ބޮލޮގްނާ ބަލިކޮށް ނަޕޯލީ އަލުން ލީގުގެ އެއްވަނައަށް
އިޓަލީ ލީގުގައި ބޮލޮގްނާ ބަލިކޮށް ނަޕޯލީ އަލުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗުން ނަޕޯލީ މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ބޮލޮގްނާއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިއެވެ. ބޮލޮގްނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ޕަލާސިއޯއެވެ. އެހެން ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ބޮލޮގްނާގެ އިބްރާހިމާ އެމްބާޔޭގެ އަތުން ބައިކޮޅަށް ވަން ލަނޑަކުން ނަޕޯލީއަށް މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނަޕޯލީގެ ޑްރައިސް މާޓެންސް ކާމިޔާބުކޮށްދިން ލަނޑުން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަޕޯލީއަށް ނަގައިދިނެވެ. މެޗުގެ 59 ވަނަ މިނެޓުގައި ނަޕޯލީގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޑްރައިސް މާޓެންސް އެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު، ލީގު ތާވަލުގެ އެއްވަނައިގައި ނަޕޯލީ އޮތީ ކުޅުނު 22 މެޗުން 57 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 22 މެޗުން 56 ޕޮއިންޓް ލިބިގެން ދެވަނައިގައި އޮތީ ޔުވެންޓަސްއެވެ. ކުޅުނު 22 މެޗުން 46 ޕޮއިންޓް ލިބިގެން ތިންވަނައިގައި ލަޒިއޯ އޮތްއިރު، އިންޓަ މިލާން އޮތީ ކުޅުނު 22 މެޗުން 44 ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ.
ލީގުގައި ނަޕޯލީ ދެން ބައްދަލުކުރަންޖެހޭނީ ބެނެވެންޓޯއާއެވެ. ޔުވެންޓަސް ބައްދަލުކުރަންޖެހޭނީ ސައްސުއޯލޯއާއެވެ. ލަޒިއޯ ބައްދަލުކުރަންޖެހޭނީ ޖެނެއޯއާއެވެ. އިންޓަ މިލާން ބައްދަލުކުރަންޖެހޭނީ ކްރޮޓޯންއާއެވެ.