ރަމަޟާން މަހު މަނާކަންކަން ޢީދު ދުވަހު ކުރަން ހުއްދަދިނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ރަމަޟާން މަހު މަނާކަންކަން ޢީދު ދުވަހު ކުރަން ހުއްދަދިނީ ކާކު؟
މާތް ﷲ ވަނީ މުސްލިމުންނަށް ޢީދު ދުވަސްތަކެއް ދެއްވަވައިފައެވެ. މީސްތަކުން އުފާކޮށް ހިތްހަމަ ޖައްސައި އުޅުމަށެވެ. ނަމަވެސް ގިނަ ބައަކު މިހާރު ޢީދު ދުވަސްތައް ހަދަނީ ޝައިޠާނާއަށް އެހީތެރިވާ ދުވަހަކަށެވެ. އެހެން ނުހަދާށެވެ.

ޢީދު ދުވަހެއް އަމުން ގިނަ ބައަކު ޢާއިލާ އާއިއެކު އުފާކުރަން ތަންތަނަށް ދެއެވެ. ގޮސް ތިބޭއިރު ކުޅިވަރުތައް ކުޅެ ކައިބޮއި މަޖާކުރަމުއެވެ. މިކަންކަމަކީ ހަމަ ކުރަން ރަނގަޅު ކަންކަމެވެ. މައްސަލަ އުފެދެނީ ޢަޞްރު ނަމާދުގެ ވަގުތުވާއިރުވެސް މެންދުރު ނަމާދުގެމަތިން ހަނދާން ނެތިފައި ހުރެވޭތީއެވެ.

މިޢީ ޢީދު ދުވަހެއް ކަމަކު ހުއްދަ ކަންކަމެއް ނޫނެވެ. ޢީދު ދުވަހަކީ މީސްތަކުން މާތް ﷲ އާއި ގާތަށް ދިއުމަށް މަސައްކަތްކުރުން އިތުރުކުރަންޖެހޭނެ ދުވަހެކެވެ. މާތް ﷲ ގެ ރުއްސެވުން ހޯދަން އިތުރަށް މަސައްކަތްކުރަންޖެހޭނެ ދުވަހެކެވެ. ކަން މިހެން އޮތް ނަމަވެސް ގިނަ ބައަކު މިކުރާ ކަމަކީ ހަމައެކަނި އަގުބޮޑު، ރީތިހައި ހެދުންތައް ހޯދުމެވެ.

ޢީދު ދުވަހު ގަދައަޅައި މަސައްކަތްކުރަންވީ އެހެން ދުވަސްތަކަށްވުރެ އެންމެ އަޅުކަމެއް ނަމަވެސް އިތުރަށް ކުރެވޭތޯއެވެ. އެކަން ކުރި ނަމަވެސް ޢީދުގެ އުފާ ޙާޞިލުކުރެވޭނެއެވެ. އެންމެ ތަންކޮޅެއްވެސް އުންޏެއް ނުވާނެއެވެ.

މިސާލަކަށް ކޮންމެ ދުވަހަކު ކީރިތި ޤްރްއާން ކިޔަވާވަރަށްވުރެ 10 ވަރަކަށް އާޔަތް އިތުރަށް ކިޔަވައިލަން ހޭދަކުރަންޖެހޭނީ ކިހައި ވަގުތެއް ހެއްޔެވެ؟ ސުންނަތުގެ ދެ ރަކްޢަތް ނަމާދެއް އިތުރަށް ކޮށްލަން ގިނަވެގެން ހޭދަކުރަންޖެހޭނީ އެންމެ 5 މިނިޓް ނޫން ހެއްޔެވެ؟ މި ވަގުތުކޮޅުގެ ސަބަބުން ޢީދުގެ އުފާތަކަށް ލިބޭނީ ކޮން އުނިކަމެއް ހެއްޔެވެ؟

ކަން މިހެން އޮތް ނަމަވެސް މިހާރަކަށް އައިސް ޢީދު ފާހަގަކުރަން މިކުރެވޭ ކަމަކީ އިބިލީހަށް ހަފްލާތަކާއި ބައްދަލުވުންތައް ބާއްވައިދިނުމެވެ. އެ ކަންކަމުގެ ތެރެއިން އިބިލީސް އުފާވާނެހައި ކަންކަން ކުރުމެވެ.

ބައެއް މީހުން ރޯދަމަހު ދިގުކުރި ތުނބުޅި ޢީދުވިލޭރޭ ބާލައެވެ. ހަމަ އެފަދައިން ރޯދަމަހު ކުރިހައި އަޅުކަމެއް ޢީދު ދުވަހު އެބަ ފަނުފުލުން ދުއްވައިލައެވެ.

މިސާލަކަށް ދެ ލޯބިވެރިން ރަމަޟާން މަސް ނިމެންދެން ދުރުގައި ތިބެދާނެއެވެ. ޢިދު ދުވަހަކީ ބައްދަލުކުރާ ދުވަހަކަށް ހަދައިފާނެއެވެ. ޢީދު ޗުއްޓީއަކީ ދެމީހުން އެކުގައި އުޅޭ ދުވަސްތަކަކަށް ހަދައިފާނެއެވެ. "ބަލަ ކައިވެނި ނުކޮށް ދެމީހުން އެކުގައި ޢީދު ދުވަހު އުޅުން ހުއްދަކުރީ ކާކުތަ؟"
މީސްތަކުންނޭވެ. ރަމަޟާން މަސް ނިމުމަކީ ކުރަންހުރި އަޅުކަން ނިމުމެއް ނޫނެވެ. ހަ ރޯދަ ކޮބައިހެއްޔެވެ؟ ހަ ރޯދަ ހިފަން ފާށާނީ ރަމަޟާން މަހު ހިފި ރޯދަތައް އުކާލާފައި ހެއްޔެވެ؟ އެއިރުން އެކުރެވުނީ ކީއްހެއްޔެވެ؟

މައުލޫމާތު: މުފްތީ މެންކްގެ ދަރުސް
މިއަދު އޮންލައިން