ފަން އައިލަންޑުގަ ކަސްޓަމާ ފުލުހުންގެ 16 އޮފިސަރުން އެބަތިބި- 3 ލޯންޗް ރިޒޯޓުގެ ބޭރުގަ އެބައޮތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފަން އައިލަންޑުގަ ކަސްޓަމާ ފުލުހުންގެ 16 އޮފިސަރުން އެބަތިބި- 3 ލޯންޗް ރިޒޯޓުގެ ބޭރުގަ އެބައޮތް
ފަން އައިލަންޑު ރިޒޯޓުގައި މިހާރު ކަސްޓަމާއި ފުލުހުންގެ 16 ވަރަކަށް އޮފިސަރުން އެބަތިބި ކަމަށާއިި 3 ލޯންޗެއް ބޭރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ރިޒޯޓުން ބުނެފިއެވެ.

ރިޒޯޓުން ބުނީ ކޯޓު އަމުރާއި އެއްގޮތަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ކޯޓު އަމުރުގެ ބޭރުން އެއްބާރުލުން ނުދޭނެ ކަމަށެވެ. ފަން އައިލަންޑަށް މީރާގެ އެއްވެސް އޮފިސަރަކު މިއަދު ގޮސްފައެއް ނުވެއެވެ.

ވިލާ ގްރޫޕުގެ ޗެއަރަމަން ޤާސިމް އިބްރާހީމްގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް މިއަދު ވިދާޅުވީ ވިލާ ގްރޫޕުގެ ރިޒޯޓުތަކުގައި ބަނގުރާ ވިއްކަމުން ދަނީ ބަނގުރާ ވިއްކުމުގެ ހުއްދަ އޮވެގެން ކަމަށެވެ.

ޝަމީމް ވިދާޅުވީ ވިލާގެ 4 ރިޒޯޓަކަށް ކުރިމަތިވެފައި އޮތް ހަމައެކަނި ހުރަހަކީ އެ 4 ރިޒޯޓުގެ ނަމުގައި އެތެރެކުރާ ތަކެތި ކަސްޓަމްސް އިން ދޫނުކުރުން ކަމަށެވެ. އެހެންކަމުން ޤާނޫނާއި އެއްގޮތަށް ރާއްޖެއިން ތަކެތި ހޯދައިގެން ވިއްކުމަކީ އެ 4 ރިޒޯޓަށް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެކަމަކީ ރާއްޖޭގައި ޢާންމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ ބަލައިފާސްކުރުމުގެ އަމުރެއް ހިފައިގެން ގޮސް އެއްވެސް އެއްޗެއް ގެންދާނަމަ އެކަންވާނީ ޤާނޫނީ ގޮތުން ފޭރުމުގެ އަމަލަކަށް ކަމަށެވެ. ކޯޓު އަމުރެއް ނެތި މުދައު ގަދަކަމުން ގެންދާނަމަ އެކަމަށް ހުރަސް އެޅުމަކީ ޤާނޫނުން ހުއްދަކުރާ ކަމެއް ކަމަށާއި އެކަން ކުރެވޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ ވިލާ ގްރޫޕުގެ އެއްވެސް ރިޒޯޓަކުން ޤާނޫނީ އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށާއި ޖިނާޢީ ކުށެއް ކުރާނަމަ އެކަމެއްގެ މައްސަލަ ބަލަންޖެހޭނީ އެފަދަ މައްސަލައެއް ބަލަން ކަނޑައަޅާފައިވާ މުއައްސަސާއަކުން ކަމަށެވެ.
މިއަދު އޮންލައިން