ދީނީ ބައެއް ސުވާލާއި ޖަވާބު 1

ކިޔުމަށް ހޭދަވާނީ 3މ 2ސ
ދީނީ ބައެއް ސުވާލާއި ޖަވާބު 1
މިއީ "އިސްލާމިކް ނޮލެޖު ވައިބަރ ގްރޫޕް" އަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ދީނީ ސުވާލުތަކާއި އޭގެ ޖަވާބު ތަކެވެ.

މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚް ޑރ. މުޙައްމަދު އިޔާޒް ޢަބްދުލް ލަތީފު އެވެ.

• ސުވާލު- އަޅުގަނޑުގެ ސުވާލަކީ މީހަކާއި އިނދެގެން އެހެން މީހަކާއި ގުޅުން ހިންގިފައިވާ އަންހެނަކު ތަޢުބާ ވިޔަސް މާތް ﷲ އެމީހެއްގެ ތަޢުބާ ޤަބޫލު ނުކުރައްވާނެތޯ؟ އަދި އޭނާ އިސްލާޙުވެ އެކަމާއި ތަޢުބާ ވާނީ ކިހިނެއްތޯ؟ ފިރިމީހާ ކައިރީގައި ބުނަން ޖެހޭނެތޯ އެކަމަކު ބުނެފިނަމަ ވަރި ކޮށްފާނެތީ ބިރުގަންނަންޏާ ދެން ކަންތައް ކުރާނީ ކިހިނެއްތޯ؟

ޖަވާބު- ތަޢުބާވުމުން ތަޢުބާ ޤަބޫލު ކުރައްވަވާނެ. ނަމަވެސް ތިޔަ ކަމަކީ އެހެން މީހެއްގެ ޙައްޤަކާއި ގުޅިފައިވާ ކަމެއްކަމުން އެމީހާގެ ފަރާތުން މާފު ލިބެން ޖެހޭނެ. ޒިނޭ ކުރި ވާހަކަ ފިރިމީހާ ގާތު ބުނުމަކީ ވަރަށް ބޮޑު މައްސަލަތަކެއް އުފެދިދާނެ ކަމެއް. ވީމާ އެކަމުން ތަޢުބާވެ ފިރިމީހާ ފިރިމީހާއަށްޓަކައި ގިނަގިނައިން ދުޢާ ކޮށްދީ، އޭނާގެ ނަމުގައި ޞަދަޤާތް ކޮށް ހަދާނީ.

• ސުވާލު- މަންމައާއި ބައްޕައާއިމެދު ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން، އެމީހުން ނިޔާވުމަށްފަހު އިޙުސާސްވަންޔާ، ދެން އެމީހުންނަށްޓަކައި ކޮށްދެވެން އޮތީ ކޮންކަމެއް؟ އަދި އެގޮތަށް އިޙުސާސްވަންޔާ ދަރިން މަރުވުމަށްފަހު ފާފަ ލިބޭނެތޯ؟

ޖަވާބު- އެމީހުންނަށްޓަކައި ގިނަ ގިނައިން ހެޔޮ ދުޢާ ކޮށްދީ. އަދި އެމީހުންގެ ނަމުގައި ޞަދަޤާތް ކުރުން ގިނަ ކުރައްވާ.

• ސުވާލު- އަންހެނަކު ޙައިޟުގެ ދުވަސްވަރު ޤުރްއާން ކިޔެވިދާނެތޯ ހިތައް ބިރު ހީވާނަމަ؟

ޖަވާބު- މުސްޙަފްގައި އަތްނުލާ ކިޔެވިދާނެ.

• ސުވާލު- އައްސަލާމް އަލައިކުމް. ކޮޅަށް ހުންނަން ވަރަށް އުނދަގޫ އެކަމަކު ސަޖިދައަށް ދެވޭ އައްތަޙިޔާތަށް ވެސް އިނދެވޭ. އެކަމަކު ކޮޅަށް ނުހުރެވޭތީ ގޮނޑީގައި އިނދެ ނަމާދު ކުރުން ރަނގަޅުތޯއެވެ؟

ޖަވާބު- އެހެންވީމަ ގޮނޑީގައި އިނދެ ނަމާދު ކޮށްފައި ސަޖިދަ އާއި އިށީނުންތައް އާދައިގެ މަތިން ކުރާނީ

• ސުވާލު- ބޮލުމެދަށް ހުޅިޖެހުމުގެ ބަދަލުގައި ވީހާވެސް ތިރީގައި ހުޅިޖަހާ މީހާގެ ހުކުމަކީ ކޮބާތޯ؟

ޖަވާބު- ހުޅި ޖެހިޔަސް ބޭރަށް ނޭނގޭ ގޮތަށް ބެހެއްޓީމަ ރަނގަޅު ވާނެ.

• ސުވާލު- އަންހެނެއްގެ ސަބަބުން ފިރިހެނަކަށް އަޒާބު ލިބިދާނެތޯ؟

ޖަވާބު- އަންހެނަކަށް އަނިޔާވެރި ވެފައިވާނަމަ ލިބޭނެ.

• ސުވާލު- ތިމާގެ މީހުންނަށްވުރެ 'ބޯއީފްރެންޑް' އިސްކޮށް،ތިމާގެ މީހުންނާއި ދިމާލަށް ހަޑި އެއްޗެހި ކިޔާ މީހުންގެ އަޒާބަކީ ކޮބާތޯ؟

ޖަވާބު- ބޯއީފްރެންޑް އަކީ އިސްލާމްދީން ޤަބޫލުކުރާ އެއްޗެއް ނޫން. ގާތް ތިމާގެ މީހުންނަށް ކަމޭ ހިތަން ޖެހޭނެ. އެމީހުންނަށް އިޚްތިރާމް ކުރަން ޖެހޭނެ.

• ސުވާލު- ނަމާދު ޤަޟާ ކުރެވިދާނެތޯ؟ ދަލީލާއިއެކު ބުނެ ދެއްވަފާނަންތޯ؟

ޖަވާބު- ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި ކުރަން ޖެހޭނެ. ނިދިގެން ނުވަތަ ހަނދާން ނެތިގެން ނުވަތަ ފަރުވާ ކުޑަ ވެގެން ނަމަވެސް ނަމާދު ވަގުތު ފާއިތު ވެއްޖެނަމަ ޤަޟާ ކުރަން ޖެހޭނެ. ރަސޫލާ (ޞޢޥ) އެއްފަހަރެއްގައި ދަތުރެއްގެ މަތީގައި އުޅުއްވަނިކޮށް ފަތިސް ނަމާދަށް ހޭފުޅު ލެއްވުނީ އިރުއެރި ފަހުން. ހޭފުޅު ލެއްވުމާއިއެކު އެކަލޭގެފާނު އެނަމާދު ޤަޟާ ކުރެއްވެވި.

• ސުވާލު- ދުލުން ހަޑި އެއްޗެހި ކިޔާ މީހުންނަށް ހުރި އަޒާބަކީ ކޮބާތޯ؟

ޖަވާބު- އެންމެ ގިނައިން ނަރަކައަށް ވައްޓާލެވޭ ސަބަބަކީ ދޫ ރައްކާތެރި ނުކުރެވުން.

• ސުވާލު- ކަައިވެނި ކޮށްގެން ހަ މަސް ވަންދެން ހަރަދު ނުކޮށް ހުރެފިނަމަ ވަރި ވާނެތަ؟

ޖަވާބު- އޮޓޮމެޓިކުން ވަރިއެއް ނުވާނެ. ނަމަވެސް ފިރިމީހާގެ ފަރާތުން ހަރަދު ނުލިބޭނަމަ ވަރިއަށް އެދުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވޭ.

މިއަދު އޮންލައިން