ނަރަކަ (2): ނަރަކައިގަ ގިނަވާނީ އަންހެނުންކަން އެނގޭއިރު ތިއަ ކަނބަލުން ނަރަކައަށް ނުވަންނަން ކުރަނީ ކީއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ނަރަކަ (2): ނަރަކައިގަ ގިނަވާނީ އަންހެނުންކަން އެނގޭއިރު ތިއަ ކަނބަލުން ނަރަކައަށް ނުވަންނަން ކުރަނީ ކީއް؟
ނަރަކައިގައި ގިނަވާނީ އަންހެނުންކަން އެބައެނގެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޞައްޙަ ޙަދީޘްފުޅުތަކުން ސާބިތުވާތީއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް މާތް ﷲ ސުވަރުގެ ދެއްކެވިއެވެ. އެހިނދު ކުރިއަށް ވަޑައިގެން ސުވަރުގެއިން މޭވާއެއް ބިންނަވަން އުޅުއްވެވިއެވެ. ހަމަ އެވަގުތު މާތް ﷲ ނަރަކަ ދެއްކެވިއެވެ. ބިރުފުޅުން ފަހަތްޕުޅަށް ޖެހިވަޑައިގެންނެވިވަރުން ވެއްޓިވަޑައި ނުގަތީ ވެސް ހަމަ ކިރިޔާއެވެ.

މިކަންކަން ޞަޙާބީންނަށް އިތުރު މާތް ނަބިއްޔާ ވަނީ ވިދާޅުވެދެއްވައިފައެވެ. ތަފްޞީލުކޮށްދެއްވަވައިފައެވެ.

ސުވަރުގޭގެ މޭވާ އާއިބެހޭ ގޮތުން ޙަދީޘްފު ކުރެއްވެވީ އެތަނުން އެންމެ މެވާއެއް ދުނިޔެއަށް ގެންނެވުނު ނަމަވެސް ކައިކައި ދުވަހަކުވެސް ހުސްނުވާނެ ކަމަށެވެ.

ނަރަކައާއި ބެހޭ ގޮތުން ޙަދީޘްފުޅު ކުރެއްވެވީ ނަރަކައިގައި ގިނައީ އަންހެނުން ކަމަށެވެ. އެގޮތަށް ޙަދީޘްފުޅު ކުރެއްވެވުމުން ޞަހާބީން ކަންބޮޑުވެވަޑައިގެން އެހައި ގިނަ އަންހެނުންނަށް ނަރަކައަށް ދާންޖެހުނު ސަބަބާއިމެދު ސުވާލުކުރެއްވެވިއެވެ.

ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެމީހުންނަށް 1000 ކަންތައް ރަނގަޅަށް ކޮށްދީފައި އެންމެ ކަމެއް ކޮށްނުދެވުނު ނަމަވެސް އެއްވެސް ކަމެއް ރަނގަޅަށް ކޮށްނުދޭ ކަމަށް ބުނާނެ ކަމަށެވެ.

ދެއްކެނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. އިންސާނާއަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތުގެ ވާހަކައެވެ. ނަރަކައިގެ ވޭންދެނިވި އަޒާބުގެ ވާހަކައެވެ. މިދުނިޔޭގައި ލިބޭ އަނިޔާތަކަށް ކެތްތެރިވެވިދާނެއެވެ. ނަމަވެސް ނަރަކައިގައި ކީއްކުރަންތޯއެވެ! ނަރަކައިގެ ވަސްދުވާ ހިސާބުގައި މަޑުކޮށްލުމަކީ އެއްވެސް އިންސާނަކަށް ކެތް ކުރެވޭނެ ކަމެއް ނޫނެވެ. ނަރަކައިގެ އަލިފާނުގެ އެންމެ މަޑު ދިލައަށް ވެސް ކެތްކޮށެއް ނުލެވޭނެއެވެ.

އެހެންކަމަށްވާހިނދު ނަރަކައިގެ ގަދަފަދަ އަޒާބުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. މި ޙަދީޘްފުޅުތަކުން އެނގިގެންދަނީ އަންހެނުންނަށް އިތުރަށް މަސައްކަތްކުރަންޖެހޭނެ ކަމެވެ.

ބިރުވެތިވާށެވެ. ނަރަކައިގެ ދޮރާށިތަކުގައި 19 މަލާއިކަތްބޭކަލުން ތިއްބަވައެވެ. އެބޭކަލުންގެ ބާރު އެނގޭހެއްޔެވެ؟ ދުނިޔޭގެ އެންމެން ވެގެން ކުރިމަތިލި ނަމަވެސް ހަމަ އެންމެ މަލާއިކަތް ބޭކަލަކަށް ވެސް އެއްވެސް ކަމެއް ނުކުރެވޭނެއެވެ. މިދައްކަނީ ދުނިޔޭގައި ތިބި 6 ބިލިއަން މީހުން އެކުގައި ކުރިމަތިލި ނަމަވެސް ވާނެ ގޮތުގެ ވާހަކައެވެ. ހަމައެއްވެސް ކަމެއް ނުކުރެވޭނެ ކަމުގެ ވާހަކައެވެ.

ނަރަކައަކީ ފުރޭނެތަނެއް ނޫނެވެ. ނަރަކައަށް ވަންނަން ޖެހޭ އެންމެން ވެއްދުމުން ނަރަކަ ދާނީ އިތުރު މީހަކު ނެތްތޯ ގޮވައި މީހުންނަށް އެދެމުންނެވެ. މާތް ﷲ ގެ "ފައިންޕުޅުން" ނަރަކައިގައި ޖައްސަވަންދެންނެވެ. ފުދިއްޖެ ކަމަށް ނަރަކަ ދަންނަވާނީ އެ ހިސާބުންނެވެ.

މިކަމަށް ވިސްނައިލާށެވެ. ބަހުގެ ގޮތުން މާތް ﷲ ގެ ފައިންޕުޅު ކަމަށް ބުނުމުން އެއީ އަހަރެމެންގެ ފައި ފަދަ ފައިންޕުޅެއް ކަމަށް ހީނުކުރާށެވެ.

މާތް ﷲ އަށް ފައިންޕުޅެއްވާކަން އެނގެނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެކަން ބަޔާންކުރައްވަވައި ޙަދީޘްފުޅު ކުރައްވަވާތީއެވެ. ނަމަވެސް މާތް ﷲ އާއި އެއްފަދަ އެއްވެސް "މަޚްލޫޤެއް ނުވަތަ އެއްޗެއް" ނުވާނެކަމަށް މާތްﷲ ވަނީ ވަޙީކުރައްވަވައިފައެވެ.

ހަމަ އެގޮތަށް މާތް ﷲ އަށްެ ފައިންޕުޅެއް ވެއެވެ. ޤިޔާމަތް ދުވަހު ފައިންޕުޅުގެ ތަންކޮޅެއް މީސްތކުންނަށް ދައްކަވައިލައްވަވާނެއެވެ. އެހިނދު މާތް ﷲ އަށް މިދުނިޔޭގައި ކިޔަމަންގަތް ހުރިހާ އަޅުން އުފަލުން، ލޯބިން ސަޖިދަކުރާނެއެވެ.

ކާފަރން ވެސް ސަޖިދަ ކުރަން އުޅޭނެއެވެ. ނަމަވެސް އެމީހުންނަކަށް އެކަމެއް ނުކުރެވޭނެއެވެ. އެމީހުން ތިބޭނީ ވާގިނެތިފައެވެ. އެއީ އެމީހުން މިދުނިޔޭގައި މާތް ﷲ އަށް ސަޖިދަ ނުކުރި ކަމަށްޓަކައެވެ.

(އަދި ނުނިމޭ)
މިއަދު އޮންލައިން