ނިމިގެން ދިޔަ އަހަރުގެ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ އިމްތިހާނު ކަރުދާސް ހެދި ޓީޗަރުން، ޓިއުޝަން ދިން ކަމަށާއި ސްކޫލް ތަކުގައި ކިޔަވާ ވެސް ދިން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އެކޮމިޝަނުން މިހެން ބުނެފައިވަނީ އެސްއެސްސީ އިސްލާމް ޕޭޕަރު ތައްޔާރުކުރި ޓީޗަރުން ޓިއުޝަން ނަގައިދީ، ސްކޫލްތަކުގައި ކިޔަވައިދީ އަދި ކޭމްޕްތައް ވެސް ހިންގާފައިވާ ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ނިންމި ނިންމުމެއްގައެވެ.
އެގޮތުން އޭސީސީ އިން ނިންމި ނިންމުމުގައި ބުބެފައިވަނީ އެސްއެސްސީ ދިވެހި ޕޭޕަރު ޕްރިންޓު ކުރަމުން ދިޔައިރު ސްކޫލެއްގައި މޮކް އެގްޒޭމުގައި ހިމެނުނު ސުވާލެއް ޕޭޕަރުގައި ހިމެނިފައިވާ ކަން އެނގުމުން އެސުވާލު ބަދަލުކުރި ކަމުގައެވެ.
ނަމަވެސް އެޕޭޕަރު ހެދުމުގައި ބައިވެރިވި ޓީޗަރަކު ސްކޫލެއްގައި ކިޔަވައިދޭ ކަމަށާއި އެސްކޫލްގެ މޮކް އެގްޒޭމުގައި ހިމެނުނު ސުވާލެއް ދިވެހި ޕޭޕަރުގައި ހިމެނިފައިވީ ނަމަވެސް އެޓީޗަރު އެކަން އަންގާފައި ނުވާ ކަމަށެވެ.
އެކޮމިޝަނުން މިމައްސަލަ ބަލައި މިހެން ބުނިއިރު، މިމައްސަލަ ފެންމަތިކޮށް ތުހުމަތުގައި މާލޭގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އިން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި އެޓީޗަރުންގެ ފޯނުތައްވެސް ވަނީ ތަހުގީގަށް އަތުލާފައެވެ.