އެންމެންނަށްވެސް ޖެހޭނީ ދީނަށް ގޮވާލަން- ދީނަށް ގޮވާނުލީމާ އެދުވަހުން ސަަލާމަތެއް ނުވެވޭނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
އެންމެންނަށްވެސް ޖެހޭނީ ދީނަށް ގޮވާލަން- ދީނަށް ގޮވާނުލީމާ އެދުވަހުން ސަަލާމަތެއް ނުވެވޭނެ: މުފްތީ މެންކް
އަހަރެމެންގެ ރައްޓެހި ރަޙްމަތްތެރިންގެ ގޮތުގައި ތިބީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އެހެންދީންތަކުގެ މީހުން ވެސް އެބަތިއްބެވެ. އެމީހުން ޤިޔާމަތް ދުވަހުން ޝަކުވާކުރާނެއެވެ. ތިބާ އާއިއެކު 40 އަހަރު ވަންދެން އުޅުނު އިރުވެސް އިސްލާމް ދީނުގެ އެއްވެސް ކަމެއް ބުނެދީފައި ނެތުމުންނެވެ.

އެފަދަ ކަމެއް ތިބާ ނުކުރާނަމަ ދޭނެ ޖަވާބެއް ނުއޮންނާނެއެވެ. ނަމަވެސް ކަމެއް ކޮށްދީފައިވާނަމަ އެކަމެއް ބުނެވޭނެއެވެ. "މިތައް ފޮތް ދިނީމޭ މިތައް ސީޑީ ދިނީމޭ، މިވެނި ވާހަކަތަކެއް ދެއްކީމޭ" ބުނެވޭނެއެވެ.

މިކަންކަމަށް ފުރަތަމަ ތިބާ ތައްޔާރުވާންޖެހެއެވެ. އިސްލާމް ދީން ދަސްކުރަން މަސައްކަތްކުރަންޖެހެއެވެ. އިސްލާމް ދީނަށް ޢަމަލުކުރަން ޖެހެއެވެ.

އިސްލާމް ދީން ފަތުރަން ކުރަން އެންމެ މުހިންމު ކަމަކީ ތިމާ އިސްލާމް ދީނުގެ ކަންކަމަށް އަމަލުކޮށް އަމަލުން އެކަންކަން ދައްކައިދިނުމެވެ.

އެހެން މީހުންނަށް ރަނގަޅު ނަމޫނާ ދައްކައިދިނުމުގެ ފައިދާ އެނގޭހެއްޔެވެ؟ އެކަމުގެ ސަބަބުން އިސްލާޙްވީ މީހުންނާއި އެކަމުގެ ސަބަބުން އިސްލާމްވީ މީހުންގެ ސަބަބުން އަދި އެމީހުންގެ ސަބަބުން އިސްލާމް ދީނަށް ލިބުނު ކުރިއެރުމުގެ ފައިދާއިން ތިބާއަށް ސަވާބުލިބިލިބި ހުރެއެވެ. ޤިޔާމަތަށް ދާންދެންނެވެ.

ތިބާގެ ސަބަބުން މީހަކު އެއްވެސް ހެޔޮ އަމަލެއް ކޮށްފިނަމަ އެކަމުގެ ސަވާބު ތިބާއަށް ވެސް ލިބޭނެއެވެ. ކޮންފަދަ ބޮޑު މަތިވެރި ނިއުމަތެއްތޯވެ!
ޔޫސުފްގެފާނުގެ ސިޔަރަތަށް ބަލާށެވެ. ފުން ވަޅެއްގައި އެތައް ދުވަހަކު އޮންނަވަން ޖެހިވަޑައިގެންނެވިއެވެ. އެއަށްފަހު ރަސްގެފާނުގެ ގަނޑުވަރުގައި އުޅުއްވަން ފުރުޞަތު ލިބިވަޑައިގެންނެވިއެވެ.

ރީތިކަން ހުސްކޮށް ލިބިވަޑައިގެން ހުންނެވި ޔޫސުފްގެފާނަށް އެހައި ގިނަ ދުވަހު ވަޅެއްގައި އޮންނަވަން ޖެހިވަޑައިގަތުމަށްފަހު ރަސްގެފާނުގެ ގަނޑުވަރުގައި އުޅުއްވަން ލިބިވަޑައިގެންނެވި ފުރުޞަތު ދޫކޮށްލައްވައި ޖަލަށް ވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟ މާތްﷲ އާއި އެކަލޭގެފާނާއި ދެމެދުގައި އޮތް ގުޅުން އެއިރުވެސް ރަނގަޅުކަމުންނެވެ. ޒިނޭ ކުރައްވަން ފަސްޖެހިވަޑައިގަތީ އެކަމުގެ ސަބަބުންނެވެ.

ސާބިތުކަމާއިއެކު ޔުސުފްގެފާނު ވިދާޅުވީ ޙަރާމްކަމެއް ކުރެއްވުމަށްވުރެ ބޭނުންފުޅުވަނީ ޖަލަށް ވަޑައިގަންނަވަން ކަމަށެވެ. ޖަލަށް ވަޑައިގަތީ އުފަލުން ހުންނަވައެވެ. ޖަލުގައި ހުންނެވީ އުފަލުންނެވެ. ޖަލުގައި ހުންނަވައިގެންވެސް ތައުރީފް ކުރައްވަވަމުން ގެންދެވީ މާތް ﷲ އަށެވެ.

ޖަލުގައި ހުންނަވައިގެން ގެންދެވީ މީސްތަކުންނަށް މާތް ﷲ ގެ މަގަށް ގޮވައިލައްވަމުންނެވެ. މާތް ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަން ޤައިދީންނަށް ބަޔާންކޮށްދެއްވަވަމުންނެވެ.

އަހަރެމެންނަކީވެސް ހަމަ ޔޫސުފްގެފާނު ފަދައިން މާތް ﷲ ގެ މަގުގައި ޚިދުމަތްކުރާ ބައަކަށް ވެވިދާނެއެވެ. ކޮންމެހެން ދީނީ ޢިލްމުވެރިއަކަށް ނުވި ނަމަވެސް މާތް ﷲ ގެ ދީން މަތިވެރިކުރަން މަސައްކަތްކުރެވިދާނެއެވެ. ދީނީ ފޮތެއް ހަދިޔާކުރެވިދާނެއެވެ. ސީޑީއެއްވެސް ހަދިޔާކުރެވިދާނެއެވެ.

ރަޙްމަތްތެރިޔާގެ ޙާލަތަށް ބަލައި ކުރިމަތިވެގެން އުޅޭ މައްސަލައިގައި އިސްލާމް ދީނުގެ ތެރެއިން ހައްލު އަންގައިދެވިދާނެއެވެ.

މައުލޫމާތު: މުފްތީ މެންކްގެ ދަރުސް
މިއަދު އޮންލައިން