އަޅުގަނޑަކީ އަބަދުވެސް ޚުޝޫއަތްތެރިކަމާއިއެކު ނަމާދުކުރަން ބޭނުންވެ އެކަމަށް މަސައްކަތްކުރަމުން އައި މީހަކީމެވެ. ނަމަވެސް އެކަމަށް އައީ ހުރަސްތައް ކުރިމަތިވަމުންނެވެ. ނަމާދުކުރަން ހަމަ ފަށާއިރަށް ޝައިޠާނާ އައިސް ތަފާތު ވަސްވާސްތައް ދޭންފަށާތީއެވެ.
ބައެއް ފަހަރު ރީތި އަންހެން ކުދިންގެ މައްސަލަތައް ހިތަށް ވެރިކުރުވައެވެ. އަނެއްބައި ފަހަރު ކޮންމެވެސް ފައިސާތަކެއް ލިބި މުއްސަނދިވުމުން ކުރާނެ ކަންކަމެވެ. އަނެއްބައިފަހަރު ސިޔާސީ ކޮންމެވެސް ކަމެކެވެ. އަނެއްބައިފަހަރު ގޭތެރޭގެ ކޮންމެވެސް ކަންތައްތަކެކެވެ. އެންމެ ގިނައިން ހިތަށް ގެނުވާ އެއްކަމަކީ ނަމާދުން ފައިބައިގެން ގޮސް ހޮޓަލަށް ވަދެ ކައިލާނެ އެއްޗެކެވެ. އެހެން އެކަން އެވަނީ ކެއުމަށް އަހަރެން ދޭ ސަމާލުކަން ބޮޑުކަމުން ކަމަށްވެދާނެއެވެ.
ނަމާދު ފެށުމާއިއެކު މިފަދަ ކޮންމެވެސް ކަމެއް ހިތަށް ގެނުވައެވެ. އެހެންވިއަ ނުދިނުމަށް އަޒުމް ކަނޑައަޅައިގެން ނަމާދުކުރަން ފެށި ނަމަވެސް ހަމަ ދޭތެރެއަކުން އެ ފަދަ ކޮންމެ ވެސް ޚިޔާލުތަކެއް ސިކުނޑިއަށް ވެރިވެގަނެ ނަމާދުގައި ކިޔާ ތަކެތީގެ މާނަ ހިތުން މުޅިން ފޮހެލައެވެ.
މިކަން ބޮޑުވެގެން ދީނީ ޢިލްމުވެރިއަކާއި ބައްދަލުކޮށް މަޝްވަރާކުރުމުން ވިދާޅުވީ ހިތުގައި ނުތާހިރުކަމެއް އުޅެނީކަމަށް ވެދާނެކަމަށާއި ހިތް ތާހިރުކުރަން މަސައްކަތްކުރުމުން އެކަން ރަނގަޅުވެދާނެކަމަށް ފެލިވަޑައިގަންނަވާ ކަމަށެވެ.
ޢިލްމުވެރިޔާ ވިދާޅުވީ ނުބައި އަމަލުތައް ކުރުމުގެ އިތުރުން ނުބައި ކަންކަން ހިތަށް އެރުވުމުން ވެސް ހިތް ނުތާހިރުވާ ކަމަށެވެ. ހިތުގައި ލައް ޖެހޭ ކަމަށެވެ. އެފަދަ ލައްތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެ ގިނައިން ރަނގަޅު ކަންތައްތައް ހިތަށް ނުގެނެވޭނަމަ ނުބައި ކަޅު ތިކިތަކުން ހިތް ފުރިދާނެ ކަމަށާއި ކަޅު ތިކިތަކުން ހިތް ފުރިއްޖެނަމަ ހިތުގެ މަައްޗަށް ވެރިވެގަންނަން ޝައިޠާނާއަށް ފަސޭހަވާނެ ކަމަށެވެ.
ޢިލްމުވެރިޔާގެ ވާހަކަފުޅުތައް އަޑުއެހުމަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން ކުރަން ފެށި ކަމަކީ ބެލުންތައް ތިރިކުރުމެވެ. ފެންނަ އަންހެން ކުދިންނަށް ސަމާލުކަން ނުދިނުމެވެ. ހަމައެއާއިއެކު ލަވައާއި މިޔުޒިކާއި މުޅިން ދުރުހެލިވީމެވެ. އެގޮތަށް އަމަލުކުރަން ފެށީ އެކަންކަން ކުރުމަށް ވަރަށް ބޮޑަށް ދެވިހިފާފައި ހުރުމުން އެކަމުން ސަލާމަތްވުމަށެވެ.
އެއާއިއެކު ގިނަގިނައިން ހެޔޮ އެއްޗެތި ދުލުން ކިޔަން ފެށީމެވެ. ލިބޭ ހުސްވަގުތުތަކުގަ އާއި ވަގުތު ހޯދައިގެންވެސް އެކަންކުރަން ފެށީމެވެ. ދުވަސްކޮޅެއްވީއިރު ގިނަގިނައިން ހެޔޮ އެއްޗެތި ކިޔުމާއި ހެޔޮ ކަންކަން ކުރަން ހިތަށް ގެނައުމަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އޮޓޮމެޓިކުން އެކަން ކުރެވެއެވެ.
އަޅުގަނޑުގެ އުޅުން ބަދަލުކޮށްލިތާ 40 ދުވަހެއް ނުވާނެއެވެ. އެކަމުގެ ނަތީޖާ ފެންނަން ފެށިއެވެ. އިބިލީހުގެ ވަސްވާސްތައް މަދުވާން ފެށިއެވެ. ހަމަ ޔަޤީނުންވެސް 3 މަސްވެގެން އައިއިރު އިބިލީހުގެ ވަސްވާސްތައް ހިތަށް ވަނުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަން ވަނީ ފެށިފައެވެ.
އެކަމުގެ ހިތްހަމަޖެހުން ލިބެން ފެށުމުން އަނެއްކާވެސް ޢިލްމުވެރިޔާ އާއި ބައްދަލުކުރީމެވެ. ޙާލަތު ބަދަލުވެއްޖެ ކަމަށް ދެންނެވީމެވެ.
ޢިލްމުވެރިޔާ ވިދާޅުވީ ދުލެއް ނުދީ ހިފެހެއްޓުމަށެވެ. ހެޔޮ އަމަލުތައް ގިނަކުރެވޭތޯ އަދިވެސް އިތުރަށް މަސައްކަތްކުރުމަށެވެ. ލިބޭ ހުސްވަގުތު ތަކުގައި ކޮންމެ ތަނެއްގައި ހުރި ނަމަވެސް ޛިކުރުކުރުން ގިނަ ކުރުމަށެވެ.
މިއީ އަޅުގަނޑު ހަމަ އަމިއްލައަށް ކޮށްފައިވާ ތަޖުރިބާއެކެވެ. އަޅުގަނޑުގެ ތަޖުރިބާ ޙިއްޞާ މިކުރީ ހަމަ އެންމެ ބޭނުމަކުއެވެ. އަޅުގަނޑުގެ ތަޖުރިބާއިން އިތުރު އެންމެ މީހަކަށް ނަމަވެސް ފައިދާއެއް ކޮށްފާނެ ކަމުގެ އުންމީދުގައެވެ. މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅަށް އެދެމުންނެވެ.
(މިއަދުނޫހުގެ ކިޔުންތެރިއަކު ދެއްވި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެއް.)