ދެވަނަ ލެގު ވެސް ކާމިޔާބުކޮށް ސިޓީ ފައިނަލަށް

ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެވަނަ ލެގު ވެސް ކާމިޔާބުކޮށް ސިޓީ ފައިނަލަށް
ކަރަބައޯ އިންގްލިޝް ފުޓްބޯލް ލީގު ކަޕްގެ ސެމީ ފައިނަލްގައި ބްރިސްޓަލް ސިޓީއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗު ވެސް ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-2 ގެ ނަތީޖާއިން ސިޓީ ކުރިހޯދިއިރު، ބްރިސްޓަލްގެ ދަނޑުގައި ރޭ ކުޅުނު ލެގު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 2-3 ގެ ނަތީޖާއިންނެވެ. އެހެންވުމާއެކު ސިޓީއަށް މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރު ވަނީ ދެ ލެގުގެއެގްރިގޭޓް ނަތީޖާއިން 3-5 އުން ކުރި ލިބިގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލީޑު ނަގާފައިވަނީ ސިޓީއެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 43 ވަނަ މިނެޓުގައި ލިރޯއީ ސާނޭއެވެ. މެޗުގެ 49 ވަނަ މިނެޓުގައި ސިޓީގެ ޓޮޕް ސްޓައިކަރު ސާޖިއޯގެ އަގުއޭރޯގެ ލަނޑުން ސިޓީއަށް މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ބްރިސްޓަލްގެ މާލޮން ޕެކް ލަނޑެއް ޖަހައި ބްރިސްޓަލްއަށް އުއްމީދު އާކޮށްދިނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ބްރިސްޓަލްގެ އަޑެން ފްލިޓް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް އޭގެ ދެ މިނެޓު ފަހުން މެޗު ނިމެން ދަނިކޮށް ސިޓީގެ ކެވިން ޑެ ބްރޫނޭ ލަނޑެއް ޖަހައި ސިޓީއަށް މެޗު މޮޅުކޮށްދިނެވެ.

މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މުބާރާތެއްގެ ފައިނަލަށް އެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއިން އަންނަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މުބާރާތުގެ ފައިނަލްގައި ސިޓީ ވާދަކުރާނެ ޓީމެއް އެނގިގެންދާނީ މިރޭ މުބާރާތުގެ ސެމީ ފައިނަލްގައި އާސެނަލްއާ ޗެލްސީ ބައްދަލުކުރާ ދެވަނަ ލެގުގެ ނަތީޖާއިންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮވެގެންނެވެ.
މިއަދު އޮންލައިން