ވެސްޓް ބްރޯމް އަތުން ބަލިވެ ލިވަޕޫލް އެފްއޭކަޕުން ކަޓައިފި
އިނގިރޭސި އެފްއޭކަޕްގައި ވެސްޓް ބްރޯމް އަތުން 2-3 ގެ ނަތީޖާއިން ބަލިވެ މުބާރާތުން ލިވަޕޫލް ކަޓައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލީޑު ނެގީ ލިވަޕޫލްއިންނެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މެޗުގެ 5 ވަނަ މިނެޓުގައި ރޮބާޓޯ ފަމީނިއޯއެވެ. ފަމީނިއޯގެ ލަނޑަށް ފަހު، ހަ މިނެޓު ތެރޭގައި ވެސްޓް ބްރޯމްގެ ޖޭ ރޮޑްރިގުއޭޒް ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ވެސްޓް ބްރޯމްކޮޅަށް ބަދަލުކޮށްލިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ލިވަޕޫލްގެ ޖޮއެލް މަޓިޕް އަތުން ބައިކޮޅަށް ވަން ލަނޑަކުން ވެސްޓް ބްރޯމްގެ ތިންވަނަ ލަނޑު ކާމިޔާބުވިއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މެޗުގެ ނަތީޖާ އަނބުރާލަން ލިވަޕޫލްއިން ކުޅުން ރަނގަޅުކޮށް މަސައްކަތްކުރިއެވެ. މެޗުގެ 74 ވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ލަނޑެއް ޖަހައި ފަރަޤު ކުޑަކުރި ނަމަވެސް މެޗު ނިމުމުގެ ކުރިން ލިވަޕޫލްއަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވިއެވެ.
މުބާރާތުން ލިވަޕޫލް ކެޓިއިރު، މުުބާރާތުގައި ޓޮޓެންހަމްއާއި ނިއުޕޯޓް ކައުންޓީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިނުވެ ޓޮޓެންހަމް ސަލާމަތްވެެއްޖެއެވެ. މެޗުގެ 38 ވަނަ މިނެޓުގައި ނިއުޕޯޓްގެ ޕާޑްރަގް އަމޮންޑްގެ ލަނޑުން ލީޑު ނެގިއިރު، މެޗުގެ 88 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ހެރީ ކޭން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި މެޗު އެއްވަރުވުމާ ގުޅިގެން މުބާރާތުގެ އަނެއް ބުރަށް ދަތުރުކުރާނެ ޓީމެއް އެނގިގެންދާނީ ޓޮޓެންހަމްގެ ދަނޑުގައި ކުޅޭ މެޗުގެ ނަތީޖާއަށް ފަހުގައެވެ.
އިނިގރޭސި އެފްއޭކަޕް މުބާރާތުގައި މިރޭ ކުޅޭނީ ޗެލްސީއާއި ނިއުކާސަލް ޔުނައިޓެޑާ ބައްދަލުކުރާ މެޗު، އަދި މެންޗެސްޓާ ސިޓީއާއި ކާޑިފް ސިޓީއާ ބައްދަލުކުރާ މެޗެވެ.