ޙައްޖަށް ދެވޭ ގިނަ ބައަކު އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމަކީ ޙަރަމްފުޅުގެ ދޮރުކޮޅުގައި އަތްލައި ދުޢާކުރުމެވެ. ތައުބާ ލެއްވެވުން އެދި އާއި އެމީހަކު އެދޭ ކަންކަމަށް އެދިއެވެ.
ޙައްޖަށް ދެވޭ މީހުންގެ ތެރެއިންވެސް އެކަން ކުރެވެނީ ގައިގެ ބާރު ގަދަ މީހުންނަށެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންގެ އަދަދު ގިނަވުމުންނެވެ. ފުރިބާރުވެފައި އޮންނާތީއެވެ. ބައެއް ފަހަރު މީހުންގެ ކޮނޑުމަތީގައި ވެސް ވަގުތުކޮޅެއް ހޭދަކުރަންޖެހޭތީއެވެ.
ތައުބާވުމާއި ކަންކަމަށް އެދި ދުޢާކުރުމަކީ ހައްޖަށް ދިއުމުގެ ފުރުޞަތު ނުލިބޭ މީހުންނަށްވެސް ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ފާފައެއް ކުރުމަށްވުރެންވެސް ކުރަން ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.
ތައުބާވުމަށް ބޭނުންވަނީ ކުރެވުނު ކުއްތަކާއިމެދު ހިތާމަކުރުމެވެ. އެފަދަ ކުށެއް ދެން ނުކުރާނެ ކަމަށް ހިތުން ނިޔަތްގަނެ އެ ނިޔަތް މަތީގައި ދެމިހުރުމެވެ. ކުރެވުނު ކުށްތަކަށް މަޢާފްކުރެއްވެވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ގިނަގިނައިން ދެންނެވުމެވެ.
ބުއްދިވެރިންނަކީ ފުރުޞަތުގެ ބޭނުންހިފައި ތައުބާވާ މީހުންނެވެ. ބުއްދިވެރިންނަށް އޮތީ ތައުބާ ވުމުގެ ދޮރުތައް ބަންދުވުމުގެ ކުރިން ތައުބާވުމެވެ. މަރުގެ މަލާއިކަތާ މަރު ހިއްޕަވަން ވަޑައިގަތުމުގެ ކުރިން ތައުބާވުމެވެ. ފާފަތަކުން ފަތް ފުރައިލެވުމުގެ ކުރިން ތައުބާވެ ހެޔޮ އަމަލުތައް ގިނަކުރުމެވެ. ފާފައިގެ ފަތަށްވުރެ އަޅުކަމުގެ ފަތް ބަރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
ކޮންމެ ވަގުތަކުވެސް ބޮޑު މުޞީބާތެއް ޖެހިދާނެ ކަމަށް ވިސްނައި އެއިގެކުރިން ތައުބާގެ ދޮރުން ވަދެގެން މެނުވީ ސަލާމަތްކަމެއް ނެތްކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހާއަށް ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތެވެ.