ފަހަތުން އަރާ އަލަވޭސް ބަލިކޮށް ބާސާއަށް ހަނި މޮޅެއް

ކިޔުމަށް ހޭދަވާނީ 1މ 43ސ
ފަހަތުން އަރާ އަލަވޭސް ބަލިކޮށް ބާސާއަށް ހަނި މޮޅެއް


ސްޕެނިޝް ލީގުގައި އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗު، ފަހަތުން އަރާ 1-2 ގެ ނަތީޖާއިން ހަނި ގޮތަކަށް ބާސެލޯނާ މޮޅުވެއްޖެއެވެ.
ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އަލަވޭސްއެވެ. އަލަވޭސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި ޖޯން ގުއިޑެއްޓީއެވެ. މި ލަނޑަށް ފަހުގައި މެޗުގެ ނަތީޖާ ހަމަހަމަކުރަން ބާސާއިން މަސައްކަތްކުރި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއަށް އަލަވޭސްގެ ގޯލު ފޫއަޅުވާލެވޭނެ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ލީޑުގައި އަލަވޭސް އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް އަލަވޭސްއިން ދިޔައީ ބޮޑަށް ފަހަތަށް ޖެހިގެން ވަރުގަދަ ޑިފެންސިވް ގޭމްއެއް ކުޅެމުންނެވެ. އަލަވޭސްގެ ޑިފެންސިވް ގޭމްގެ ސަބަބުން ދެވަނަ ހާފުގައި ވެސް ބާސާއަށް ލަނޑު ޖަހަން ދަތިތަކާ ކުރިމަތިވިއެވެ. އެހެން ނަމަވެސް، މެޗުގެ 72 ވަނަ މިނެޓުގައި ބާސާގެ އުރުގުއާއީ ޓޮޕް ސްޓައިކަރު ލުއިސް ސުއަރޭޒް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަަމަހަމަކުރިއެވެ. ބާސާއަށް މެޗު ކާމިޔާބުކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 84 ވަނަ މިނެޓުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީއެވެ.

ރޭގެ މެޗުގައި ބާސާއަށް ލަނޑުތައް ކާމިޔާބުކޮށްދިން ސުއަރޭޒާއި މެސީ ހުރީ ލީގު ލަނޑު ލިސްޓްގެ އެންމެ ކުރީގައެވެ. މެސީ ވަނީ ލީގުގައި މިހާތަނަށް 20 ލަނޑު ކާމިޔާބުކޮށްފައެވެ. ސުއަރޭޒް ވަނީ 16 ލަނޑު ކާމިޔާބުކޮށްފައެވެ. މި ދެ ކުޅުންތެރިންނާ އެންމެ ގާތުން އުޅެނީ މިހާތަނަށް 12 ލަނޑު ކާމިޔާބުކުރި ސެލްޓާ ވިގޯގެ އިއާގޯ އަސްޕަސްއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 21 މެޗުން 57 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 21 މެޗުން 46 ޕޮއިންޓް ލިބިގެން ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތްއިރު، ތިންވަނައިގައި ވެލެންސިއާ އޮތީ ކުޅުނު 21 މެޗުން 40 ޕޮއިންޓް ލިބިގެންނެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ ކުޅުނު 20 މެޗުން 38 ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ.
ލީގުގައި ބާސެލޯނާ ދެން ބައްދަލުކުރަންޖެހޭނީ އެސްޕަންޔޯލްއާއެވެ. ރިއާލް މެޑްރިޑް ބައްދަލުކުރަންޖެހޭނީ ލެވަންޓޭއާއެވެ. އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ ވާދަވެރި ވެލެންސިއާއާ ދެކޮޅަށެވެ.
މިއަދު އޮންލައިން