ހުޅުމާލޭ ހިތިގަސްމަހު، އެމްއައި ކޮލެޖު ކައިރިން ލޮރީ އަކާއި ސައިކަލަކާއި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، އަނިޔާވި ދެ މީހުންގެ ތެރެއިން ބޮޑަށް އަނިޔާވި މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
މިއެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކަށެވެ. ހާލު ސީރިއަސް ވުމުގެ ސަބަބުން އިތުރު ފަރުވާ ދިނުމަށް، ރޭ އޭނާވަނީ ހުޅުމާލޭ ހޮސްޕިޓަލުން އޭޑީކޭ ހޮސްޕިޓަލަށް ގެނެވިފައެވެ.
އެމީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އޭޑީކޭ ހޮސްޕިޓަލުން އަދު ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް އެހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އަދިވެސް އައިސީޔޫ ގައި ބާއްވައިގެން ފަރުވާ ދެމުން ގެންދާ ކަމަށެވެ.
މިއެކްސިޑެންޓުގައި ދެން އަނިޔާވީ އުމުރުން 23 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި މިހާރު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.