ނަރަކަ (1)؛ ނަރަކައިގެ ވަށައިގެންވަނީ ނަރަކައަށް މީހުން ވަންނާނެ ސަބަބުތައް- ސަލާމަތްކަން އެދޭނަމަ ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ނަރަކަ (1)؛ ނަރަކައިގެ ވަށައިގެންވަނީ ނަރަކައަށް މީހުން ވަންނާނެ ސަބަބުތައް- ސަލާމަތްކަން އެދޭނަމަ ބިރުވެތިވޭ!
ނަރަކައަކީ ކޮބައިހެއްޔެވެ؟ ނަރަކައަކީ ހޫނުގަދަ އަލިފާނުން މާތްﷲ އުފައްދަވާފައިވާ ޖަލެވެ. މިދުނިޔެމަތީގައި މިފެންނަ ފަދަ ޖަލެއް ނޫނެވެ. އަނިޔާވެރިކަމާއި ބިރުވެރިކަން އެތައް މިލިއަން ގުނައަކަށް އިތުރުވެފައިވާ ތަނެކެވެ.

ފުރަތަމަކަމަކީ އެއީ ހޫނުގަދަވެގެންވާ އަލިފާނުން އުފައްދަވާފައިވާ ތަނަކަށްވުމެވެ. ނަރަކައަށް ވެއްދޭ ހިސާބުން ތިބާގެ ރުއިންތަކުގެ އަޑު އަހާނެ ހަމައެއްވެސް ފަރާތެއް ނެތެވެ. ކިތަންމެ ބާރަށް ރުއި ނަމަވެސް އެފަދަ ރުއިމެއްގެ އަޑު އަހާނެ އެއްވެސް މީހަކުވެސް ނުމެ ހުންނާނެއެވެ.

އެއްވެސް އެހީތެރިކަމަކަށް އެދި އަތްދިއްކޮށްލާނެ އެއްވެސް ދިމާއެއްވެސް ނުމެފެންނާނެމެއެވެ.

ނަރަކައިގައި ދެވޭ އަޒާބު ހުންނާނީ އަބަދުވެސް ލިބިލިބިއެވެ. އަޒާބުން ސަލާމަތްވާނެ ފަޅި ސިކުންތެއްވެސް ނުލިބޭނެއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ނަރަކަ އަދި ނުއުފައްދަވާ ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. ނަރަކަ އާއި ސުވަރުގެ މާތް ﷲ ވަނީ އުފައްދަވައިފައެވެ.

މާތް ﷲ ނަރަކަ އުފެއްދެވުމަށްފަހު ނަރަކަ ބައްލަވައިލައްވަން ޖިބްރީލްގެފާނަށް އެންގެވިއެވެ. ބައްލަވައި ލެއްވެވުމަށްފަހު ޖިބްރީލްގެފާނު މާތް ﷲ އަށް ދެނެނެވީ އެތަނަށް ވަންނަން އެއްވެސް މީހަކު ބޭނުންނުވާނެ ކަމަށެވެ.

އެގޮތަށް ދެންނެވުމާއިއެކު މީސްތަކުން ޝައުޤުވެރިވާނެ ގިނަ ކަންތައްތަކެއް ނަރަކައިގެ ވަށައިގެން މާތް ﷲ ލެއްވެވިއެވެ. އެކަންކަމުގެ ސަބަބުން މީސްތަކުން ނަރަކައަށް ވަންނާނެ ކަންތައްތަކެވެ.

އަންހެނުންނާއި މުއްސަނދިކަމެވެ. މިޔުޒިކާއި މީހުން މެރުމާއި ގޭމްބްލިންގއެވެ. މަސްތުވާ ތަކެއްޗާއި އެންމެހައި ނުބައި އަމަލުތަކެވެ. ނަމަވެސް މީސްތަކުންގެތެރެއިން ގިނަ ބައަކު އެކަންކަން ކުރުމަށް ޝައުޤުވެރިވާނެ ކަންތައްތަކެވެ.

އެއަށްފަހު ނަރަކަ ބައްލަވައިލެއްވެވުމަށް މާތް ﷲ ޖިބްރީލްގެފާނަށް އެންގެވުމުން ވަޑައިގެން ބައްލަވައިލެއްވެވުމަށްފަހު މާތް ﷲ އަށް ދެންނެވިއެވެ. "ޔާ ﷲ!. މިހާރު އެނަރަކައިން ސަލާމަތްވާނެ ހަމައެކަކުވެސް ނެތެވެ."

އެއިގެ މާނައަކީ ނަރަކައަށް ވަންނަންޖެހޭ ކަންކަން ކުރުމަށް ގިނަ ބައަކު ޝައުޤުވެރިވާނެ ކަމެވެ. ހިތް އުފާކުރުމުގެ ބޭނުމުގައި ގިނަ ބައަކު ކުރާނެ ކަންތައްތަކުން އެމީހުންނަށް ނަރަކައަށް ވަންނަން ޖެހޭނެ ކަމެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް މުޝްރިކުންގެ ކިބައިން ހިމާޔަތް ދެއްވަމުން ގެންދެވި ބޮޑުބޭބޭފުޅު އަވަހާރަވިއެވެ. އެއިގެ ކުޑަ ދުވަސްކޮޅެއްފަހުން އިތުރު މާތް ނަބިއްޔާ 25 އަހަރުވަންދެން ކައިވެނިފުޅު ބައްލަވައިގެން އުޅުއްވެވި ލޮބުވެތި އަނބިކަނބަލުން ޚަދީޖަތުގެފާނު ދުނިޔެ ދޫކުރެއްވެވިއެވެ.

މިކަންކަން ހިނގައި ދިއައީ ދާދިގާތުގައެވެ. އެކަންކަމުގެ ސަބަބުން މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިވަޑައިގެންނެވިއެވެ. އެ މަޔޫސްކަން ފިއްލުވައިދެއްވެވުމަށް މާތް ﷲ އިތުރު މާތް ނަބިއްޔާ އުޑަށް އުފުއްލެވިއެވެ. (އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅު)

އެ ދަތުރުފުޅުގައި މާތް ﷲ ވަނީ ސުވަރުގެއާއި ނަރަކަ އިތުރު މާތް ނަބިއްޔާއަށް ދައްކަވައިފައެވެ. ސުވަރުގޭގައި ހުރި މަތިވެރި ނިއުމަތްތަކާއި ނަރަކައިގައި ހުރި ގަދަފަދަ އަޒާބެވެ. ސުވަރުގެއަށް ވަދެވޭނެ ގޮތްތަކާއި ނަރަކައަށް ވަންނަން ޖެހޭނެ ސަބަބުތަކެވެ.

އެހެންވީމާ ނަރަކައަކީ ފަހުން މާތް ﷲ އުފައްދަވާނެ ތަނެއް ކަމަށް ބަލައިގަތުމެއް ނެތެވެ. މިފަދަ ކަންތައްތަކާއި ކީރިތި ޤްރްއާނުން ނަރަކަ މިހާރުވެސް އެބަހުރިކަން އެނގިގެންދެއެވެ.

(އަދި ނުނިމޭ)
މިއަދު އޮންލައިން