިމެއް ނޫން މީހެއްގެ ކައިރިން ކަމެއް އޮޅުންފިލުވި ނަމަވެސް އެކަމެއްގައި އޮތް ދީނީ ޙުކުމް ދީނީ ޢިލްމުވެރިއެއްގެ ކިބައިން އޮޅުންފިލުވަންވާނެއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މީސްތަކުންނާއި މަޝްވަރާ ކުރެއްވެވިއެވެ. ވަޙީ ލިބިވަޑައިގަންނަވަމުން ދިއައިރުވެސް މެއެވެ. އެންމެ މޮޅު ގޮތް އެނގިވަޑައިގަންނަވާއިރުވެސް މެއެވެ. ބޭނުންފުޅަކީ އެކަމުގެ މުހިންމުކަން އަންގަވައިދެއްވުމެވެ.

ދެވަނަ ގޮތަކީ އިޝްތިޚާރާ ކުރުމެވެ. އިސްތިޚާރާ ކުރަންޖެހޭނީ ކަމެއްގައި ދެގޮތުންކުރެ ރަނގަޅު ގޮތެއް ނިންމުމަށެވެ. އެމީހެއްގެ ކަންކަމުގައި އިސްތިޚާރާ ކުރަންވާނީ އެމީހެކެވެ. އިސްތިޚާރާ ކުރަންވާނީ ކުރަންޖެހޭ ކަންކަމުގައާއި ހާލަތުގައިވެސްމެއެވެ.

މިސާލަކަށް ހިލޭ އަންހެނަކާއިއެކު 8 އަހަރު އުޅެފައި ކައިވެނިކުރަންވީތޯ އިސްތިޚާރާ ކުރުމެއް ނެތެވެ. 8 އަހަރު ދުވަހު ހިލޭ އަންހެނަކާއި ފިރިހެނަކު އެކުގައި އުޅޭއިރު ހުންނާނީ ވާންވީ ކަމެއް ވެނިމިފައެވެ. ރަނގަޅު ގޮތް އޮތީ ފެންނާށެވެ. އެއީ ދެންވެސް އަވަހަށް ކައިވެނިކުރުމެވެ. ތައުބާވެ ރަނގަޅު ގޮތުގައި ކުރިއަށް ދިއުމެވެ.

އިސްތިޚާރާ ނަމާދުގެ ދުޢާކުރާނީ ސަލާމް ދިނުމުގެ ކުރިން ކަމާއި ފަހުން ކަމާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެއެވެ. އަހަރެން ބުރަވާނީ ނަމާދަށްފަހުގައި ކަމަށެވެ.

އިސްތިޚާރާ ނަމާދުކުރާއިރު ވެސް ވިސްނައިލަންޖެހޭ ކަންކަން އެބަހުއްޓެވެ. ތިބާއަކީ ފަރުޟު ނަމާދު ފުރިހަމައަށް އަދާކުރާމީހެއްހެއްޔެވެ؟ އިސްތިޚާރާ ނަމާދެއް ނުކޮށްގެން ތިބާއާއި މާތް ﷲ ސުވާލެއް ނުކުރައްވަވާނެއެވެ. ނަމަވެސް ފަރުޟު ނަމާދު ނުކުރުމުން ސުވާލު ކުރައްވަވާނެއެވެ. ވިސްނައިލާށެވެ. ތިބާއަކީ ފަރުޞު ނަމާދު ފުރިހަމައަށް ކޮށް ދުޢާކުރާ މީހަކު ނަމަ ތިބާ އިސްތިޚާރާ ނުކުރި ނަމަވެސް މާތްﷲ ތިބާއަށް ރަނގަޅު ގޮތުގެ ވިސްނުން މިންވަރުފުޅު ކުރެއްވުމަކީ ދުރުކަމެއް ނޫނެވެ.

އިސްތިޚާރާ ކުރުމަށްފަހު ހުވަފެނެއް ފެންނާނެކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. ނަމަވެސް އެއީ ނުވެދާނެ ކަމެކެވެ. ހުވަފެނެއް ނުފެނުނު ނަމަވެސް ތިބާއަށް ރަނގަޅު ގޮތުގެ ވިސްނުން ތިބާއަށް ލިބޭނެއެވެ. ކަންކަން ފަހިވެގެންދާނެއެވެ.

އިސްތިޚާރާ ދުޢާއަކީ ހަމައެކަނި ނަމާދަށްފަހު ކުރަން އޮތް ދުޢާއެއް ނޫނެވެ. އެއީ ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ. އެދުޢާގައި މާތް ﷲ ގެ ޙަޟްރަތުން އެދެނީ އެންމެ ރަނގަޅު ގޮތަށް މަގުދައްކަވައިދެއްކެވެވުމަށެވެ. އެއީ އަބަދުވެސް ކުރަންޖެހޭ ކަމެކެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން