މާތް ﷲ އެންގެވީ ތިބާ އެކަނި ނަރަކައިން ސަލާމަތްވުމަކަށް ނޫނެވެ. އަނބިދަރިން ވެސް ނަރަކައިން ސަލާމަތް ކުރުމަށެވެ. ވީއިރު އެކަމަށް ތިބާ މަސައްކަތްކުރަނީ ކިހައި ވަރަކަށް ހެއްޔެވެ.
ޚާއްޞަކޮށް ދަރިންނާއިމެދު އަމަލުކުރުމުގައެވެ. އަނބިންނާއިމެދު އަމަލުކުރުމުގައެވެ. އެމީހުންގެ ކަންކަން ތިބާ ބަލަނީ ކިހައިވަރަކަށް ހެއްޔެވެ؟ އެހީތެރިވަނީ ކިހައި ވަރަކަށް ހެއްޔެވެ؟ ދައްކަންޖެހޭ ނަމޫނާ ދައްކަމު ހެއްޔެވެ؟
ތިބާ ދުންފަތުގެ އިސްތިއުމާލު އެބަކުރަމުއެވެ. އެކަން ދަރިންނަށް ރަނގަޅަށް އެބަ އެނގެއެވެ. ދަރިންގެ މޫނަށް ދުންބުރުވަމުން ތިއަކުދިން ދުންފަތާއި ކައިރި ނުވުމަށް ބުނީމާ އެކުދިންނަށް އެއީ އެކުދިން ކޮށްގެން ނުވާނެކަން ޤަބޫލުކުރެވޭނެ ހެއްޔެވެ؟
ކުދިން ނިންދަވާފައި ދަންވަރު ބަރަހަނާ ފިލްމްތައް އެބަ ބަލަމުއެވެ. ހީކުރަނީ ދަރިންނަށް އެކަން ނުއެނގޭނެ ކަމަށެވެ. ނަމަވެސް މިއަދުގެ ކުޑަކުދިން އެއަށްވުރެ މާ ހުޝިޔާރެވެ. މާހައުލުގައި އެކުދިންނަށް ސިއްރުން ހަމަ އެއްވެސް ކަމެއް ނުކުރެވެއެވެ. ވީއިރު އެ ކުދިންނަށް ދަސްކޮށް ތިއަދެވެނީ ކޮންފަދަ ބޮޑު ނުބައި ކަމެއް ހެއްޔެވެ؟
މުޖުތަމައުތަކުގައި ހުރި މިފަދަ މައްސަލަތައް ވަރަށް ގިނައެވެ. ކިޔައި ކޮޅުންލާކަށްވެސް ނެތެވެ.
މާތް ﷲ ތިބާއަށް އަންގަވާފައިވަނީ އަނބިދަރިން ނަރަކައިން ސަލާމަތްކުރުމަށެވެ. އެކަން ކުރެވޭނީ ފުރަތަމަ ތިބާ ނަމޫނާ ދައްކައިގެންނެވެ. ނަރަކައިން ސަލާމަތްވުމަށް ތިބާ މަސައްކަތްކޮށްގެންނެވެ.
ގުޅުންހުރި ވީޑިއޯ: