ބޮޑުންގެ އަމުރަށް ކުށްކުރާމީހުންނާ ބޮޑުންނާ ޝައިޠާނާ ޤިޔާމަތް ދުވަހު ދައްކާނެ ވާހަކަތައް ޤްރްއާނުން.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ބޮޑުންގެ އަމުރަށް ކުށްކުރާމީހުންނާ ބޮޑުންނާ ޝައިޠާނާ ޤިޔާމަތް ދުވަހު ދައްކާނެ ވާހަކަތައް ޤްރްއާނުން.
ބޮޑުންނާއި ބާރުގަދަ މީހުން ބުނެގެން ކުށްތައް ކުރާ މީހުން ޤިޔާމަތް ދުވަހު އެމީހުންނާއި މުޚާޠަބް ކުރާނެއެވެ. އެމީހުން ކުށްތައް ކުރީ ބޮޑުންނާއި ބާރުގަދަ މީހުން ބުނެގެން ކަމަށް ބުނާނެއެވެ. އަދި އެމީހުން ކުރި ކުށްތަކުގެ ޒިންމާ އުފުލުމަށް ކުށްތައް ކުރުވި މީހުންގެ ކިބައިން އެދޭނެއެވެ.

އެހިނދު ކަންތައްތައް ވެގެންދާނެ ގޮތް ކީރިތި ޤްރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ.

"އެ އެންމެން (ކައްވަޅުން) ނުކުމެ މާތް ﷲ ގެ ޙަޟްރަތަށް އަންނާނެއެވެ. އަދި (އޭގެ ތެރެއިން) ނިކަމެތިން ބޮޑާވެގަތް މީހުންނަށް ބުނާނެތެވެ. ހަމަކަށަވަރުން ތިމަންމެން މިތިބީ ތިއަ ބައި މީހުންނަށް ތަބައަވެގެންނެވެ. ފަހެ، ތިއަ ބައިމީހުންނަށް ﷲގެ ޢަޛާބުން ކުޑަމިންވަރެއް ނަމަވެސް ތިމަންމެންގެ ކިބައިން ދުރުކުރެވިދާނެ ހެއްޔެވެ؟ އެއުރެން (ބޮޑާވެގަތް މީހުން) ބުނާނެތެވެ. ﷲ ތިމަންމެންނަށް ތެދުމަގު ދެއްކެވިނަމަ ތިއަ ބައިމީހުންނަށް ތިމަންމެން ތެދުމަގު ދެއްކީމުހެވެ. ތިތަމްނެން ކެތް ކުރިއަސް، ކެތް ނުކުރިއަސް، ތިމަންމެންނަށް ހަމަހަމަވެގެންވެއެވެ. ފިލަންދާނެ ތަނެއް ތިމަންމެންނަކަށް ނުވެއެވެ." (އިބްރާހީމް: 21)

ވިސްނައިލާށެވެ. މީސްތަކުންގެ ބަހަށް ހެއްލި ކުށްތައް ކުރި މީހުން އެމީހުން ލައްވައި ކުށްތައް ކުރުވި މީހުންނަށް ދޭނެ ޖަވާބަކީ މިއީ އެވެ. މިވަރަކުން ނުފުދެއެވެ. އެންމެ ފަހުވަގުތު އިބިލީސް ވެސް މަސައްކަތްކުރާނީ ކުށުން ބަރީއަވުމަށެވެ. އިބިލީސް އެދުވަހު ދައްކާނެ ވާހަކަ ކީރިތި ޤްރްއާނުގައި މާތް ﷲ ބަޔާންކުރައްވަވާފައިއެވަނީ ކުރިއާލައި އެކަމަށް ތައްޔާރުވުމަށް މީސްތަކުންނަށް އަންގަވައިދެއްވެވުމަށެވެ.

އިބިލީސް ބުނެގެން ނަމަވެސް ކުށެއްކޮށްފިނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށްކަން ކުރިއާލައި މީސްތަކުންނަށް އަންގަވައި ދެއްވެވުމަށެވެ.

"އަދި ކަންތައްތައް ނިޔާކުރައްވައި ނިމޭހިނދު ޝައިޠާނާ ބުނާނެތެވެ. ހަމަކަށަވަރން ﷲ ތިއަބައިމީހުންނަށް ވަޢުދު ކުރައްވަވާފައިވަނީ ޙައްޤު ތެދު ވަޢުދެވެ. އަދި ތިމަންވެސް ތިއަބައިމީހުންނަށް ވަޢުދުކުރީމެވެ. ފަހެ ތިއަބައިމީހުންނަށް ތިމަންކުޅަ ވަޢުދާ ޚިލާފްވީމެވެ. އަދި ތިއަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި ތިއަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ ތިއަބައިމީހުން ތިމަންގެ ގޮވައިލުމަށް އިޖާބަ ދިނީއެވެ. ފަހެ ތިއަ ބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިއަބައިމީހުންގެ އަމިއްލަ ނަފްސަށް ކުށްވެރިކޮށް ވާހަކަދައްކާށެވެ. ތިއަބައިމީހުންގެ އެހީތެރިއަކަށް ތިމަން ނުވަމެވެ. އަދި ތިއަބައިމީހުން ވެސް ތިމަންގެ އެހީތެރިންނަކަށް ނުވަމުއެވެ. ހަމަކަށަވަރުން، މީގެކުރިން ތިއަބައިމީހުން ބައިވެރިކުރި ކަންތަކަށް ތިމަން ކާފިރުވީމެވެ. ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި އަޛާބު ހުއްޓެވެ." (އިބްރާހީމް 22)

މީގެ އިތުރުން ޝައިޠާނާއަކީ މީސްތަކުންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމަށް މާތް ﷲ ވަނީ ވަޙީ ކުރައްވަވައިފައެވެ. ހަމަ އެއާއިއެކު ފާފަތައް ކުރުމަށް ކާބަފައިން ޝައުޤުވެރިކުރުވިފަދައިން ތިއަބައިމީހުން ޝައުޤުވެރި ނުވުމަށްވެސް މާތް ﷲ ވަނީ ވަޙީކުރައްވަވައިފައެވެ.

ކަންކަން މިފަދައިން މިހައި ސާފުކޮށް އެނގެން ހުރިނަމަވެސް މުޖުތަމައުގެ ބޮޑުން ބުނެގެން ކުށްކުރާ މީހުން މިއަދުވެސް މަދެއް ނޫނެވެ.

އިބިލީހަށް ހެއްލި ކުށްތައް ކުރާމީހުން މިދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިފަދައިން ކުށްތައް ކުރާމީހުން ކީރިތި ޤްރްއާނުގެ މިދެ އާޔަތަށް، އިބްރާހީމް ސޫރަތުގެ 21 އަދި 22 އާޔަތަށް ބަލައިލި ނަމަވެސް ކުށްތައް ކުރުމުން ކަންކަން ވެގެންދާނެ ގޮތް މިއޮތީ ވަރަށް ރަނގަޅަށް ފެންނާށެވެ.

ޝައިޠާނާގެ ކިބައިން ސަލާމަތްވެވޭނެ ބައެއް ކަންކަން ފެންނަން އެބަހުއްޓެވެ. ފުރަތަމަ ކަމަކީ މާތް ﷲ އަށް އިޚްލާޞްތެރިވުމެވެ. މާތް ﷲ އަށް އިޚްލާޞްތެރިއެއްގެ މައްޗަށް އެއްވެސް ބާރެއް ޝައިޠަނާއަކަށް ނުފޯރުވޭނެއެވެ.

ދެވަނަ ކަމަކީ ޝައިޠާނާ އެއްވެސް ވަސްވާސް އެއް ދޭކަމަށް ޝައްކުވާ ވަގުތުވެސް އަޢޫޛް ކިޔެވުމެވެ. 3 ފަހަރު އަޢޫޛް ކިޔަވާށެވެ. ޝައިޠާނާ އާއި ތިބާއާއި ދެމެދަށް މާތް ﷲ ހުރަސް އަޅުއްވަވާނެތެވެ. އަދި އަޢޫޛަށް ފަހު ބިސްމިﷲ ކިޔާށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ބިސްމިﷲ ކިޔުމުން ޒައްރެއްގެ މިންވަރަށް އިބިލީސް ކުޑަވެގެންދާނެ ކަމަށެވެ.

އެއަށްފަހު ގިނަގިނައިން ޛިކުރުކުރާށެވެ. ޛިކުރު ކުރުމަކީ ޝައިޠާނާ އާއި ތިބާ އާއި ދެމެދަށް އެޅިގެންދާނެ ހުރަހަކަށްވާނެއެވެ. ޝައިޠާނާގެ ކިބައިން އެންމެ ބޮޑަށް ސަލާމަތްވެގެންދާނެ އެއް ކަމަކީ ވީހައި ގިނަގިނައިން ޛިކުރު ކުރަމެވެ. ނަމާދަށްފަހުގައިވެސް އަދި އެނޫން ވަގުތުތަކުގައިވެސް ވީހައި ގިނައިން ޛިކުރުކުރުންމަތީގައި ހުންނާށެވެ.

ޝައިޠަނާގެ ކިބައިން ސަލާމަތްވުމަށްޓަކައި ވީހައި ގިނައިން ހެޔޮލަފާ މީހުންނާއިއެކު ވަގުތުތައް ހޭދަކުރާށެވެ. ހެޔޮލަފާ މީހުން ތިބޭ ތަންތަނުގައި މަލާއިކަތް ބޭކަލުން ގިނަވާނެއެވެ. ހަމައެފަދައިން ޖާހިލުން ތިބޭ ތަންތަނުގައި ގިނަވާނީ ޝައިޠާނުންނެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން