((މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ދަރިކަނބަލުން ސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ އަންހާ އާއި ބެހޭގޮތުން ލިޔެފައި މިވާ އާޓިކަލް އަކީ "ޠާހިރު އަހްލުބައިތުން" މިފޮތުން މައުލޫމާތު ނަގައިގެން ލިޔެފައިވާ އާޓިކަލްއެކެވެ. ނަމަވެސް މިއާޓިކަލްގައި، އެފޮތުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ބަހުން ބަހަށް ނަކަލު ކުރެވިފައި ނުވާނެ ވާހަކަވެސް މައުލޫމާތަށްޓަކަައި ބުނަމެވެ.))
ރަސޫލާ (ޞޢޥ) އާއި އެކަލޭގެފާނުގެ އަޙްލު ބައިތުން އަބޫޠާލިބުގެ ޝިޢުބުގައި ހައްޔަރުވެ ވަޑައިގެންފައި ތިއްބެވިއިރު، އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ އަންހާ އަށް، އެކަމަނާ ދެން މާގިނަ ދުވަހަކު ދުނިޔޭގައި ނުއިނދެވޭނެކަން އިޙުސާސްވެ ވަޑައިގެންނެވިއެވެ.
އެހެންކަމުން، އެކަމަނާގެ ހުއްސަރިބައި ދެދަރިކަނބަލުންގެ ކައިވެނިފުޅާއި ހަމައަށް ދުނިޔޭގައި އިންނަވާ ހިތްޕުޅުވިއެވެ.
އެހެންނަމަވެސް މުސްލިމުން ޝިޢުުބުން ނިކުތްތާ މާގިނަ ދުވަހެއް ނުވެ ބިއުޘަތުގެ ދިހަވަނަ އަހަރުގެ ރަމަޟާންމަހު އައްސައްޔިދާ ޚަދީޖަތުގެފާނު އަވަހާރަ ވެއްޖެއެވެ.
ލޮބުވެތި މައިކަނބަލުން އަވަހާރަވުމުން، އައްސައްޔިދާ ފާޠިމަތުއްޒަހްރާއު ގެ މައްޗަށް ހިތާމައިގެ ފަރުބަދައެއް ކުނޑިކުނޑި ވެގެން ފޭބި ކަހަލައެވެ.
އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ އަންހާ އަވަހާރަވުމުން، ސައްޔިދާ ފާޠިމާ ބެލެހެއްޓެވުމަށާއި ތަރުބިއްޔަތު ކުރެއްވުމަށްޓަކައި ރަަސޫލާ (ޞޢޥ) އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު އާއި ކައިވެނި ބައްލަވާ ގެންނެވިއެވެ.
އެެހެންނަމަވެސް ސައްޔިދާ ފާޔިމަތުއްޒަހްރާއު ގެ ހިތްޕުޅުގައި މައިކަނބަލުންގެ ހަނދާންތައް ތާޒާކޮށް އަބަދުވެސް ހުރެއެވެ. އަދި ވަރަށް ގިނަ ދުވަސް ދުވަހު މައިކަނބަލުންގެ މަހާނަފުޅު ކައިރިއަށް ވަޑައިގެން ކީރިތި ކުރައްވައެވެ.
ޙައްޤުގެ މަގަށް މީސްތަކުންނަށް ގޮވާލެއްވުމުގައި ކައުސާހިބާގެ ހަޔާތްޕުޅު މުޅިންމެ ވަޤްފު ކުރެއްވި ކަމުގައި ވިޔަސް، އެކަލޭގެފާނަށް ކިރިޔާވެސް ފުރުސަތެއް ލިބިވަޑައި ގަންނަވާއިރަށް ސައްޔިދާ ފާޠިމާގެ އަރިހަށް ވަޑައިގެން އެކަމަނާއަށް ހިތްވަރު ދެއްވެވިއެވެ. އަދި ހެޔޮހާ ނަސޭޙަތްޕުޅުތައް ވެސް ދެއްވެވިއެވެ.