މިއީ "އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕް" އަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކާއި އޭގެ ޖަވާބެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ. މުޙައްމަދު އިޔާޒު އަބްދުލް ލަތީފު އެވެ.
• ސުވާލު- މީހުން ދިރިއުޅޭ ރަށެއްގައި ސިހުރު ހަދާ މީހުންގެ ހަރަކާތްތައް އިތުރުވެ ކަށިނޫފުރައިގެ ޒުވާނުންވެސް މުސްކުޅިން ކައިރިން އުނގެނި ސިހުރުގެ އަމަލުތައް ކުރަމުން ދާތީއާއި ސިހުރުގެ ސަބަބުން ކުށެއް ނެތް މައުސޫމް މީހުން ބަލިވެ، ވިޔަފާރިވެރިންނާއި އޮޑިދޯނި ފަހަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސިހުރު ހަދަމުންދާނަމަ އެސިހުރުތައް ނައްތާލުމަށް ނުވަތަ ރަށުގެ އަމާންކަން ގާއިމް ކުރުމަށް ސިހުރު ބާތިލް ނުވަތަ ރުޤްޔާ ރަށުގެ ބަޔަކު އިސްވެ އަޑުގަދަކުރާއަކުން ރަށުތެރޭގައި ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު- ރަނގަޅު ކަމެއް.
• ސުވާލު- ފިރިމީހާ ގަދަކަމުން އަނބިމީހާއާއި ޖިންސީ ގުޅުން ހިންގިއްޔާ، އެއީ ރޭޕް ކުރުން ކަމުގައި ވާނެތޯ؟
ޖަވާބު- ނުވާނެ
• ގްރެޖުއޭޓްވާ ދަރިވަރަކު ގްރެޖުއޭޝަން ސެރެމޮނީގައި ބައިވެރިވުމަކީ ދެއްކުންތެރިކަމުގެ އަމަލަކަށް ވާނެތޯ؟
ޖަވާބު- އެކުއްޖެއްގެ ނިޔަތް އިނގޭނީ އެކުއްޖަކަށް. ހެޔޮ ނިޔަތުގައި ވެސް އެކަން ކުރެވިދާނެ.
• ސުވާލު- އަޅުގަނޑުގެ ރައްޓެއްސަކު އިތުރު ދަރިފުޅަކު ބޭނުންވެގެން ކުއްޖަކު (މަންމަ ނުބަލަން ވެގެން އެއްލާލާފައިވާ ކުއްޖަކު) އެޑޮޕްޓް ކުރަނީ. މިއީ ދީނުގައި ރަނގަޅު ކަމެއްތޯ؟
ޖަވާބު- އެޑޮޕްޓް ކުރުން އިސްލާމް ދީނުގައި ހުއްދައެއް ނޫން. ނަމަވެސް ކުދިންނަށް އަޅާލުންދީ ބޮޑު ކުރުން ރަނގަޅު ކަމެއް. އެންމެ ރަނގަޅު ގޮތަކީ ކިރުބޯ އުމުރު ގެ ކުއްޖަކު ހޯދާފައި އެކުއްޖާއަށް ކިރު ދިނުން. އެއިރުން އެކުއްޖާގެ ކިރުމަންމަ އަކަށް ވާނެ.
• ސުވާލު- ސަޖިދައަށް ދާއިރު ދެފައި ބަހައްޓަން ޖެހޭނީ ޖައްސާފަތޯ ނޫނީ ދުރުކޮށްފަތޯ؟
ޖަވާބު- ގިޔާމުގައި ވެސް ހުރި ވަރަށް. ނަމަވެސް މުންޑު އަނދެގެން ނަމާދު ކުރައްވާ ބޭފުޅުން ދެފައި ކައިރި ކުރުން ރަނގަޅު. ސަބަބަކީ ދެފައި ދުރުގައި ހުންނަ ނަމަ ފަހަރުގައި ކަކޫ ކަޝްފުވުން ގާތް ކަމަކަށް ވާތީ.
• ސުވާލު- ސަޖިދައަށް އޮންނާތީ ނިތްކުރީގައި ލާފަ ހުންނަ ކުރަގަނޑު ފިލުވައިފިނަމަ އަޒާބު ލިބޭނެތޯ؟
ޖަވާބު- އެއީ ފާފަވެރި ވާނެ ކަމެއް ނޫން.
• ސުވާލު- ޙަޝްރު ސޫރަތުގެ ފަހު ތިން އާޔަތްތޯ ކިޔަވަން އޮންނަނީ ނުވަތަ ފަހު ދެ އާޔަތް ތޯ؟ އަދި މި އާޔަތްތައް ކޮންމެ ނަމާދަކަށް ފަހު ވެސް ކީދާނެތޯ؟
ޖަވާބު- ނަމާދަށްފަހު ތިޔަ އާޔަތްތައް ކިޔަވާކަށް ނޯވޭ.
• ސުވާލު- މީހެއްލައްވާ މަސައްކަތެއް ކުރުވާފަ، އުޖޫރަ ނުދީ އެމީހާ ޝަކުވާ ކުރަންދެން ފަސް ކުރުމަކީ ފާފަވެރި ވާނެ ކަމެއްތޯ؟
ޖަވާބު- މަސައްކަތް ކުރި މީހާގެ ގައިން ދާ ހިކުމުގެ ކުރިން އޭނާގެ އުޖޫރަ ދިނުމަށް ރަސޫލާ (ޞޢޥ) އަމުރު ކުރައްވާފަވޭ.
• ސުވާލު- ވަރަށް ގިނަ އަހަރު ވަންދެން މިސްކިތުގެ މުދިމަކަށް އުޅޭ ޒުވާނެއް، ރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރަނީވެސް އޭނަ. ނަމަވެސް އޭނާއަކީ ފާހިޝް ކަންކަމަށް އަރައިގަންނަ މީހެއް. އޭނާގެ ހެޔޮ ޢަމަލުތައް އިޙުލާސްތެރި ކަމަށް ބެލެވިދާނެތޯ؟ މިކަމުގައި ޝެއިޚްގެ ޖަވާބަކީ ކޮބާތޯ؟
ޖަވާބު- އިޚުލާސްތެރި ކަމާއިއެކު ނަމާދު ކުރާނަމަ ފާޙިޝް ކަންތަކާއި ދުރުހެލި ވާނެ.
• ސުވާލު- ޒިނޭ ކޮށްފަ ހުރި މީހަކު ތަޢުބާވާން ބޭނުންވެއްޖެނަމަ ކަންތައް ކުރާނީ ކިހިނެއް؟
ޖަވާބު- އެހެންވެސް ކުށްތަކުން ތައުބާވާ އުސޫލުން ކުރެވުނު ކަންތަކާއިމެދު ހިތާމަކޮށް، ދެން އެފަދަ ކަމެއް ނުކުރުމަށް އަޒުމް ކަނޑައަޅާ ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީ.
• ސުވާލު- އިސްލާމީ ޤައުމެއްގައި އެހެން ޤައުމެއްގެ ޤައިރު މުސްލިމު ފާދިރީން ނުވަތަ ބޮޑުން އައިސް އުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެކަހަލަ މީހުން އިސްލާމީ ޤައުމަކަށް އެރުން މަނާ ކުރަން ޖެހޭނެތޯ؟
ޖަވާބު- އެހެން ދީން ތަކުގެ މީހުންނަށް ވެސް އިސްލާމީ ޤައުމުތަކަށް އައިސް އުޅެވެން ޖެހޭނެ. އެކަން މަނާ ކުރެވިގެން ނުވާނެ.
• ސުވާލު- އަބަދު ބިރުގަނެފަ ހުންނަނީ ފިރިމީހާއަށް ކަމެއް ވެދާނެތީ ނޫނީ އޭނައާއި ވަކިވާން ޖެހިދާނެތީ. މިޒަމާނުގައި ވަރިއާއި އެއްޗެހި ގިނަ ވެފަ އޮތީމަ. އަބަދު އެހެން ބިރު ގަންނަނީ ކީއްވެތޯ އަދި މިކަމާއިމެދު ކަންތައް ކުރާނީ ކިހިނެއްތޯ؟
ޖަވާބު- ގިނަގިނައިން ޤުރްއާން ކިޔަވާ ހެޔޮ ޢަމަލު ގިނަ ކުރާނީ.
• ސުވާލު- ތިމާގެ އަނބިމީހާއަށް އެތައް ފަހަރެއްގެ މަތިން ދޮގު ހަދާ އޮޅުވާލުމަށްފަހު އަނބިމީހާއަށް ސިއްރުން އެހެން މީހަކާއި ކައިވެނި ކުރުމުން، ފިރިމީހާ މަކަރުހަދާ އޮޅުވާލީ ކަމަށް ވާނެތޯ؟
ޖަވާބު- ޝައްކެއްވެސް ނެތް ގޮތުގައި ދޮގާއި އޮޅުވާލުމަކީ މަކަރު ހެދުން.
• ސުވާލު- ވުޟޫ ކޮށްގެން ހުރެ ފާޚާނާއަށް ވަނުމުން ވުޟޫ ގެއްލޭނެތޯ؟ ފާޚާނާ ކުރާކަށް ނޫން ވަންނަނީ.
ޖަވާބު- ނުގެއްލޭނެ.
• ސުވާލު- ފިރިމީހާ ވަޒީފާއަށް ނުގޮސް އަނބިމީހާއަށް ލިބޭ ފައިސާ ބޭނުން ކުރުމަކީ ކޮންކަހަލަ ކަމެއް؟ އަދި އަނބިމީހާގެ ކޭޝްކާޑު ހިފައިގެން ރައްޓެހިންނާއިއެކު ކޮފީތަކަށް ގޮސް ބިލް ކަނޑާ ސިގަރެޓް ބޮއެ ހުސް ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު- އަނބިމީހާ ރުހޭ ނަމަ މައްސަލައެއް ނެތް. ނުރުހޭނަމަ ބޭނުމެއް ނުކުރެވޭނެ.