ދީނީ ބައެއް ސުވާލާއި ޖަވާބު- 5

ކިޔުމަށް ހޭދަވާނީ 2މ 41ސ
ދީނީ ބައެއް ސުވާލާއި ޖަވާބު- 5
މިއީ "އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕް" އަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ސުވާލުތަކާއި އޭގެ ޖަވާބުތަކެވެ.

މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ. މުޙައްމަދު އިޔާޛް ޢަބްދުލް ލަތީފު އެވެ.

• ސުވާލު- ފިރިމީހާއަށް ލިބޭ މުސާރަ ބޮޑަށް ޚަރަދު ކުރަން ޖެހޭނީ މައިންބަފައިންނަށްތޯ؟ (އަނބިދަރިންގެ ޚަރަދު ނުފުއްދުނަސް)

ޖަވާބު- އަނބިދަރިންނަށް ޚަރަދު ކުރުމާއިއެކު މައިންބަފައިންނަށް ވެސް ޚަރަދު ކުރަން ޖެހޭނެ.

• ސުވާލު- އަޅުގަނޑަށް ފެނޭ ބައެއް މީީހުން މަޣްރިބް ނަމާދާއި އިޝާ ނަމާދުގެ ކުރިން ވެސް ސުންނަތް ކުރާތަން. އެއީ ކޮން ސުންނަތެއްތޯ އަދި ކިތައް ރަކުޢަތްތޯ ކުރަން ޖެހޭނީ؟ އަދި ހަމަ އެހެންމެ އިޝާ ނަމާދުގެ ފަހުން ހަތަރު ރަކުޢަތް ކުރާތަންވެސް ފެނޭ.

ޖަވާބު- ހުކުރު ބަންގި ފިޔަވާ ކޮންމެ ބަންގިއަކާއި ޤަމަތަކާއި ދެމެދުގައި ސުންނަތް ނަމާދު ކުރުން އޮވޭ. ޢިޝާ ފަހުން އޮންނާނީ ދެ ރަކުޢަތް. ފަހަރުގައި ވެދާނެ އޭނާ ވިޠުރީގެ ބައެއް ވެސް ކުރާތީ ހަތަރު ރަކުޢަތް ކުރާކަމަށް ހީވަނީ ކަމަށް.

• ސުވާލު- ބުނެ ކިޔައިގެން ވެސް، ނަމާދު ނުކުރާ ފިރިއަކާއި އެއްކޮށް އުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު- ރަނގަޅު ކަމެއް ނޫން.

• ސުވާލު- ކައިވެނި ކުރި ދުވަހު އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ރަން ދޭން އުޅުމުން ފަހުންނޭ ބުނިން. މިހާރު ކައިވެންޏަށް ހަތަރު އަހަރު. ކުއްޖަކު ވެސް އެބަހުރި. އަޅުގަނޑުގެ ބޭބެ ބުނީ ކައިވެނީގެ ރަން ނުނަގާ ކައިވެނި ޙަލާލެއް ނުވާނެއޭ. މިއީ ކިހާ ވަރެއްގެ ތެދެއްތޯ؟

ޖަވާބު- ކައިވެނި ސައްޙަ ވާނެ. ނަމަވެސް އެއީ ފިރިމީހާގެ ބޮލުގައި އެޅިފައިވާ ދަރަންޏެއް.

• ސުވާލު- ރަސޫލާ (ޞޢޥ) އަމިއްލަފުޅަށް ނަމާދު ކުރައްވާއިރު، އިބްރާހިމް ސަލަވާތުގައި އެކަލޭގެފާނުގެ ނަން އަންނަތަން ކިޔުއްވީ އެއޮންނަ ގޮތަށްތޯ؟

ޖަވާބު- ލައްބަ. ހަމަ އެގޮތަށް.

• ސުވާލު- ސުންނަތް ނަމާދު ތަކުގައި ފުރަތަމަ އައްތަޙިޔާތު ނިންމާފައި ސަލާމް ދިނުމުން ނަމާދު ސައްޙަ ވާނެތޯ؟

ޖަވާބު- ފަހު އައްޠަޙިޔާތު ނުކިޔާ ނަމާދު ސައްޙައެއް ނުވާނެ.

• ސުވާލު- ޖަނާޒާއެއްގައި ބައިވެރިވެފައި، ގެއަށް އައިސް ފެންވަރަން ޖެހޭނެތޯ؟ އަދި ފެން ނުވަރާހުރެ ކުޑަ ކުދިން އުރާ ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު- ޖަނާޒާގައި ބައިވެރިވި ކަމަށްޓަކައި ފެންވަރާކަށް ނުޖެހޭނެ.

• ސުވާލު- އަންހެނުން އަތްފައިގާ ގަހަނާ އެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު- ފިރިމީހާއަށް ޒީނަތްތެރިކަން ދެއްކުމުގެ ގޮތުންނަމަ، މައްސަލައެއް ނެތް.

• ސުވާލު- މާލޭގައި އަޅުގަނޑުގެ އާއިލާގެ ބަޔަކަށް ދިމާވި ބިރުވެރި ހަގީގީ ހާދިސާއެއް އަޅުގަނޑުގެ ފިރިމީހާއަށް އަޅުގަނޑު ކިޔާދިން ފަހުން އަބަދު ހިތައް އުނދަގޫވަނީ. ކޮންމެ އިރެއްގައި ވެފަ ހުރި ކަމެއް ވިޔަސް ޖިންނީންނަށް އިނގޭނެތޯ އެމީހުންގެ ވާހަކަ ދައްކަންޏާ؟

ޖަވާބު- ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔާ ރައްކާތެރިކަން ހޯއްދަވައިގެން ހުންނަވާ.

• ސުވާލު- ދަތުރުވެރިން ނޫން މީހުންނަށް ނަމާދު ޖަމްޢު ކުރެވިދާނެ ހާލަތްތަކަކީ ކޮބާތޯ؟ ދަތުރު ގޮސްގެން އުޅޭ ދުވަސްވަރު ޖަމްޢު ކުރެވިދާނެ ދެއްތޯ؟

ޖަވާބު- ރަށުގައި ގާއިމްވެ ހުންނަ މީހަކަށްވެސް ނަމާދު ޖަމްޢު ކުރެވިދާނެ. ނަމަވެސް އާންމުކޮށް ކުރާ ކަމެއްގެ ގޮތުގައި ހަދައިގެން ނުވާނެއެވެ.
މިއަދު އޮންލައިން