އަގުއޭރޯގެ ހެޓްރިކުން ސިޓީއިން ނިއު ކާސަލް ބަލިކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 5ސ
އަގުއޭރޯގެ ހެޓްރިކުން ސިޓީއިން ނިއު ކާސަލް ބަލިކޮށްފި


އިނގިރޭސި ޕްރެމިއާ ލީގުގައި އާޖެންޓީނާ ސްޓައިކަރު ސާޖިއޯ އަގުއޭރޯގެ ހެޓްރިކުން 1-3 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީއިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިއެވެ.
ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މި މެޗުގައި ވެސް ސިޓީއިން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭ ގޭމްގައި ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރަމުންނެވެ. ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރަމުން ގޮސް، މެޗުގެ 34 ވަނަ އަގުއޭރޯގެ ލަނޑުން ސިޓީއަށް ލީޑު ނަގައިދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ސިޓީ ލަނޑެއްގެ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކާފައިވަނީ ސިޓީގެ ފަރާތުންނެވެ. އެ ގޮތުން، މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަގުއޭރޯގެ ދެވަނަ ލަނޑު ޖަހައި ސިޓީއަށް ލީޑު ފުޅާކޮށްދިނެވެ. އޭގެ 4 މިނެޓު ފަހުން، ނިއުކާސަލްގެ ޖެކޮބް މާފީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އަގުއޭރޯގެ ތިންވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 0-4 ގެ ނަތީޖާއިން ޗެލްސީ މޮޅުވެގެންނެވެ. މި މެޗުގައި ޗެލްސީގެ އެޑެން ހަޒާޑު ދެ ލަނޑު ކާމިޔާބުކުރިއިރު، ވިލިއަންއާއި ވެކްޓާ މޮސެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.

އާސެނަލްއާއި ކްރިސްޓަލް ޕެލެސް ބަދަލުކުރި މެޗު އާސެނަލްއިން ކާމިޔާބުކުރީ 1-4 ގެ ނަތީޖާއިންނެވެ. މި މެޗުގައި އާސެނަލްގެ ލަނޑުތައް ކާމިޔާބުކުރީ ނާޗޯ މޮންރެއާލް، އަލެކްސް އިވޯބީ، ލޯރެންޓް ކޮޝިއެލްނީ، އަދި އަލެކްސަންޑަ ލަކަޒޭޓްއެވެ. ކްރިސްޓަލް ޕެލެސްގެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކާ މިލިވޯޖެވިޗްއެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ބާންލީއާ ބައްދަލުކުރި މެޗުން ޔުނައިޓެޑް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މެޗުގެ 54 ވަނަ މިނެޓުގައި އެންތޯނީ މާޝިއަލްއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 24 މެޗުން 65 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު 24 މެޗުން 53 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 24 މެޗުން 50 ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ޗެލްސީއެވެ. އާސެނަލް އޮތީ ކުޅުނު 24 މެޗުން 42 ޕޮއިންޓް ލިބިގެން ހަވަނައިގައެވެ.
ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ލިވަޕޫލް މާދަމާ ރޭ ނުކުންނާނީ ސްވެންސީ ސިޓީއާ ދެކޮޅަށެވެ. ލީގު ތާވަލުގެ ފަސްވަނައިގައި އޮތް ޓޮޓެންހަން މިރޭ ނުކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ.
މިއަދު އޮންލައިން