ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އާއި ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އިންޑިއާ މީހުން ބައިވެރިވި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ނާޒިމް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމު ކަމަށާއި ޞިއްޙީ، ތައުލީމީ އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ޚިދުމަތްކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މީހުންގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ކުރާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އިންޑިއާގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވުނީ ދިގު މުއްދަތެއްގައި އިންޑިއާގެ ގިނަ އަދަދެއްގެ ލީޑަރުން ވެވަޑައިގެންނެވި މަތިވެރި ޤްރްބާނީތަކުގެ ސަބަބުން ކަމަށެވެ. ހަމަ އެއާއިއެކު އިންޑިއާ ކުރިއަރައި އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކަށްވެފައި މިވަނީވެސް އެ ލީޑަރުންގެ މަސައްކަތްޕުޅުތަކާއި ޤްރްބާނީން ކަމަށެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވިދާޅުވީ އިންޑީއާ އިން ކުރިއަރަން ކުރާ މަސައްކަތްތައް ދަނީ ކާމިޔާބުކަމާއިއެކު ކުރިއަށް ކަމަށެވެ. އަދި އިޤްޠިޞާދީ ގޮތުން ބެލި ނަމަވެސް މިއަހަރު ޖީޑީޕީ 7.4 އަށް އިތުރުވެ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްޠިޞާދަށް އިންޑިއާ ވެގެންދާނެ ކަމަށެވެ.
މިޝްރާ ވިދާޅުވީ އިންޑިއާ އިން ކަންކަން ތަރައްޤީކުރަމުން ގެންދަނީ އަދި ތަކެތި އުފައްދަނީ އިންޑިއާގައި ތިބި 1 ބިލިއަން ރައްޔިތުންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި މުޅި ދުނިޔެއަށް އަމާޒުކޮށްގެން ކަމަށެވެ. "2030 އަށްދާއިރު ދުނިޔޭގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންގެ 25 އިންސައްތަ ޙިއްޞާ ކުރާނީ އިންޑިއާ އިން."
މިޝްރާ ވިދާޅުވީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނިޔު އިންޑިއާ ސިޔާސަތުގެ ސަބަބުން އިންޑިއާއަށް މިހާރުވެސް ވަނީ ބޮޑެތި ކުރިއެރުންތައް ލިބިފައި ކަމަށެވެ. ކޮރަޕްޝަން ނައްތައިލުމަށާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި އަދި ބާރު ސްޕީޑްގައި ކަންކަން ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އިންޑިއާއަށް މިހާރުވެސް ބޮޑެތި ކާމިޔާބީތައް ހާޞިލުކުރެވިފައިވާ ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުންނާއި ފަންނީ މީހުން ބައިވެރިވިއެވެ.