ފްރާންސް ލީގުގައި މޮންޓެލިއާގެ މައްޗަށް 0-4 ގެ ނަތީޖާއިން ޕީއެސްޖީ ކުރިހޯދި މެޗުގައި ލަނޑެއް ޖަހައި ޕީއެސްޖީގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އެޑިސަން ކަވާނީ މުގުރާލައިފިއެވެ.
ކުރިން މި ރެކޯޑު އޮތީ 2012 ވަނަ އަހަރުން 2016 ވަނަ އަހަރާ ހަމައަށް ޕީއެސްޖީގެ ޓޮޕް ސްޓައިކަރުގެ ގޮތުގައި ހުރި ޒަލަޓަން އިބްރާހިމޮވިޗުގެ އަތުގައެވެ. އިބްރާހިމޮވިޗު ވަނީ ޕީއެސްޖީއަށް އޭނަ ކުޅެދިން ހަތަރު ސީޒަންގެ ތެރޭގައި 156 ލަނޑު ކާމިޔާބުކޮށްފައެވެ.
މޮންޓެލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ކަވަނީ ލަނޑެއް ކާމިޔާބުކޮށްފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މި ލަނޑާއެކު ކަވާނީ ވަނީ ޕީއެސްޖީއަށް މިހާތަނަށް 157 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ކަވާނީގެ އިތުރުން ރޭގެ މެޗުގައި ލަނޑުތައް ކާމިޔާބުކޮށްފައިވަނީ އެންޖަލް ޑިމާރިއާއާއި ނޭމާއެވެ. ނޭމާ ވަނީ ރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރެއިން އެއް ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު، ފްރާންސް ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 23 މެޗުން 59 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތީ ކުޅުނު 22 މެޗުން 48 ޕޮއިންޓް ލިބިގެން ލްޔޯންއެވެ. ތިންވަނައިގައި އޮތީ ކުޅުނު 22 މެޗުން 47 ޕޮއިންޓް ލިބިގެން މާސެއިލްއެވެ.
ޕީއެސްޖީގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ކަވާނީވުމަށް ފަހުގައި އޭނާ ބުނެފައިވަނީ މިއީ އޭނާގެ ކަރިއަރުގައި ވަރަށް ޚާއްޞަ ވަގުތުކޮޅެއްކަމަށެެވެ. ކަވާނީއަކީ އޭނާގެ އުރުގުއާއީ ޤައުމީ ޓީމުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ކަވާނީ ވަނީ އުރުގުއާއީއަށް މިހާތަނަށް 40 ލަނޑު ކާމިޔާބުކޮށްދީފައެވެ.