ހެޔޮ އަމަލުތައް ކިތަންމެ ގިނައިން ކުރިނަމަވެސް "ފޫނެތް ފައިން ފެންފުރާ" އުޞޫލް ކުރާނަމަ ކުރާނެ ފައިދާއެއް ނެތް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހެޔޮ އަމަލުތައް ކިތަންމެ ގިނައިން ކުރިނަމަވެސް "ފޫނެތް ފައިން ފެންފުރާ" އުޞޫލް ކުރާނަމަ ކުރާނެ ފައިދާއެއް ނެތް: މުފްތީ މެންކް
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ވަރަށް ގިނައިން ހެޔޮ އަމަލުތައް ކުރެއެވެ. ނަމަވެސް ބައެއް މީހުން އެކަން ކުރަނީ ފޫނެތް ފައިން ފެންފުރާ އުޞޫލުންނެވެ. ފެންނަގަން ގުދުވެގުދުވެފައި ތެދުވަނީއެވެ. މަސައްކަތްކޮށްކޮށް ވަރުބަލިވެސް ވެއެވެ. ނަމަވެސް ކުރެވުނު އެއްވެސް ކަމެއް ނުއޮވެއެވެ. ހަމަ އެންމެ ފެންފޮދެއްވެސް ފެންގަނޑުން މަދެއް ނުވެއެވެ.

ކެނޑި ނޭޅި ހެޔޮ އަމަލުތައްވެސް ކުރަނީއެވެ. ނަމަވެސް ކުރާ އަމަލުތައް ތިމާ އާއިއެކު ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނުވެއެވެ. ކުރެވޭ ޖަމާތައް އުނިވަމުންދާތީއެވެ.

ޤިޔާމަތް ދުވަހު ކޮންމެ މީހެއްގެ ކުރިމަތީގައިވެސް އެމީހަކު ކުރި ހުރިހާ އަމަލުތައް ގެންގޮސް ބަހެއްޓޭނެއެވެ. ފަރުބަދަތައް ވަރުގެ ބިޔަ ހެޔޮ އަމަލުތަކުގެ ފުނިތައް ބައެއް މީހުންގެ ކުރިމަތީގައި ބެހެއްޓޭނެއެވެ. ހިތްތައް އުފަލުން ފޮޅިގެންދާނެއެވެ. ކުރެވުނު ހެޔޮ އަމަލުތައް ގިނަކަމުންނެވެ.

އެހެން ނަމަވެސް ނިމިގެން ދަނީ ކޮންފަދަ ބޮޑު މާޔޫސްކަމެއް ލިބިގެންތޯއެވެ؟ ނެތި މޮށުމާއި މީހުންގެ ހައްޤުތަކަށް އަރައިގަތުން ފަދަ އެހެން މީހުންނަށް ކޮށްފައިވާ ކަންކަމުގެ ސަބަބުން އެމީހުންނަށް ދޭންޖެހޭ ބަދަލުދީ ނިމޭއިރު އެބޮޑު ފުނިވަރު އޮންނަނީ ހުސްވެފައެވެ.

އަދި އެވަރުންވެސް ނިމެނީއެއް ނޫނެވެ. ކުރި ހުރިހާ އަޅުކަމެއް އެހެން މީހުންނަށް ދިނުމަށްފަހު އިތުރަށް ދޭނެ އެއްވެސް އެއްޗެއް އަތުގައި ނެތިގެން އެހެން މީހުންގެ ފާފަތައް ލިބިގަންނަން ވެސް ޖެހެނީ އެވެ. އެހުރިހައި ކަމެއް ހިފައިގެން ނަރަކައަށްވެސް ދާންޖެހެނީއެވެ.

އެދުވަހު އުޒުރު ދައްކަން މަސައްކަތް ކުރި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. މިވެނިކަމެއް ނުކުރާކަމަށް ބުނެ އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ. އެކަންކުރި ގުނަވަންތަކުން އެކަންކަން ކުރިކަމަށް ހެކިދެމުން ގެންދާނެތީއެވެ.

ކަންކަން ހުރީ މިހެންކަމަށްވުމުން ހެޔޮ އަމަލުކުރާއިރު ވިސްނާށެވެ. އެ އަމަލުތައް ތިމާ އާއިއެކުގައި ބަހައްޓަން މަސައްކަތްކުރާށެވެ. ނޫންނަމަ ކުރާ ހުރިހާ ހެޔޮ އަމަލުތަކެއް ވެގެންދާނީ އެހެން މީހުންނަށް ކޮށްދެވޭ ކަންކަމަށެވެ. އަދި ތިބާ ވެގެންދާނީ ނަރަކައަށް ވަންނަން ޖެހޭނެ މީހަކަށެވެ.
އަމާނާތަށް ޚިޔާނާތްތެރި ނުވާށެވެ. ވައްކަން ނުކުރާށެވެ. މީހުންނަށް މަކަރު ނުހަދާށެވެ. ވައުދުތައް ފުއްދާށެވެ. މީސްތަކުންނާއިމެދު ދޮގު މައުލޫމާތުތައް ނުފަތުރާށެވެ. ދޮގު ނުހަދާށެވެ. ފިތުނަ ނުއުފައްދާށެވެ.

މީސްތަކުންނާއި ގުޅުން ހުންނަ މިފަދަ ކޮންމެ އަމަލަކީވެސް ޤިޔާމަތް ދުވަހުން މާތް ﷲ ގެ ކުރިފުޅުމަތީގައި ބަދަލުދޭންޖެހޭނެ ކަންކަމެވެ.
މިއަދު އޮންލައިން