ލެގަނޭސް އަތުން ބަލިވެ ސްޕެނިޝް ކަޕުން ރިއާލް މެޑްރިޑް ކަޓައިފި

ކިޔުމަށް ހޭދަވާނީ 1މ 56ސ
ލެގަނޭސް އަތުން ބަލިވެ ސްޕެނިޝް ކަޕުން ރިއާލް މެޑްރިޑް ކަޓައިފި


ސްޕެނިޝް ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗުގައި ލެގަނޭސް އަތުން 1-2 ގެ ނަތީޖާއަކުން ބަލިވެ މުބާރާތުން ރިއާލް މެޑްރިޑް ކަޓައިފިއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ރިއާލް މޮޅުވެގެންނެވެ. ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުގެ ނަތީޖާއާއެކު ސެމީ ފައިނަލްގެ އެގްރިގޭޓް ނަތީޖާ 2-2 އުން ދެ ޓީމު އެއްވަރުވި ނަމަވެސް ލެގަނޭސްއަށް ސެމީގެ ޖާގައެއް ލިބިގެންދަނީ ރަށުން ބޭރުގައި ޖެހި ލަނޑުގެ ފައިދާ (އަވޭ ގޯލް އެޑްވާންޓޭޖް) އިންނެވެ. ރިއާލްގެ ދަނޑުގައި ލެގަނޭސް 2 ލަނޑު ޖަހާފައިވާއިރު، ލެގަނޭސްގެ ދަނޑުގައި ރިއާލް ޖަހާފައިވަނީ 1 ލަނޑެވެ.

ރިއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި ލެގުގެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލެގަނޭސްއިންނެވެ. މެޗުގެ 34 ވަނަ މިނެޓުގައި ލެގަނޭސްގެ ޖަވިއާ އެރާސޯ ކާމިޔާބުކޮށްދިން މި ލަނޑުން އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށް ލެގަނޭސްއިން ރިއާލް ހާސްކޮށްލިއެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ހަމައެކަނި މި ލަނޑެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ތިން މިނެޓު ނުވަނީސް ރިއާލްގެ ޓޮޕް ސްޓައިކަރު ކަރިން ބެންޒީމާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތީޖާއިން ރިއާލަށް އަލުން ކުރި ހޯދައިދިނެވެ. ބެންޒީމާގެ ލަނޑާއެކު ފަސޭހަކަމާއެކު ރިއާލް ސެމީއަށް ދަތުރުކުރާނެކަމަށް ހީކުރެވިގެން ދިޔައެވެ. އެހެން ނަމަވެސް، މެޗުގެ 55 ވަނަ މިނެޓުގައި ގެބްރިއެލް އެއްޕެލްޓް ޕިރެސް ލަނޑެއް ޖަހައި އެގްރިގޭޓް ނަތީޖާ ހަަމަހަމަކޮށް އަވޭ ގޯލުން ލެގަނޭސް އަށް ކުރި ހޯދައިދިނެވެ.

ވޭތުވެދިޔަ ދެ ސީޒަންގައި ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރިއާލް މެޑްރިޑްގެ ފަރާތުން މި ސީޒަންގައި މިހާތަަނަށް ފެނިގެންދަނީ ވަރަށް ދަށް ކުޅުމެކެވެ. ސްޕެނިޝް ކަޕުން ރޭ ކެޓިއިރު، ސްޕެނިޝް ލީގުގައި ރިއާލް އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

މުބާރާތުން ރިއާލް ކަޓާފައިވާއިރު، މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކުރުމަށް އެންމެ ފަހުގެ ޗެމްޕިއަނުންކަމަށްވާ ބާސެލޯނާއިން މިރޭ އެސްޕަންޔޯލްއާ ދެކޮޅަށް ނުކުންނާނެއެވެ. މި ދެ ޓީމު ބައްދަލުކުރި ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު ނިމުނީ 0-1 ގެ ނަތީޖާއިން އެސްޕަންޔޯލް މޮޅުވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރާ ކުއާޓާ ފައިނަލްގެ ދެވަނަ ލެގު މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަން 1:30 ގައެވެ.

މިއަދު އޮންލައިން