ތަފާތު ބޮޑު މޮޅަކާއެކު ރިއާލްއުން ލީގުގައި ހިތްހަމަޖެހުމެއް ހޯދައިފި
މި ސީޒަންގެ ސްޕެނިޝް ލީގުގައި ހޯދަމުން އަންނަ ދަށް ނަތީޖާތަކާ ގުޅިގެން ހާސްކަމުގެ ތެރޭގައި އޮތް ރިއާލް މެޑްރިޑް، ރޭ ލީގުގައި ޑެޕޯޓިވޯ ކޮޅަށް ހަތް ލަނޑު ޖަހައި ފަހަތުން އަރާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެން އެންމެ ފަހުން އެ ކްލަބަށް ހިތްހަޖެހުމެއް ލިބިއްޖެއެވެ.
ރޭގެ މެޗަށް ނުކުތުމުގެ ކުރިން ލީގުގައި އެންމެ ފަހުން ރިއާލް ކުޅުނު 3 މެޗުން މޮޅެއް ހޯދިފައިނުވާއިރު، ރިއާލް އޮތީ ލީގުގެ ގަދަ ހަތަރަކުން ވެސް ޖާގަ ނުލިބިދާނެތީ އެކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ސްޕެނިޝް ލީގުގެ ކްލަބްތަކުން ލިބިގެންދަނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.
ރިއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލީޑު ޑެޕޯޓިވޯއިންނެވެ. މެޗުގައި ފެނިގެންދިޔަ ޑެޕޯޓިވޯގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި އެޑްރިއަން ލޮޕޭޒްއެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިއާލްއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. ރިއާލްގެ މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަޗޯއާއި ގެރެތް ބޭލްއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ރިއާލްއިން ކުޅުން އިތުރަށް ވަރުގަދަކޮށް ފުލުފުލުގައި ޑެޕޯޓިވޯގެ ގޯލަށް ނުރައްކާކޮށް، މި ހާފުގައި ޑެޕޯޓިވޯ ކޮޅަށް ރިއާލްއިން ފަސް ލަނޑު ޖެހިއެވެ. މެޗުގެ 58 ވަނަ މިނެޓުގައި ރިއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ގެރެތް ބޭލްއެވެ. ރިއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 68 ވަނަ މިނެޓުގައި ލުކާ މޮޑްރިޗްއެވެ. މެޗުގެ 78 ވަނަ މިނެޓުގައާއި 84 ވަނަ މިނެޓުގައި ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ލަނޑު ކާމިޔާބުކޮށްދިންިއިރު، ރިއާލްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައި ނަޗޯއެވެ. ރޮނާލްޑޯގެ ދެވަނަ ލަނޑު ކާމިޔާބުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ބޮލަށް އަނިޔާވެ، އޭނާ ވަނީ ދަނޑުން ބާލައިފައެވެ.
ތަފާތު ބޮޑު ނަތީޖާއަކުން ރޭގެ މެޗުން ރިއާލް މޮޅުވި ނަމަވެސް ރިއާލް އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 20 މެޗުން 34 ޕޮއިންޓް ލިބިގެންނެވެ. އަދި އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު 19 ޕޮއިންޓްގެ ފަރަޤެއް އެބައޮތެވެ. ކުޅުނު 20 މެޗުން ބާސާއަށް ލިބިފައިވަނީ 54 ޕޮއިންޓްއެވެ.