އިލްމުވެރިއެއްގެ ގެކޮޅަށް ރޭގަނޑު ދަންވަރު ވަގަކު ވަދެ ވައްކަން ކުރަން އުޅުނެވެ. ކަނު އަނދިރީގައި އަތްފުނާއަޅަނިކޮށް އިލްމުވެރިޔާ އޭނާގެއަތުގައި ހިއްޕެވިއެވެ. އަދި ގޮވައިގެން މިސްކިތަށް ވަޑައިގެންނެވިއެވެ.
މިސްކިތަށް ވަޑައިގެން 2 ރަކްޢަތް ނަމާދެއް ކުރެއްވެވީ އޭނާގެ އަތުގައި ހިފަހައްޓަވައިގެން ހުންނަވައެވެ. ގަނެފައި ހުރި ބިރެއްގެ ސަބަބުން ވީއްލިގެން ދާކަށްވެސް ނުކެރުނެވެ.
ނަމާދު ނިންމަވައި ސަލާން ދެއްވުމުން އޭނާ ދޫކޮށްލެއްވުމަށް އެދުނެވެ. ވިދާޅުވީ ކަލޭ ދޫކޮށްލެއްވޭނީ ދެ ރަކްޢަތް ނަމާދެއް ކުރުމުން ކަމަށެވެ. ވުޟޫކޮށްގެން އައިސް ދެރަކްޢަތް ނަމާދެއް ކުރާށެވެ.
އޭނާ އެގޮތަށް ކަންތައް ކުރުމުން އެނބުރި ދިއުމަށް ޢިލްމުވެރިޔާ ވިދާޅުވިއެވެ. ނަމަވެސް އޭނާ އެދުނީ އޭނާގެ އިމާމަކަށްވެވަޑައިގެން 2 ރަކްޢަތް ނަމާދެއް ކޮށްދެއްވުމަށެވެ. އިލްމުވެރިޔާ އެކަންވެސް ކޮށްދެއްވިއެވެ.
އެވަރުންވެސް ވަގުކަލޭގެ ދާކަށް ބޭނުމެއް ނުވިއެވެ. ޢިލްމުވެރިޔާ އަރިހުގައި މަޑުކޮށްގެން މިސްކިތުގައި އިނީއެވެ. ފަތިސް ނަމާދު ވަގުތުވުމުން ނަމާދު ކުރައްވައި ނިމިވަޑައިގެން އޭނާ ގާތު އެނބުރި ދިއުމަށް ވިދާޅުވިއެވެ.
އެނބުރި ދިއުމުގެ ބަދަލުގައި ވަގުކަލޭގެ އެދުނީ އިލްމުވެރިޔާގެ މެހްމާންދާރީއަށެވެ. އަރަބިންގެ ތެރޭގައި އާދަކާދަ އޮންނަގޮތުން މީހަކު މެހްމާންދަރީއަށް އެދިއްޖެނަމަ 3 ދުވަހުގެ މެހްމާންދާރީ އަދާކުރަންޖެހެއެވެ. އެހެންވެ ޢިލްމުވެރިޔާ އެކަން ޤަބޫލުފުޅު ކުރެއްވެވިއެވެ.
3 ދުވަހު ވެސް އޭނާ ހުރީ ޢިލްމުވެރިޔާ އާއިއެކު ރޯދައަށެވެ. އަދި އިލްމުވެރިޔާ ކުރެއްވި ހުރިހާ ނަމާދުތަކެއް ކުރިއެވެ. ފަހަތްޕުޅުން ދުރަކަށް ނުދެއެވެ.
3 ދުވަސްވުމުން އޭނާ އެނބުރި ދިއުމުން ރައްޓެހި ވަގުންތައް އައިސް ވަށައިލިއެވެ. އަދި 3 ދުވަހު ނުފެނި އުޅެ ކުރި ވައްކަންތަކުން ވަރަށް ގިނަ ފައިސާ ލިބިފައި ހުންނާނެކަމަށްވެސް ބުންނެވެ.
އޭނާ ބުނީ އޭނާ ވައްކަންކުރަން ވަންގެއަކުން އޭނާގެ ހިތާއި ހުރިހާ އެއްޗެއް ''ވަގަށް ނަގައިފި'' ކަމަށެވެ. އަދި ބަދަލުގައި ލިބުނު އެއްޗެތިން ފުރިފައި ހުރި ކަމަށެވެ. އެހެންކަމުން އިތުރަށް އެންމެ ވައްކަމެއްވެސް ދެން ނުކުރާނެ ކަމަށެވެ. ހަޔާތުގެ ދުވަސްތައް ހޭދަކުރަން ބޭނުމީ އަޅުވެރިއެއްގެ ގޮތުގައި ކަމަށެވެ.
މިވާހަކަ ބަޔާންކުރެއްވި ޝައިޚް ވިދާޅުވީ މިއީ މަޝްހޫރު ޢިލްމުވެރިޔާ މާލިކް ބިން ދީނާރުގެ ހަޔާތްޕުޅުން ވާހަކައެއް ކަމަށެވެ. ވަގުކަލޭގެއަށް ޙައްޤު މަގު އަންގަވައިދެއްވަން މާލިކް ބިން ދީނާރު އަމަލުފުޅު ކުރެއްވެވި ގޮތުގެ ވާހަކަ ކަމަށެވެ.