ސާޖިއޯ ރޮބާޓޯ ވެސް ބާސާއާއެކު ކޮންޓްރެކްޓް އާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 36ސ
ސާޖިއޯ ރޮބާޓޯ ވެސް ބާސާއާއެކު ކޮންޓްރެކްޓް އާކޮށްފި
ބާސެލޯނާގެ ހުނަރިވެރި ކުޅުންތެރިޔާ ސާޖިއޯ ރޮބާޓޯ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން އެއްބަސްވެއްޖެއެވެ.

ބާސެލޯނާގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން، ސާޖިއޯ ރޮބާޓޯއާއި ބާސެލޯނާއާ ދެމެދު އެއްބަސްވި އާ ކޮންޓްރެކްޓް ހަމަވެގެންދާނީ 30 ޖޫން 2022 ގައެވެ. އާ ކޮންޓްރެކްޓްގެ ދަށުން ރޮބާޓޯގެ ރިލީޒް ކުލޯސްގެ ގޮތުގައި ހަމަޖެހިފައިވަނީ 500 މިލިއަން ޔޫރޯކަމަށް ވެސް ބާސާގެ ވެބްސައިޓްގައި ވެއެވެ.

ބާސެލޯނާގެ އާ ކޮންޓްރެކްޓްގައި ވަރަށް އަވަހަށް ރޮބާޓޯ ރަސްމީކޮށް ސޮއިކުރާނެކަަމަށް ބާސާގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ސާޖިއޯ ރޮބާޓޯ އަންނަނީ ބާސާ ޓީމުގެ އެކި މަޤާމުތަކަށް ކުޅެމުންނެވެ. އެ ގޮތުން، ބާސާގެ ޑިފެންސް، މިޑްފިލްޑް، އަދި އެޓޭކިން މަޤާމުތަކަށް ވެސް ރޮބާޓޯ ވަނީ ކުޅެފައެވެ. އެކި މަޤާމުތަކަށް ކުޅެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮބާޓޯއަކީ ބާސާގެ ސަޕޯޓަރުންގެ މެދުގައި ވެސް މަޤުބޫލުކަން ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ލަދުވެތި ގޮތަަކަށް ފްރާންސްގެ ޕީއެސްޖީ ކަޓުވައިލި ލަނޑު ވެސް ބާސާއަށް ކާމިޔާބުކޮށްދިނީ ރޮބާޓޯއެވެ. އަދި ލަލިގާގައި ވާދަވެރި ރިއާލް މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނުމުގައި ރޮބާޓޯ ވަނީ ވަރަށް މުހިންމު ރޯލެއް އަދާކޮށްފައެވެ.

ބާސެލޯނާގެ ލަމަސިއާ އެކެޑެމީއިން ތަމްރީން ލިބިފައިވާ ރޮބާޓޯ، ބާސާގެ ރަސްމީ ފުރަތަމަ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2010 ވަނަ އަހަރުއެވެ. އެއަށްފަހުގައި ވޭތުވެދިޔަ 7 ސީޒަންގައި ރޮބާޓޯ ވަނީ ބާސާއާއެކު 18 ތަށްޓެއް އުފުލާލައިފައެވެ. އެއީ 4 ސްޕެނިޝް ލަލިގާ، 2 ޗެމްޕިއަންސް ލީގު، 4 ކޮޕަޑެލްރޭ، 4 ސްޕެނިޝް ސުޕަކަޕް، 2 ޔޫއެފާ ސުޕަކަޕް، އަދި 2 ކްލަބް ވޯލްޑްކަޕެވެ.

ބާސެލޯނާގެ ރަސްމީ ފުރަތަމަ ޓީމަށް ރޮބާޓޯ ކުޅުނު 178 މެޗެއްގައި 7 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.



މިއަދު އޮންލައިން