(މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ އަންހާ އާއި ބެހޭގޮތުން ލިޔެފައިވާ މިއާޓިކަލްއަކީ "ޠާހިރު އަހްލުބައިތުން" މިފޮތުން މައުލޫމާތު ނަގައިގެން ލިޔެފައިވާ އާޓިކަލް އެކެވެ. ނަމަވެސް އެފޮތުގައިވާ ހުރިހާ ލިޔުމެއް ބަހުން ބަހަށް، މިއާޓިކަލްގައި ނަކަލު ކޮށްފައި ނުވާނެ ވާހަކަވެސް މިފުރުސަތުގައި ބުނެލަމެވެ.)
އައްސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ އަންހާ އަކީ ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢޥ) ގެ ހަތަރުވަނަ ދަރިކަނބަލުންނެވެ. އެކަމަނާއަކީ އެކަލޭގެފާނުގެ އެންމެ ހަގު ދަރިކަނބަލުން ވެސް މެއެވެ.
އެކަމަނާގެ މާތް މަންމާފުޅަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ޚަދީޖާ ރަޟިޔަﷲ އަންހާ އެވެ. ފާޠިމަތުއްޒަހްރާއު އަކީ އަލީ ރަޟިޔަﷲ އަންޙު ގެ އެންމެ ފުރަތަމަ އަނބިކަބަލުންނެވެ. އަދި އިމާމު ޙަސަންގެފާނާއި ޙުސެއިންގެ ފާނުގެ ލޮބުވެތި މަންމާފުޅު ވެސް މެއެވެ.
ފާޠިމަތުއްޒަހްރާއު ރައްކައުވީ ފުރަ އިތުރު މައްކާގައެވެ. ބައެއް މުއައްރިޚުން ލިޔުއްވާފައިވާ ގޮތުގައި އެކަމަނާ ރައްކައުވީ ރަސޫލާ (ޞޢޥ) އަށް ނަބީކަން ލިބިވަޑައިގަތުމުގެ ފަސް އަހަރު ކުރިންނެވެ. އަނެއްބަޔަކު ލިޔެފައިވާ ގޮތުގައި އެކަމަނާ ރައްކައުވީ ނަބީކަމުގެ ފުރަތަމަ އަހަރުގެ ޖުމާދުލް އާޚިރާ މަހުގެ ވިހި ވަނަ ދުވަހުއެވެ.
އެކަމަނާ އަވަހާރަވީ އުމުރުފުޅުން އަށާވީސް ނުވަތަ ތިރީސް އަހަރުފުޅުގައެވެ. (އުރުދޫ އެންސައިކްލޮޕީޑިއާ އޮފް އިސްލާމް ވޮލިއުމް: 5 ޞަފްޙާ:90)
އައްސައްޔިދާ ފާޠިމަތުއްޒަހްރާއު ގެ ލަގަބުފުޅުތަކުގެ ތެރޭގައި "ސައްޔިދަތު ނިސާއިލް ޢާލަމީން"، "ސައްޔިދަތު ނިސާއި އަހްލިލް ޖަންނަތު"، "އައްޒަހްރާއު"، "އަލްބަތޫލް"، "އައްޠާހިރާ" ފަދަ އެތައް ބައިވަރު ލަގަބުފުޅުތަކެއް ހިމެނެއެވެ. މިއީ އެކަމަނާގެ މަތިވެރި މަޤާމު ހާމަވެގެންދާ ޝަރަފުވެރި ލަޤަބުތަކެވެ. މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ފާޠިމަތުއްޒަހްރާއު އަށް ސުވަރުގޭގެ އަންހެނުންގެ ސާހިބާގެ ލަޤަބު ދެއްވެވީ، ޖިބްރީލްގެފާނު މެދުވެރިވެ ވަޑައިގެން ލިބިވަޑައިގަތް އުފާވެރި ޚަބަރަކާއި ވިދިގެންނެވެ. (އުރުދީ އެންސައިކްލޮޕީޑިއާ އޮފް އިސްލާމް، ވޮލިއުމް: 15 ޞަފްޙާ: 93)
ފާޠިމަތުއްޒަހްރާއު ރަޟިޠަﷲ އަންހާ ގެ ތުއްޕުޅުއިރުގެ ވާހަކަތަކަކީ މިހާރުވެސް ގިނަ ބަޔަކު މިސާލު ނަގާ ވާހަކަތަކެކެވެ. އިސްލާމީ ތާރީޚުގެ ފޮތްތަކުން ހާމަވެފައިވާ ގޮތުގައި އެކަމަނާ އެންމެ ވައްތަރުކޮޅީ އެކަމަނާގެ ލޮބުވެތި މަންމާފުޅު އައްސައްޔިދާ ޚަދީޖާ ރަޟިޔަﷲ އަންހާ އާއެވެ. ނަމަވެސް އެކަމަނާގެ އުޅުއްވުމާއި، ވާހަކަ ދެއްކެވުމާއި، ޚުލްޤުފުޅާއި އެކިއެކި ހަރަކާތްޕުޅު ތަކުގައި އައްސައްޔިދާ ފާޠިމަތުއްޒަހްރާއު އަކީ އެކަމަނާގެ ލޮބުވެތި ބައްޕާފުޅު، މާތް ރަސޫލާ މުޙައްމަދު (ޞޢޥ) ގެ ނަމޫނާއެކެވެ. އެކަމަނާއަށްވުރެ ކައުސާހިބާއާއި ވައްތަރުކޮޅު އެހެން ބޭފުޅަކު ދެކެވަޑައި ނުގަންނަވާ ކަމުގައި އުއްމުލް މުއުމިނީން އައްސައްޔިދާ އާއިޝާ ރަޟިޔަﷲ އަންހާ ރިވާ ކުރައްވާފައިވެއެވެ.
ފާޠިމަތުއްޒަހްރާއު އަކީ ތުއްޕުޅު އިރުން ފެށިގެން ވެސް ހަރުދަނާ ބޭފުޅެކެވެ. ގަނޑުވަރުން ބޭރަށް ނިކުމެ ވަޑައިގެން އުޅުއްވުމާއި ކުޅިވަރުތަކުގައި ބައިވެރިވެގެން އުޅުއްވުމަކީ އެކަމަނާ ކުރާހިތްޕުޅުވާ ކަމެއް ނޫނެވެ.
ލޮބުވެތި މަންމާފުޅާއި ބައްޕާފުޅު ކައުސާހިބާ (ޞޢޥ) އަރިހު، ދިރިއުޅުމާއިމެދު ދެއްކެވި ވާހަކަފުޅުތަކުންނާއި ކުރެއްވެވި ސުވާލުތަކުން އެކަމަނާގެ ވިސްނުންފުޅުގެ ތޫނުކަމާއި ބުއްދިފުޅުގެ ތަނަވަސްކަން ހާމަވެއެވެ.
އެކަމަނާއަކީ ދުނިޔޭގެ ޒީނަތްތެރިކަމާއި ދެއްކުންތެރިކަމަށް ނަފްރަތު ކުރެއްވި ބޭފުޅެކެވެ. އެއްފަހަރަކު އައްސައްޔިދާ ޚަދީޖާ ރަޟިޔަﷲ އަންހާ ގެ ތިމާގެފުޅު ބޭފުޅެއްގެ ކައިވެނިފުޅެއްގެ މުނާސަބަތުގައި އެބޭފުޅާ ފާޠިމަތުއްޒަހްރާއު އަށް ވަރަށް ރީތި ހެދުންކޮޅަކާއި ގަހަނާ ކޮޅުތަކެއް ތައްޔާރު ކޮށްދެއްވިއެވެ. ނަމަވެސް އެކަމަނާ އެތަކެތި ބޭނުންފުޅު ނުކުރައްވާ، ކައިވެނިފުޅަށް ވަޑައިގެންނެވީ ވަރަށް ސާދާކޮށް ހުންނަވައެވެ.
އެހެން ދުވަހަކު އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ އަންހާ، ސައްޔިދާ ފާޠިމަތުއްޒަހްރާއު އަށް ކިޔަވާ އަރުއްވާން އިންނަވަނިކޮށް، އެކަމަނާ ސުވާލު ކުރެއްވިއެވެ.
"މަންމާފުޅާއެވެ! މާތް ﷲ ގެ ކުޅަދުންވަންތަކަން އަބަދުވެސް އަޅަމެންގެ ލޯތަކަށް އެބަފެނެއެވެ. އެހެންވީއިރު އަޅަމެންގެ ލޯތަކަށް އެކަލާނގެ ރަސްކަންފުޅު ނުފެންނަނީ ކީއްވެތޯ އެވެ؟"
ޖަވާބުގައި އުއްމުލްމުއުމިނީން ޚަދީޖާ ރަޟިޔަﷲ އަންހާ ވިދާޅުވިއެވެ.
"މަންމަ ނުހަނު ލޯބިވާ ކުޑަ ދަރިފުޅާއެވެ! އަހަރުމެން ދުނިޔޭގައި ރަނގަޅު ކަންތައްކޮށް މާތް ﷲ އެންގެވި ގޮތަށް އުޅޭނަމަ ޤިޔާމަތް ދުވަހުން މާތް ﷲ ގެ ރުހިވޮޑިގަތުން ޙައްޤު ބައެއް ކަމުގައި އަހަރުމެން ވާނެއެވެ. މާތް ﷲ ގެ ދީދާރުފުޅު ފެންނާނީ އެދުވަހުންނެވެ."
މާތް ނަބިއްޔާ މުހައްމަދު (ޞޢޥ) އައްސައްޔިދާ ފާޠިމާ ރަޟިޔަﷲ އަންހާ ދެކެ ވަކީން ޚާއްސަ ގޮތެއްގައި ލޯބިފުޅުވެއެވެ. ނުހަނު ތުއްޕުޅު އުމުރުފުޅުގައި، އެކަމަނާ ގެތެރޭގެ މަސައްކަތްޕުޅު ކުރައްވާ ލޮބުވެތި ބައްޕާފުޅަށާއި މަންމާފުޅަށް ޚިދުމަތް ކުރައްވާން ފެއްޓެވިއެވެ.