ތިބާގެ ލޮލަށް މިދުނިޔޭގައި ފެނުނު ނަމަވެސް ތިބާއަކީ އާޚިރަތް ދުވަހު ކަނުމީހެއްގެ ގޮތުގައި މަހްޝަރުކުރެވޭ މީހަކަށް ވެދާނެއެވެ. މިއީ ވަރަށް ބިރުހުރި ކަމެކެވެ. އެހެނީ ލޯ އަނދިރި މީހެއްގެ ގޮތުގައި ތިބާ މަހްޝަރު ކުރެވިއްޖެނަމަ ތިބާ ވާނީ ގެއްލެނިވެގެންވީ މީހުންގެ ތެރެއިންނެވެ.
އެފަދަ މީހުން އެދުވަހު ސުވާލުކުރާނެއެވެ. ތިމަންނަމެންނަކީ ދުނިޔޭގައި ލޮލަށް ފެނިގެން އުޅުނު ބައެކެވެ. ލޯކަނު ބައެއް ނޫނެވެ. އަޅަމެންގެ ލޯތައް މިއަދު ކަނުވެފައި މިވަނީ ކީއްވެގެންތޯއެވެ!
އެފަދަ މީހުންނަށް މާތް ﷲ ވަޙީ ކުރައްވަވާނެތެވެ. "އެދުވަހު ކަލޭގެ ލޮލަށް ތިމަން ﷲ ދެއްކެވި ހެކިތައް (މާތް ﷲ ވޮޑިގެންވާކަމާއި އާޚިރަތް ދުވަސް އަންނާނެކަމާއި ހިސާބު ބެލެވޭނެކަމުގެ) ތިބާއަކަށް ނުފެނުނެވެ. (އެބަހީ ތިބާ އިސްލާމް ދީނަށާއި މާތް ﷲ ގެ އެންގެވުންތަކަށް ފުރަގަސްދިނީއެވެ. ކީރިތި ޤްރްއާން ބަލައި ނުގަތީއެވެ. ކައު އިތުރު ރަސޫލާ (ޞޢވ) ގެ އެންގެވުންތަކަށް ބީރުކަންފަތެއް ދިނީއެވެ.)
ދުނިޔޭގައި ލޮލަށް ނުފެނުމަކީވެސް ބޮޑު ނިއުމަތެކެވެ. ދުނިޔޭގައި ލޯ އަނދިރި ނަމަވެސް އެމީހާގެ ހިތަކީ ހުޅުވައިލެވިފައިވާ ހިތެއް ނަމަ އެމީހަކު ސުވަރުގެ ވައްދަވާނެކަމަށް މާތް ﷲ ވަޙީ ކުރައްވަވާފައިވެއެވެ. (ހުޅުވާލާފައިވާ ހިތަކީ ކަންކަމާއިމެދު ވިސްނާ ހިތެވެ. ލޯ އަނދިރި ނަމަވެސް ހިތުގެ ބޭނުން ކުރީމާ މާތް ﷲ ގެ އެންގެވުންތައް އެނގޭނެއެވެ. އިސްލާމް ދީނަށް އަމަލުކުރަން އެނގޭނެއެވެ. ލޯ އަނދިރި އެތައް ބައަކު މާތް ﷲ އަށް އަޅުކަންކޮށް މާތް ﷲ އެންގެވި ގޮތަށް އުޅެއެވެ.)
ގުޅުންހުރި ވީޑިއޯ: