އައްސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ އަންހާ (ދެވަނަ ބައި)

ކިޔުމަށް ހޭދަވާނީ 2މ 10ސ
އައްސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ އަންހާ (ދެވަނަ ބައި)
((މާތް ނަބިއްޔާ މުޙައްމަދު (ﷺ) ގެ ލޮބުވެތި ދަރިކަނބަލުން އައްސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ އަންހާ އާއި ބެހޭގޮތުން ލިޔެފައި މިވާ އާޓިކަލް އަކީ "ޠާހިރު އަޙްލުބައިތުން" މިފޮތުން މައުލޫމާތު ނަގައިގެން ލިޔެފައިވާ އާޓިކަލްއެކެވެ. އެހެންނަމަވެސް މިއާޓިކަލްގައި، އެފޮތުގައިވާ ހުރިހާ ލިޔުމެއް ބަހުން ނަކަލު ކޮށްފައި ނުވާނެ ވާހަކަ މިފުރުސަތުގައި ބުނަމެވެ.))

މާތް ނަބިއްޔާ މުޙައްމަދު (ﷺ) ނަބީކަމާއިގެން ފޮނުއްވުމުން، އިސްލާމްދީނަށް ގޮވާލެއްވުމުގެ މުޤައްދަސް ވާޖިބު އަދާކުރައްވަން އެކަލޭގެފާނު ފެއްޓެވިއެވެ.

ނަމަވެސް މައްކާގެ މުޝްރިކުންގެ ފަރާތުން ކައުސާހިބާއަށް ވަރަށް ބޮޑެތި އުނދަގޫފުޅުތަކާއި އަނިޔާތައް ކުރިމަތިވިއެވެ. އަދި އެކަންތައްތަކަކީ އެކަލޭގެފާނުގެ ލޮބުނެތި ދަރިކަލުން ސައްޔިދާ ފާޠިމަތުއްޒަހްރާއު ގެ ހިތްޕުޅަށް ނުހަނު ބޮޑަށް ވޭނާއި ކެކުޅުން ލިބިވަޑައިގަތް ކަންތައްތަކެކެވެ.

މައްކާގެ މުޝްރިކުން ރަސޫލާ (ﷺ) ގެ އިސްތަށިފުޅަަށް ވެލި އުކިއެވެ. ގަނޑުވަރުގެ ދޮރުކޮޅު މައްޗަށް ކަށިތައް އެޅިއެވެ. އަދި މީގެ އިތުރުން އެކަލޭގެފާނާއި ދިމާލަށް އެއްޗެހި ގޮވާ ފުރައްސާރަކޮށް ހެދިއެވެ. އެކަލޭގެފާނު ބޭރުން ގަނޑުވަރަށް ވަޑައިގަތުމުން ސައްޔިދާ ފާޠިމާ އެކަމަނާގެ ލޮބުވެތި ބައްޕާފުޅަށް ބައެއް ފަހަރު ތަސައްލީ ދެއްވައެވެ.

އެކަމަނާގެ ލޮބުވެތި ބައްޕާފުޅަށް ކުރިމަތިވި މުސީބާތްތަކާއިމެދު ބައެއް ފަހަރު ކީރިތި ވެސް ކުރެއްވިއެވެ. އެފަދަ ވަގުތު މާތް ނަބިއްޔާ (ﷺ) އެކަމަނާއަށް ހިތްވަރު ދެއްވާ ޙަދީޘްފުޅު ކުރައްވަވައެވެ.
"ލޯބިވާ ދަރިފުޅާއެވެ. ކަންބޮޑު ނުވާށެވެ. މާތް ﷲ ދަރިފުޅުގެ ބައްޕަ އެކަނި ދޫކޮށެއް ނުލައްވާނެއެވެ."

އެއްދުވަހަކު ކައުސާހިބާ މަސްޖިދުލް ޙަރާމް ގައި ނަމާދުފުޅު ކުރައްވާން ހުންނަވަނިކޮށް ފެނުމުން، މުޝްރިކުންގެ ބަޔަކު ގާތު އަބޫޖަހުލު ބުންޏެވެ.

"އެވެނި ހިސާބުގަނޑެެއްގައި ޖަމަލެއް ކަތިލައިގެން އެބައުޅެއެވެ. ކޮންމެވެސް މީހަކު ގޮސް އެތަނުން ގޮހޮރު ތަކެއް ގެނެސްބަލާށެވެ."

އެހިނދު އަޤަބަތު ބިން އަބީ މުއީޠު ގޮސް ނަޖިހުން ފުރިފައިވާ ގޮހޮރު ބޮނޑި ގެނެސް، އިތުރު ސާހިބާ ސަޖިދައަށް ވަޑައިގަތުމުން އެކަލޭގެފާނުގެ ބުރަކަށިފުޅު މައްޗަށް އެޅިއެވެ.

ސައްޔިދާ ފާޠިމަތުއްޒަހްރާއު އަށް އެޚަބަރު ލިބިވަޑައިގަތުމާއިއެކު، އެކަމަނާގެ ތުއްޕުޅު ކަމާއެކުވެސް ދުވެ ވަޑައިގެންފައި ޙަރަމްފުޅުގެ ތެރެއަށް ވަޑައިގެން އެތަކެތި ނަންގަވާ އުއްކަވާ ލެއްވިއެވެ.

އެމީހުންނަަށް ކުރެވުނު ނުބައިކަމާއިމެދު ފަޚުރުވެރިވެ، ހީނހީނފައި މުޝްރިކުންގެ މީހުން އަތްތިލަބަޑި ޖަހަން ތިއްބާ، ސައްޔިދާ ފާޠިމާ އެބައިމީހުންނާ ދިމާލަށް ކޯފާގެ ލޯފުޅަކުން ބެއްލެވުމަށްފަހު ވިދާޅުވިއެވެ.

"ނުލަފާ މީހުންނޭވެ! އަހްކަމުލްޙާކިމީން ތިޔަބައިމީހުންގެ ތިޔަހަރަ ނުބައި ކަމަށް ސަޒާ ދެއްވާނެކަން ކަށަވަރެވެ."

މާތް ﷲ ގެ ކުޅަދުންވަންތަ ކަމުން އެއެންމެން ވަނީ ބަދުރު ހަނގުރާމައިގާ ނިކަމެތިކަމުގެ މަރަކުން މަރުވެ ގޮސްފައެވެ.

މިއަދު އޮންލައިން