މީސްތަކުން ކުރާ ދުޢާ މާތް ﷲ ވަގުތުން އިޖާބަނުކުރައްވަވަނީ އެ ދުޢާގެ އަޑު އިވިވޮޑިނުގަންނަވާތީއެއް. ކުރާ ކޮންމެ ދުޢާ އެއް ވެސް އެމީހެއްގެ ނަމާއި ދިމާގައި ލިސްޓް ކުރައްވަވައެވެ.
ދުޢާ ކުރުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. އެހެންކަމުން މީހަކު ކުރާ ދުޢާ އެމީހަކު އެދޭ ގޮތަށް އިޖާބަ ނުކުރެއްވެވި ނަމަވެސް ކެތްތެރިކަމާއިއެކު ދުޢާކުރުންމަތީގައި ދެމިހުންނަ މީހާ މާތް ﷲ ސުވަރުގެ ވައްދަވާނެތެވެ. މާޔޫސް ނުވެ ކެތްތެރިކަމާއިއެކު އޭނާ ދުޢާ ކުރުންމަތީގައި ދެމިހުރީތީއެވެ.
އެހެންވީމާ އަޅުގަނޑުމެންނަށް އޮތީ ކެތްތެރިކަމާއިއެކު އަދި ސާބިތުކަމާއިއެކު ދުޢާކުރުންމަތީގައި ދެމިތިބުމެވެ. މީސްތަކުން ކުރާ ދުޢާ އިޖާބަކުރައްވަވަންވީ އެންމެ ރަނގަޅުވަގުތު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.
މީސްތަކުން ދަތިހާލުގައި މާތް ﷲ ބައިތިއްބަވަނީ އެމީހުންނަށް ރަނގަޅަކަށެވެ. ދަތި ޙާލުގައި ތިބޭއިރު މާތް ﷲ ގެ މަތިން ހަނދާންކުރުން އިތުރުކުރާތީއެވެ. އެގޮތަށް ބައިތިއްބަވަނީ އެމީހަކު އެގޮތުގައި މާތް ﷲ އާއި ކުއްތަންވެ ގިނަ ދުވަހު ހުރުމަށް މާތް ﷲ ލޯބިކުރައްވަވާތީއެވެ.
ނަމަވެސް އެކަން އަހަރެމެންނަށް ނުއެނގެނީއެވެ. ދުޢާ އިޖާކުރެއްވެވުން ލަސްވެގެން ތެޅިފޮޅެވެނީ އެހެންވެގެންނެވެ.
ބައެއް ނިޢުމަތްތަކަށް އަހަރެމެން އެދެމުއެވެ. އެ ނިޢުމަތެއް ލިބުމުން ދެންވާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަހަރެމެން ނިއުމަތަކަށް އެދުނު ނަމަވެސް އެކަމަކުން އެމީހަކަށް ގެއްލުމެއް ލިބުމެއްވާނަމަ އެކަން އަހަރެމެންނަކަށް ނުއެނގެއެވެ. ނަމަވެސް މާތް ﷲ އެކަން ދެނެވޮޑިގެންވެއެވެ. އެހެންވީމާ އަހަރެމެން އަބަދުވެސް ޤަބޫލުކޮށް ޔަޤީންކުރަންވާނީ އަހަރެމެންނަށް މާތް ﷲ ދެއްވެވި މިންވަރު އެއީ އަހަރެމެންނަށް އެންމެ ރަނގަޅު މިންވަރު ކަމަށެވެ.
ބަންދުވެފައި ހުންނަ ދޮރުތައް ހުޅުވަން ވަރަށް މުހިންމު ތަޅުދަނޑިއެއް:
ދިރިއުޅޭއިރު ވަރަށް ގިނަ ދޮރުތައް ބަންދުވެފައި ހުރެއެވެ. ދިރިއުޅުމުގައި ކުރިމަތިވާ ވަރަށް ގިނަ މައްސަލަތައް ޙައްލުނުކުރެވި ހުރެއެވެ. މާލީ މައްސަލަތަކެވެ. ވަޒީފާގެ މައްސަލަތަކެވެ. އަމިއްލަ ދިރިއުޅުމުގެ މައްސަލަތަކެވެ. މިހެން ގޮސް ހުރިހާ ބާވަތެއްގެ މައްސަލަތަކެވެ. އެހެންކަމުން ޙާޞިލުކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ޙާޞިލު ނުކުރެވި ހުރެއެވެ.
މިފަދަ ދޮރުތަކުގެ ތަޅުދަނޑި ވަނީ މާތް ﷲ ގެ ޙަޟްރަތުގައެވެ. އެތަޅުދަނޑީގެ ގޮތުގައި މާތް ﷲ އަޅުގަނޑުމެންނަށް ދެއްވަވާފައިވަނީ ވަރަށް ފަސޭހަ ތަޅުދަނޑިއެވެ. އެ ތަޅުދަނޑި ލުއިވެފައި ފަސޭހަކަމުން ހައިރާންވެސް ވާވަރެވެ.
އެހައި ފަސޭހައިން ޙާޞިލުކުރެވޭ ކަންކަމާއިމެދު ޝައިޠާނާ މީސްތަކުންގެ ހިތުގައި ޝައްކުތައްވެސް އުފައްދުވައެވެ. އެހައި ބޮޑުކަމެއް އެހައި ފަސޭހައިން ޙާޞިލުނުކުރެވޭނެ ކަމަށް ބުނެއެވެ. މާބޮޑެތި، އުނދަގޫ ކަންތައްތަކެއް ކޮށްގެން ނޫނީ ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނެއެވެ. މާ ލުއި ގޮތްތަކެއް މާތް ﷲ އަންގަވައިދެއްވާފައި ވާއިރުވެސް މެއެވެ.
ކިތަންމެ ލުއި ގޮތްތަކެއް ދައްކަވާފައި ވީނަމަވެސް އެކަމެއް ހަމަ ކޮށްލާއިރަށް ހުރިހާ ކަމެއް ފުރިހަމަވާނެކަމަށް ހީކޮށްގެން ނުވާނެއެވެ. ކަންކަން ކާމިޔާބުކުރަން ތިމާއަށް ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. މިސާލަކަށް މާލީ ދަތިކަމެއް ކުރިމަތިވުމުން 2 މިލިއަން ޑޮލަރު ދެއްވެވުން އެދި ދުޢާކޮށްލާއިރަށް އެކަން ޙާޞިިލުވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެއެވެ.
މިބުނި ބަންދުވެފައި ހުރި ދޮރުތައް ހުޅުވުމަށް އޮތް ތަޅުދަނޑިއަކީ "އަސްތަޣްފިރުﷲ" އެވެ. ކިހައި ފަސޭހަ ކަލިމައެއް ހެއްޔެވެ؟
"އަސްތަޣްފިރުﷲ" އަކީ ބަންދުކުރެވިފައިވާ ވަރަށް ގިނަ ދޮރުތައް ހުޅުވަން ބޭނުންކުރެވިދާނެ ތަޅުދަނޑިއެކެވެ. ފަހަރެއްގައި ހުރިހާ ދޮރުތަކެއް ނުހުޅުވިދާނެއެވެ. ނަމަވެސް ވަރަށް ގިނަ ދޮރުތައް އެ ތަޅުދަނޑިން ހުޅުވޭނެއެވެ.
"އަސްތަޣްފިރުﷲ"ގެ މާނައަކީ "ޔާﷲ! އިނބަރަސްކަލާގެ ހަޟްރަތުން މިއަޅާއަށް މަޢާފްކުރެއްވެވުމަށް އެދެމެވެ. މިއަޅާއަށް މާފްކުރައްވަވާނދޭވެ." އެވެ.
އަހަރެމެންނަށް ގިނަފަހަރު ޤަބޫލުކުރެވިފައި އޮންނަނީ "އަސްތަޣްފިރުﷲ" ކިޔަން ޖެހޭނީ ތިމާއަށް ކުށެއް ކުރެވުމުން ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ކުށެއް ކުރެވުނުކަން ތިބާއަށް ޤަބޫލު ނުކުރެވުނު ނަމަވެސް "އަސްތަޣްފިރުﷲ" ކިޔާށެވެ. އެއީ ތިބާއަށް ބަންދުވެފައި ހުރި ގިނަ ދޮރުތަކެއް ތިބާއަށް ހުޅުވައިދޭނެ ތަޅުދަނޑިއެވެ. އެއީ ތިބާއަށް މިދުނިޔެއާއި އެދުނިޔޭގެ ގިނަގުނަ ރަޙްމަތްފުޅުތަކެއް ލިބިގެންދާނެ އަމަލެކެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އަމަލުފުޅުތަކުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. އިތުރު މާތް ނަބިއްޔާއަކީ އެއްވެސް ކުށެއް، ފާފައެއް ކުރެއްވެވި ބޭފުޅެއް ނޫނެވެ. ނަމަވެސް ދުވާލަކު 70 ފަހަރު، ބައެއް ދުވަސް ދުވަހު 100 ފަހަރު "އަސްތަޣްފިރުﷲ" ވިދާޅުވިއެވެ. އެއީ އެކަމުން ދެ ދުނިޔޭގައިވެސް ލިބެން ހުރި ނިޢުމަތްތަކުގެ މަތިވެރިކަމުންނެވެ.
ގުޅުންހުރި ވީޑިއޯ: