ރޮނާލްޑޯގެ ޕެނަލްޓީ ރެކޯޑަކާއެކު ރިއާލްއަށް ލީގުގެ މުހިންމު މޮޅެއް
ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ރިއާލް މެޑްރިޑް މޮޅުވިއިރު، ރިއާލްގެ ތަރި ކްރިސްޓިއޯނާ ރޮނާލްޑޯ ޕެނަލްޓީ ރެކޯޑެއް މުގުރާލައިފިއެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗުން ރިއާލް މޮޅުވީ 1-4 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ލަނޑު ކާމިޔާބުކުރިއިރު، ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ދެ ޕެނަލްޓީ ޖަހައިގެން ރޮނާލްޑޯ ވެގެން ގޮަސްފައިވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެންމެ ގިނަ ޕެނަލްޓީ ޖެހި ކުޅުންތެރިޔާއަށެވެ. ސްޕެނިޝް ލީގުގެ ތާރީޚުގައި ރޮނާލްޑޯ ވަނީ މިހާތަނަށް 72 ޕެނަލްޓީ ޖަހައިފައެވެ. ކުރިން މި ރެކޯޑް އޮތް ހޫގޯ ސަންޗޭޒް ޖަހާފައިވަނީ 71 ޕެނަލްޓީއެވެ. ރޮނާލްޑޯއަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެންމެ ގިނަ ޕެނަލްޓީ ކާމިޔާބުކުރި ކުޅުންތެރިޔާ ވެސް މެއެވެ. ރޮނާލްޑޯ ވަނީ ސްޕެނިޝް ލީގުގައި 61 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ރޮނާލްޑޯގެ ދެ ޕެނަލްޓީ ލަނޑުން ރިއާލް ދެ ލަނޑުގެ ލީޑުގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެލެންސިއާއިން ކުޅުން ރަނގަޅުކޮށް ރިއާލްގެ ޑިފެންސަށް ނުރައްކާކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 58 ވަނަ މިނެޓުގައި ވެލެންސިއާގެ ސަންތީ މިނާ ލަނޑެއް ޖަހައި މެޗުގެ ފަރަޤު ވެލެންސިއާއަށް ކުޑަކޮށްދިނެވެ. މި ލަނޑަށް ފަހުގައި، ވެލެންސިއާއިން ކުރިއަށް ޖެހިގެން މެޗުގެ ނަތީޖާ އަނބުރާލަން މަސައްކަތްކުރަމުން ދަނިކޮށް މެޗުގެ 84 ވަނަ މިނެޓުގައި ރިއާލްގެ ފުލްބެކް މާސެލޯ ވިއެއިރާ ލަނޑެއް ޖަހައި ރިއާލްއަށް އަލުން ލީޑު ފުޅާކޮށްދިނެވެ. ރިއާލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 89 ވަނަ މިނެޓުގައި ޖަރުމަން މިޑްފިލްޑަރު ޓޯނީ ކުރޫސްއެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު، ރިއާލް އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 20 މެޗުން 38 ޕޮއިންޓް ލިބިގެންނެވެ. ރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު 21 މެޗުން 40 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ.
ލީގު ތާވަލުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް މިރޭ ނުކުންނާނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ. އެއްވަނައިގައި އޮތް ބާސެލޯނާ ނުކުންނާނީ އަލަވޭސްއާ ދެކޮޅަށެވެ.