އަޅުގަނޑުމެންނަށް މިދުނިޔޭގައި މުޞީބާތެއް މާތް ﷲ ކުރިމަތިކުރެއްވެވުމުން އެކަމާއިމެދު ޝަކުވާ ކުރަމުއެވެ. އެއީ ކީއްވެގެން ކުރިމަތި ކުރެއްވެވި މުޞީބާތެއް ކަމާއިމެދު ސުވާލުތައް އުފައްދަމުން ބައެއް ހާލަތްތަކުގައި އިސްލާމް ދީނުން ބޭރުވާ ޙާލަތަށްވެސް ކަންކަން އެބަދެއެވެ.
އެފަދަ މީހުންނަށް ޖަވާބަކަށް ކީރިތި ޤްރްއާނުގެ މި އާޔަތް ފުދެއެވެ. "ތިއަބައިމީހުން ޝުކުރުކޮށް އީމާންވީނަމަ ތިއަބައިމީހުންނަށް ޢަޛާބު ދެއްވައިގެން ﷲ ކުރައްވަވާނީ ކޮން ކަމެއް ހެއްޔެވެ؟ (އެބަހީ އެފަދަ މީހުންނަށް ﷲ ޢަޛާބް ނުދެއްވަވާނެކަން ކަނޑައެޅުއްވެވުމެވެ.) ޝުކުރު ޤަބޫލުކުރައްވަވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. (ނިސާ:147)
މިއާޔަތުން އެނގެނީ ހައްޤު ނޫން މީހަކަށް އަނިޔާއެއް ދެއްވެވުމުގެ ގޮތުން މާތް ﷲ އެއްވެސް މީހަކަށް އެއްވެސް މުޞިބާތެއް މިންވަރުފުޅު ނުކުރައްވަވާނެ ކަމެވެ.
ކަން މިހެން އޮތް ނަމަވެސް މާތް ﷲ ގެ މަގު ދޫކޮށް އެތައް ބައަކު އެތީސްޓުންނަށް ބަދަލުވަނީ ސުވާލުތަކެއް ކުރަމުންނެވެ. އެއީ ދުނިޔެ ފެށުނީންސުރެ އުފައްދަމުން އަންނަ ސުވާލުތަކެކެވެ. މުޞީބާތްތައް ކުރިމަތިވާ ސަބަބާއިމެދުގައެވެ. ދަތިހާލުގައި އުޅެންޖެހޭ ސަބަބާއިމެދުގައެވެ.
އެފަދަ މީހުން ޤަބޫލުކުރާ ގޮތުގައި އެއްވެސް މުޞީބާތެއް ކުރިމަތިވެގެނެއް ނުވާނެއެވެ. އެއްވެސް ތަކްލީފެއް އުފުލަން ޖެހިގެންވެސް ނުވާނެއެވެ.
އެފަދަ މީހުން އެ އެދެނީ މިދުނިޔެއަކީ ސުވަރުގެކަމަށް ވުމަށެވެ. އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެ ތަނަކަށް ވުމަށެވެ. ހަމައެކަނި ނިޢުމަތްތަކުން ފުރިފައިވާ ތަނަކަށް ވުމަށެވެ. އަދި އެފަދަ މީހުން އެބުނާ ސުވަރުގެ ލިބެން ބޭނުންވަނީވެސް އެކަމަށް އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލައެވެ. ހަމަ މުޅިން ހިލޭ ސާބަހަށެވެ. "މާތް ﷲ އެމީހުން އުފެއްދެވީތީ އެމީހުން ބޭނުންވަނީ ވަގުތުން ސުވަރުގެ ވަނުމަށް."
ކަމުގެ ހަޤީޤަތަށް ބަލައިފިނަމަ ތަކުލީފެއް އުފެލެންނުޖެހޭހައި ހިނދަކު އެމީހާއަށް އެހުރެވެނީ މާތް ﷲ ގެ ނިޢުމަތްތަކުގައިކަން ގިނަ ބައަކަށް ޤަބޫލެއް ނުކުރެވެއެވެ. އެފަދަ މީހުންނަށް ނިޢުމަތަކަށް މިވަނީ މުޞީބާތެއް ޖެއްސުވުމަށްފަހު އެ ކަމެއް މާތް ﷲ އަނބުރައި ގެންދެވުމުންނެވެ.
އަހަރެމެން ވާންޖެހޭނީ މުޞީބާތްތަކަށް ޝުކުރުވެރިވާ ބައަކަށެވެ. ޔަޤީންކުރަންވާނީ އަހަރެމެންނަށް ރަނގަޅަކަށް ނޫނީ އެއްވެސް މުޞީބާތެއް ކުރިމަތިނުވާނެ ކަމަށެވެ. އެ ޔަޤީންކަމުގައި ދިރިއުޅޭމީހަކަށް ނޫނީ އެއްވެސް މީހަކަށް ތެދުމަގެއް ނުފެންނާނެއެވެ.
ގުޅުންހުރި ވީޑިއޯ: