މުޝްރިކުން ބުނެ އުޅުނެވެ. އަހަރެމެން ކުރަނީ ނުބައި ކަންކަން ނަމަ އަހަރެމެންނަށް ވަގުތުން ކޯފާ ލެއްވެވީހެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މުޝްރިކުން ބުނެ އުޅުނެވެ. އަހަރެމެން ކުރަނީ ނުބައި ކަންކަން ނަމަ އަހަރެމެންނަށް ވަގުތުން ކޯފާ ލެއްވެވީހެވެ!
ބައެއް މީހުންނަށް އެމީހުންގެ ޙަޔާތުގައި އެއްވެސް މުޞިބާތެއް ނުޖައްސަވައި އަހަރުތަކެއް ފާއިތުވެދާނެއެވެ. އެދުވަސްތަކުގައި އެމީހަކު ކުރަން ބޭނުން ކޮންމެ ކަމެއް އެމީހަކަށް ކުރެވެއެވެ. ކުރަން އުޅޭ ކޮންމެ ކަމެއް ކާމިޔާބުވެސް ވެއެވެ.

އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުން ކުރާ ކަންކަން މާތް ﷲ ނުހުއްޓުވަނީ ވަގުތުން ކޯފާއެއް ނުލައްވަވަނީ އެމީހުންގެ ނިޔަތް މާތް ﷲ އަށް އެނގިވޮޑިނުގަންނަވާތީ ކަމަށެވެ. މަލާއިކަތުން އެމީހުންގެ އަމަލުތައް ފަތުގައި ލިޔުއްވުމުގައި މައްސަލައެއް އުޅެނީ ކަމަށެވެ. އެހެންވީމާ ހަމަ ހިތުހުރިހާ ގޮތަކަށް އުޅެންވީ ކަމަށެވެ. ކުރަން ބޭނުން ކޮންމެ ކަމެއް ކުރަންވީ ކަމަށެވެ.

ޔަހޫދީންގެެ އަމަލުތަކަށް ނިކަން ބަލައިލަބަލާށެވެ. އެމީހުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަރިއަހަށް ދެއެވެ. ގޮސް ސަލާމަކަށް ވެސް ބުނަނީ ތިބާއަށް މަރުހުއްޓެވެ. މިފަދަ ނުބައިކަން ބޮޑު ބަސްތަކެވެ.

އެފަދަ ބަސްތައް ބުނުމަށްފަހު އެނބުރި ގޮސް ބުނެއުޅުނެވެ. "އަހަރެމެން މިތިބީ ހައްޤު ގޮތުގައެވެ. އަހަރެމެންނަށް މިކުރެވޭ ކަންކަމަކީ ނުބައި އަމަލުތަކެއް ނަމަ، މިބުނަނީ ނުބައި ބަސްތަކެއް ނަމަ މާތް ﷲ އަހަރެމެންނަށް ވަގުތުން ކޯފާ ލެއްެވެވީހެވެ. ވަގުތުން އަހަރެމެން ހުއްޓުވީހެވެ؟"

(އެއީ އެދުވަހެވެ. މިއަދުވެސް ފެންނަމުން މިދަނީ ހަމަ އެފަދަ މީހުން ދުނިޔޭގައި އުޅެމުންދާތަނެވެ. ހަމަ އެފަދަ އަމަލުތައް ކުރަމުން ގެންދާ މީހުން އުޅޭތަނެވެ. ތިމާއަށް ބާރެއް މާތް ﷲ ދެއްވަވައިފިނަމަ އެމީހަކު ހިތަށް އެރިހައި ގޮތަކަށް އަމަލުކުރާތަނެވެ. އެމީހަކަށް ކުރަން ފެނުނު ކޮންމެ ކަމެއް ކުރަމުން ގެންދާތެނެވެ.

އެފަދަ ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުން ތިބީ ހަމަ ހައްޤު މަގުގައި ކަމަށެވެ. ހައްޤު މަގުގައި ނެތް ނަމަ މާތް ﷲ ވަގުތުން ކޯފާ ލައްވަވާނެ ކަމަށެވެ. އަނެއްބައި މީހުންނަށް މާތް ﷲ ގެ ކުޅަދުންވަންތަކަމާއި މާތް ﷲ ވޮޑިގެންވާކަން ޤަބޫލުކުރެވޭ ކަމަކަށްވެސް ނުވެއެވެ.)

ކޮންމެ މީހަކުވެސް ވިސްނައިލަންވީ ހާލަތު ހަމަ ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ ކަމެވެ. ކޮންމެ ވަގުތަކުވެސް ތިމާގެ އަމަލުތަކުގައި ނިމުމުގެ ސިއްކަ ޖެހިދާނެ ކަމެވެ. ކޮންމެ ފަދަ މުޞީބާތެއް ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ ކަމެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން