ޝައިޠާނާ އަބަދުވެސް މަސައްކަތްކުރާނީ ތިބާގެ ކޮންޓްރޯލްގެ ތެރެއަށް ވަދެގަންނާށެވެ. އެއިރުން ތިބާގެ ހުރިހާ އަމަލެއްގެ މައްޗަށް ފުރިހަމައަށް ބާރު ފޯރުވަން ފަސޭހަވާނެތީއެވެ.
ޝައިޠާނާ ތިބާގެ ކޮންޓްރޯލް ރޫމުގެ ތެރެއަށް ވަދެގަތުމަށް މައިގަނޑު ގޮތެއްގައި 4 މަގަކުން މަސައްކަތްކުރެއެވެ. އެތަނުން ފުރަތަމަ މަގަކީ ދުނިޔޭގެ އެންމެ ކަމެއް އެއީ މާބޮޑު ކަމެއްކަމަށް ތިބާއަށް ވިސްނައިދީގެން އެހެން ހުރިހާ ކަމެއްގެ ަމަތިން ހަނދާން ނައްތައިލުވުމެވެ.
ދެވަނައަށް ކުރާނެ ކަމަކީ ޙަރާމް ކަންކަން ރީބްރޭންޑް ކުރުމެވެ. ބަނގުރަލަށް އިތުރު ނަންތައް ދީގެން އެއީ ބަނގުރާ ނޫން ކަމަށްބުނެ މުސްލިމުން ބަނގުރާ ބޭނުންކުރާނެ ދުވަސް އަންނާނެކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ.
"މިޔުޒިކު މިހާރު ވެފައިވަނީ އާޓަކަށް. ދެޖިންސުން މަސްހުނިވެ އުޅުން އަދި ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން މިހާރުވެފައިވަނީ ސިކުނޑި ހުޅުވައިލެވުމަށް. އަދި އިންސާނާގެ ކުރިއެރުމަށް."
މިފަދަ ގޮތްގޮތަށް ހަރާމްކަންކަމުގެ ނަންތައް ބަދަލުކުރަނީ މުހިންމު ސަބަބެއް އޮވެގެންނެވެ. މިސާލަކަށް ޝައިޠާނާ އައިސް އާދަމްގެފާނަށް "މާތް ﷲ މަނާ ކުރެއްވެވި ގަހުން ފަރިއްކުޅުއްވާށޭ" ވަސްވާސް ދިންނަމަ އާދަމްގެފާނު އެކަމަށް ދެކޮޅު ހެއްދެވީހެވެ.
އެހެންވެ ޝައިޠާނާ އާދަމްގެފާނާއި މުޚާޠަބްކުރީ އާދަމްގެފާނު ޝައުޤުވެރިވާނެ ޢިބާރާތްތަކުންނެވެ. އާދަމްގެފާނަށް އެނގިވަޑައި ނުގަންނަވާ ކަންތައްތައްތަކެއް ބުނެދިނުމުގެ ނަމުގައެވެ. ހެޔޮލަފާ ނަޞޭޙަތްދޭ މީހަކަށް ހެދިގެންނެވެ.
އިބިލީހާއި އިބިލީހުގެ އެޖެންޓުން އިންސާނުންގެ ހިތްތަކަށް ވެރިވެގަންނަން މިއަދުވެސް މަސައްކަތްކުރަނީ ހަމަ މި އުޞޫލުންނެވެ.
ނުބައި އެއްޗެއް ނުވަތަ ކުނިވެފައި އޮތް އެއްޗެއް ކިތަންމެ ރީތިކޮށް ޕާރުސަލް ކުރި ނަމަވެސް އެތެރޭގައި އޮތް އެތި އޮންނާނީ ހަމަ ކުނިވެފައެވެ. ނުބައި އަމަލުތަކާއި ފާފަތައް ކިތަންމެ ރީތި ކަންކަމަށް ހަދަން އުޅުނު ނަމަވެސް އެކަންކަން ވާނީ ހަމަ ބޮޑެތި ފާފަތަކަށެވެ.
ކޮންޓްރޯލް ރޫމްގެ ތެރެއަށް ވަދެގަންނަން މަސައްކަތްކުރާ 3 ވަނަ ގޮތަކީ ދީނުގެ ފަރުޞުތައް އަދާކުރުން ފަސްކުރުމަށް ހިތްވަރުދިނުމެވެ.
ޝައިޠާނާ ބުނާނެއެވެ. "އާނއެކެވެ. ތިބާ ނަމާދުކުރަންވާނެއެވެ. ނަމަވެސް 5 ވަގުތު ޖަމާއަތުގައި ކުރުން ފަދަ ބުރަތައް އުފުލަންވާނީ ޙައްޖުވުމަށްފަހުގައެވެ. ޙިޖާބައަޅައި ނިވާވާންވީ ކައިވެނީގެ ފަހުންނެވެ. ސޯޝަލް މީޑިއާގައި ކުރާ އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމުން ދުރުވެ ހިލޭ މީހުންނާއިއެކު އޮންނަ ގުޅުންތައް ދޫކޮށްލާންވާނީ ކައިވެނިކޮށް ރަނގަޅަށް ހަމަޖެހިލެވުމުން ކަމަށްވެސް ބުނާނެއެވެ.
ތެދުވެރިވުމަށް މަސައްކަތްކުރާނަމަ ތިހައިވަރުން އެކަމާއި އުޅޭނީ ރަނގަޅު ވަޒީފާއެއް ލިބި އާމްދަނީ ލިބެން ފެށުމުން ކަމަށް ބުނާނެއެވެ. ވަޒީފާ ލިބި މުސާރަ ލިބެން ފެށީމާ އެވަރުން އުޅޭނީ ފައިސާކޮޅެއް އެކައުންޓަށް ޖަމާކޮށްލެވުމުން ކަމަށްވެސް ބުނާނެއެވެ. ފައިސާކޮޅެއް ޖަމާކޮށްލެވުމުން ކައިވެނި ކުރެވުމުން ކަމަށްވެސް ބުނާނެއެވެ. ކައިވެނި ކުރެވުމުން، އަދި އުމުރުން މާ ހަގު ކަމަށާއި މުސްކުޅިވެލަންދެން މަޑުކޮށްލަންވެސް ބުނާނެއެވެ.
އެބުނާ މުސްކުޅި ނުވެގެން ހުއްޓައި ފެންނާނީ މަރާއި ކުރިމަތިލާންޖެހޭ ތަނެވެ. ފާފަކުރުމުގައި ދެމި ހުއްޓައެވެ.
ހަތަރުވަނައަށް އިބިލީސް ކުރާނެ ކަމަކީ މުސްލިމުން ބިރުގެންނެވުމެވެ. ތުނބުޅި ބަހައްޓާތީއެވެ. ޙިޖާބައަޅައި ނިވާވާތީއެވެ. ދިރިއުޅޭ ވެށިން ނުރައްކާތެރިކަމެއް ކުރިމަތިވެދާނެ ކަމަށާއި ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ބުނާނެއެވެ.
ދަރިއަކު ބަރާބަރަށް މިސްކިތަށް ނަމާދަށް ގޮސް ޤްރްޢާން ކިޔަވައި ސުންނަތަށް ލޯބިކުރާނަމަ އެ ކުއްޖަކު އެހެރީ ހައްދުފަހަނައަޅާފައި ކަމަށް ކުއްޖާގެ ބައްޕައަށް ވިސްނައިދީގެން ދަރިފުޅުގެ އަމަލުތައް ހުއްޓުވަން މަސައްކަތްކުރާނެއެވެ.
ޞަދަޤާތެއް ދޭން އުޅޭނަމަ ފަޤީރުވެދާނެ ކަމަށްބުނެ ބިރު ދައްކާނެއެވެ. ހިލޭ އަންހެނަކާއި އޮންނަ ގުޅުން ކަނޑާލަން އުޅޭނަމަ އެ ގުޅުން ކަނޑާލައިފިނަމަ ތިބާއަށް އެއްވެސް އުފަލެއް މިދުނިޔޭގައި ނެތްކަމަށް ބުނެ އެކަމަށްވެސް ހުރަސް އަޅާނެއެވެ.
ލޮބުވެތިންނޭވެ. މިބާވަތުގެ އެއްވެސް ކަމަކުން މަގުއޮޅިގެން ދިއަ ނުދޭށެވެ. ތިބާގެ ހުރިހާ އަމަލުތަކެއް މާތް ﷲ ބައްލަވައިވޮޑިގެންވާކަން ޔަޤީންކުރާށެވެ. މާތް ﷲ ގެ މަގުގައި ކުރިއަށް އަޅަން މަސައްކަތްކުރާ ކޮންމެ ފިޔަވަޅަކާއިއެކު ތިބާއަށް ކާމިޔާބީ އާއި ކުރިއެރުންތައް މާތް ﷲ ދެއްވަވާނެކަން ޔަޤީންކުރާށެވެ.
އިންސާނާގެ ކޮންޓްރޯލް ރޫމަކީ އިންސާނާގެ ހިތެވެ. އެހެންކަމުން އިބިލީސް އަބަދުވެސް ގަދައަޅައި މަސައްކަތްކުރާނީ ހިތުގެ ކޮންޓްރޯލް އަތުލުމަށެވެ. އެއިރުން އިބިލީސް ބޭނުންވާހައި ގޮތަކަށް ތިބާ ލައްވައި ކަންކަން ކުރުވޭނެތީއެވެ.
ގުޅުންހުރި ވީޑިއޯ: