ދިވެހިރާއްޖޭގެ ޖުމްހޫރީ ތާރީޚުގައި މިހާރު ލިޔެވެމުން މިދަނީ މުޙައްމަދު އަމީން ފެށްޓެވި އިޞްލާހީ މަސައްކަތްޕުޅުތައް ހުއްޓުވައިލުމަށްޓަކައި އެމަނިކުފާނު ހަވަރަށް ދިން ދުވަސް ފިޔަވާ އެންމެ އަނދިރި ދުވަސްތައް ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އިމްރާން މިމޭރުމުން ވިދާޅުވީ އެމަނިކުފާނު ޖަލު ބަންދުގައި ހުންނަވާތާ 1000 ދުވަސް ފުރުމާއި ގުޅިގެން މިރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާއަށް ފޮނުއްވި ބަޔާނުގައެވެ.
ޝައިޚް އިމްރާން ވިދާޅުވީ މިދުވަސްތައް ދިވެހިންނާއި ބައްދަލުކުރާ މަންޒަރު މީގެ 3 އަހަރު ކުރިން އެމަނިކުފާނު ދެކަވަޑައިގެންނެވި ކަމަށެވެ.
ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެންމެ ފުޅައުމިނުގައި ކަށަވަރުކުރެވި ދައުލަތް ހިންގުމުގެ ބާރުތައް ވަކިކުރެވި އަދި ސިޔާސީ ޕާޓީތަކަށާއި އަދި ތަފާތު ސިޔާސީ ފިކުރުތަކަށް ޖާގަދެވިފައި އޮންނަ ޒަމާނީ ޑިމޮކްރެޓކް ނިޒާމެއްގައި ޤައުމުގެ ސިޔާސީ ތިލަފަތް ވަކި އަތަކަށް ބުރަވެ ގޮސް ނިމުނީމާ ދެން ރައްޔިތުންގެ ހައްޤުތަކާ މިނިވަންކަމާއި އަދި ރައްޔިތުންނަށް ނިޞްބަތްވާ ދައުލަތުގެ މާލިއްޔަތާއި މުއްސަނދިކަން އޮންނާނީ ފިސާރި ފުޅައު ދާއިރާއެއްގައި ބޮޑު ނުރައްކަލުގެ ތެރެއަށް ހުށަހެޅިފައިކަން އެއީ އެއިރުވެސް ޔަޤީން ކުރެއްވި ކަމެއް ކަމަށެވެ.
"އެހެންކަމުން ދައުލަތުގެ ޚަޒާނާ އާ ހަތިޔާރު ގުދަނުގެ ތަޅުދަނޑިއާ ދައުލަތުގެ ނިޝާނާ އަދި ދައުލަތުގެ ދިދައަށް އަމާނާތްތެރިވުމުގެ ޒިންމާއާ އަދި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ނެގެހެއްޓުމުގެ އެންމެ މަތީ މަސްއޫލިއްޔަތު ހަވާލުކުރެވިފައި ހުރި މީހާގެ ކިބައިގައި ޤާނޫނު އަސަސީ އާއި އެއްގޮތަށް ވެރިކަން ކުރުމުގެ ރޫޙެއް ނެތްތަނުގައި ޤާނޫނު އަސާސީގެ ދެލިގަނޑުގައި ލިޔެފައި އޮތް ގޮތަށް ކަންކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރެވުނީމާ ދެން އެކަމުގެ މައްޗަށް ހަރުދަނާ އިތުރު ފިޔަވަޅުތަކެއް އެޅުން ލާޒިމުކަމުގައި އަޅުގަނޑު ދެކުނިން."
ޝައިޚް އިމްރާން ވިދާޅުވީ އެ މަސައްކަތްޕުޅުތައް ކުރެއްވީ ސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ގަދައަޅައި މަސައްކަތްކުރި އެއް ޕާޓީގެ އެންމެ އިސްވެރިއަކަށް ހުރި މީހެއްގެ ޙައިޞިއްޔަތުންނާއި ޢާންމު ދިވެހި ރައްޔިތެއްގެ ހައިޞިއްޔަތުން ފަރުދީ ގޮތުން ކޮނޑުފުޅުގައި އެޅިފައިވާ މަސްއޫލިއްޔަތަށްވުރެ އެތައް ތަނެއް އިތުރުން ސަރުކާރު ފާލުން ނެއްޓުނަ ނުދިނުމަށް މަސައްކަތްޕުޅު ކުރެއްވުމަށްފަހުގައި ކަމަށެވެ.
ޝައިޚް އިމްރާން ވަނީ އެއިރު ކަންބޮޑުވެވަޑައިގެންނެވި ކަންތައްތައްވެސް ބަޔާންކުރައްވައިފައެވެ.
ޝައިޚް އިމްރާން ވިދާޅުވީ ރައިސް ޔާމީން އެއިރު ހީފުޅު ކުރެއްވީ "އަޅުގަނޑު" ބަންދުކުރުމުން އިޞްލާޙަށް ގޮވާލާ މީހުންގެ މަސައްކަތް ހުއްޓޭނެ ކަމަށް ކަމަށާއި ނަމަވެސް މިއަދު ވެސް މިފެންނަނީ އެއިރު އެމަސައްކަތްތަކުގައި ނުކުތް މީހުން އެއްގޮތެއްގައި ތިބިތަނާއި އިޞްލާޙަށް ގޮވާލުމުގެ ހަރަކާތްތައް އިތުރަށް ފުޅައުވެ ވަރުގަދަވަމުން އަންނަތަން ކަމަށެވެ.
ޝައިޚް އިމްރާން ވަނީ ރާއްޖޭގައި ހުރި ކަންބޮޑުވާންޖެހޭ މައްސަލަތައް ބަޔާނުގައި ފާހަގަކުރައްވައިފައެވެ.
ގުޅުންހުރި އޯޑިއޯ: