ދިރޭ ކަތީގެ ސޫރަ ހުންނަ ފޭރާން ބޭނުންކުރުމަކީ އިސްލާމް ދީނުގައި މަނާކުރައްވަވާފައިވާ ކަމެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ކަމުގެ ޙުކުމް މިގޮތަށް އޮތް ނަމަވެސް މިއީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު މިހާރު ވަރަށް ބޮޑަށް އިހްމާލުވަމުންދާ ކަމެއްގެ ގޮތުގައި އަންނަނީ ފާހަގަކުރެވެމުންނެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ކުޑަކުދިން އެފަދަ ފޭރާންލެއްވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކަމުގެ ހަޤީޤަތަށްބަލާއިރު މައިން ބަފައިން ހެދުން އަޅުވާ ކުޑަ ކުއްޖަކު އެފަދަ ފޭރާމެއް ބޭނުންކުރުމުން ކުށްވެރިނުވާނީ ނުވަތަ ފާފަވެރިނުވާނީ އެކުއްޖާއެވެ. އެކަން ކުރުވި ފަރާތް އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.
އިސްލާމް ދީނުގައި ހެދުން އެޅުމުގައި ޢާންމުކޮށް މަނާކުރެވިފައިވާ މިފަދަ ބައެއް ކަންކަން ވެސް ޝައިޚް ޢަލީ ޒާހިރު ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެގޮތުން ރަނުގެ ފޭރާން ލުމަކީ މަނާ ކަމެކެވެ.
ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ދެ ޖިންސުން އެއް ގޮތަށް ހެދުންލުމަކީ ހުއްދަ ނޫން ކަމެއް ކަމަށެވެ. ދެޖިންސުގެ ފޭރާން އެއްގޮތް ނުކުރެވޭނެ ކަމަށެވެ. މިސާލަކަށް ޓީޝަރޓް އެއީ ދެ ޖިންސަށް އާންމު ނަމެއް ނަމަވެސް ޓީޝަރޓުގައިވެސް ދެޖިންސަށް ވަކިން ޓީޝަރޓް ހުންނައިރު އޮޅުވާލައިގެން ނުވާނެ ކަމަށްވެސް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.
"އެއްޖިންސުގެ ބައަކު އަނެއް ޖިންސާއި ވައްތަރުވެގަތުމަކީ ލަޢުނަތްހުރިކަމެއްގެ ގޮތުގައި ވަނީ ބަޔާންކުރެވިފަ."
މިއީ ވެސް މިއަދު އަޅުގަނޑުމެންގެތެރޭގައި ވަރަށް ބޮޑު މައްސަލައަކަށްވެފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. މިހާރަކަށް އައިސް ކޮންމެ ގަންޖުފަރާހަކީ ޓީޝަރޓެއް ކަމަށް ބަލައި ދެޖިންސުން އެއްގޮތް އެފަދަ ތަކެތި ދަނީ ބޭނުންކުރަމުންނެވެ.
ގުޅުންހުރި އޯޑިއޯ: