ލީގު ތާވަލުގެ އެއްވަނައިގައި ބާސާއިން 11 ޕޮއިންޓްގެ ލީޑެއް ނަގައިފި

ކިޔުމަށް ހޭދަވާނީ 1މ 22ސ
ލީގު ތާވަލުގެ އެއްވަނައިގައި ބާސާއިން 11 ޕޮއިންޓްގެ ލީޑެއް ނަގައިފި


ސްޕެނިޝް ލީގުގައި ރިއާލް ބެޓިސް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެން ބާސެލޯނާއިން ލީގު ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ ކުޅުނު 20 މެޗުން 54 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް އޮތީ ބާސާއަށްވުރެ 11 ޕޮއިންޓް ފަހަތުގައި، ކުޅުނު 20 މެޗުން 43 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 20 މެޗުން 40 ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ ވެލެންސިއާއެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ ކުޅުނު 20 މެޗުން 35 ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ.
ރިއާލް ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން އެދެވޭ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮވެެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއެކު ބާސާއިން ކުޅުން ރަނގަޅުކޮށް ބެޓިސްގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ހާފުގައި ބާސާއިން ބެޓިސް ކޮޅަށް ފަސް ލަނޑު ޖެހިއެވެ. ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 59 ވަނަ މިނެޓުގައި އިވާން ރަކިޓިޗްެއެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 64 ވަނަ މިނެޓުގައި ބާސާގެ ތަރި ލިއޮނަލް މެސީއެވެ. ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 69 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒްއެވެ. މެޗުގެ 80 ވަނަ މިނެޓުގައި މެސީގެ ދެވަނަ ލަނޑުން ބާސާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، މެޗުގެ 89 ވަނަ މިނެޓުގައި ސުއަރޭޒްގެ ދެވަނަ ލަނޑުން ބާސާއިން ފަސް ލަނޑުގެ ލީޑެއް ނެގިއެވެ.

އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން މި ސީޒަނަށް ނުކުތްއިރު، ލީގުގައި މިހާތަނަށް ބާސާއިން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
މިއަދު އޮންލައިން