"ކީރިތި ޤުރްއާން އަކީ އެފޮތުގައި އެއްވެސް ބަލިކަށިކަމެއް ނުވާ އެންމެ ފުރިހަމަ ފޮތެވެ. އެފޮތުގެ ފުރިހަމަކަމާއި ބާރުގަަކަމާއިމެދު އެތައްބަޔަކު ސުވާލުކޮށް އާޝޯޚުވެއެވެ.
ސަޙީޙް ބުޚާރީގައި ބަޔާންވެގެންވާ ހާދިސާއެއްވެއެވެ. ގާތްގަނޑަކަށް 30 ސަޙާބީންގެ ވަފުދެއް ދަތުރު ކުރައްވަނިކޮށް އެބައިމީހުންނާއި މީހަކު ދިމާވިއެވެ. އެމީހާ ބުންޏެވެ. 'ހަރުފައެއް ވިހަލާފައިވާ މީހަކު ސަލާމަތް ކުރެވޭނޭ މީހަކު ތިޔަބައިމީހުންގެ ތެރޭގައިވޭތޯއެވެ؟'
ސަޙާބީން ވިދާޅުވިއެވެ. 'ތިޔަކަންތައް ކޮށްދެއްވައިފިނަމަ ތިމަންމެންނަށް އޮތީ ކޮން އެއްޗެއްތޯ އެވެ؟'
އެމީހާ ބުންޏެވެ. 'އުޖޫރައެއްގެ ގޮތުން 30 ބަކަރި ދޭނަމެވެ.'
ސަޙާބީން އެކަމާއި އެއްބަސްވެ ވަޑައިގެން، އޭގެ ތެރެއިން އެއް ބޭފުޅަކު ހަރުފަ ވިހަލާފައި އޮތް މީހާގެ ގާތަށް ދިޔައެވެ. އަދި އެމީހާގެ ކައިރިއަށް ގޮސް ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވިއެވެ.
ސޫރަތުލް ފާތިޙާ ކިޔަވާ ވިދާޅުވުމަށްފަހު، އެމީހާގެ ފަޔަށް (ހަރުފަ ވިހަލިތަނަށް) ފުމެލިއެވެ. އިސާހިތަކު އެމީހާގެ ހަށިގަނޑުން ހުރިހާ ވިހައެއް ނެތިގެން ދިޔައެވެ. އަދި އެމީހާއަށް އެއްކޮށް ފަރުވާ ލިބި ރަނގަޅުވިއެވެ.
އެޒަމާނުގައި ހަމައެކަނި ސޫރަތުލް ފާތިޙާ ކިޔަވައިގެން އެތައް ބަޔަކަށް ވަރަށް ގިނަ މުސީބާތްތަކާއި ބަލި ތަކުން ސަލާމަތް ވެވުނެވެ.
ސޫރަތުލް ފާތިޙާ ކިޔެވުމުން އެކި ބަލިބައްޔަށް ފަރުވާ ލިބެނީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ސަބަބުންނެވެ. ސޫރަތުލް ފާތިޙާއަކީ ނުހަނު ބާރުގަދަ ސޫރަތެއް ކަމުގައި ލެއްވެވީ އެކަލާނގެއެވެ."