ޝައިޠާނާގެ ފަރާތުން އޭނާގެ ބައިވެރިންނަށް އޮތް ސިޓީއެއް

ކިޔުމަށް ހޭދަވާނީ 2މ
ޝައިޠާނާގެ ފަރާތުން އޭނާގެ ބައިވެރިންނަށް އޮތް ސިޓީއެއް
"އާންމުކޮށް ކޮންމެ ދުވަހެއް ފަދައިން އިއްޔެ ވެސް އެދުވަހެއްގެެ މަސައްކަތްތައް ކުރަން އިއްޔެ ވެސް ކަލޭ ތެދުވިތަން އަހަރެން ދުށީމެވެ.

ނިދިން ހޭލައިގެން ކަލޭ އުޅުނީ ފަތިސް ނަމާދު ނުކޮށެވެ. އެއީ އިތުރަށް ނިދާލަން އޮންނަން އަހަރެން ކަލޭގާތު ބުނުމުންނެވެ. އަދި ހޭލާފަވެސް ނަމާދު ކުރަން ކަލެއަށް ހަނދާން ނުވުމުންނެވެ.

މިކަން އެކަންޏެއް ނޫނެވެ. ކަލެއަށް މާތް ރަސްކަލާނގެ ދެއްވެވި އެއްވެސް ރޯއްޖަކަށް ނުވަތަ ނިޢުމަތަކަށް ކަލޭ އެކަލާނގެ ޙަޟްރަތައް ޝުކުރުވެރިއެއް ނުވެއެވެ. އަހަންނަށް ކަލޭ އެހާ ކަމުދަނީ މިހެންވެއެވެ.

ކަލެއަކީ ނިދުމުގެ ކުރިންވެސް އެކަލާނގެއަށް ޛިކުރުކޮށް ދުޢާ ކުރާ މީހެއް ނޫނެވެ. ކަލޭގެ ތިހުރި ގޮތްގަނޑު ބަދަލު ނުކުރާތީ އަހަރެން ވަރަށް އުފާވެއެވެ. އޭމިހިރަ މޮޔަޔާއެވެ. ކަލޭ ތިއީ އަހަރެންގެ މީހެކެވެ.

ހަނދާންކުރާށެވެ. އަހަރެން ކަލެއަށް ވިސްނާދިންހާ ގޮތެއް ކަލޭ އަޑު އަހައިފިއެވެ. އެހެންކަމުން އަހަރުމެންގެ ގުޅުން ވަރަށް ގިނަ ދުވަހަށް ދެމިގެން ގޮސްފިއެވެ.

އެކަމަކު މިހިރަ މޮޔަގަނޑާއެވެ. އަހަރެން އަދިވެސް ކަލޭދެކެ ލޯތްބެއް ނުވެއެވެ. އެއީ ކަލެއަކީ މާތް ﷲ އުފެއްދެވި އިންސާނަކަށް ވާތީއެވެ. އެކަލާނގެ އިންސާނުން އުފެއްދެވުމުން އަހަރެން އެކަލާނގެ ދެކެ ނަފްރަތު ކުރަމެވެ. އަދި އަހަރެން ބޭނުންވަނީ އެކަލާނގެ އެންމެ ފުރިހަމައަށް އުފެއްދި އުފެއްދުން ކަމަށް ބުނާ 'އިންސާނުން'، އަހަންނާއެކު ނަރަކަ އަށް ވައްދާށެވެ.

އެކަލާނގެ އަހަރެން ސުވަރުގެއިން ބޭރު ކުރެއްވެވިއެވެ. އެހެންކަމުން އަހަރެން ކަލެއާއި ކަލޭފަދަ އެހެން އިންސާނުންގެ ބޭނުން، ވީއެންމެ ގިނަ ދުވަހަކަށް ހިފާނަމެވެ.

މާތް ﷲ ކަލޭ ދެކެ ލޯބިވެ ވޮޑިގެންވެއެވެ. އެކަލާނގެ ކަލެއަށްޓަކައި ގިނަގުނަ ނިޢުމަތްތަކެއް އިރާދަ ކުރައްވާފައިވެއެވެ. އަދި އެކަލާނގެ ހުންނެވީ ފާފަ ފުއްސެވުމަށް އެދި ކަލޭ ދުޢާ ކޮށްފިނަމަ، ކަލޭގެ ފާފަތައްވެސް ފުއްސަވާ ދެއްވާށެވެ.

އެކަމަކު، އަހަރެން ބަލާނީ ކަލޭ ލައްވާ ގިނަގިނައިން ފާފަ ކުރުވޭތޯ އެވެ. އަދި ފާފަ ފުއްސެވުމަށް އެދި ދުޢާ ވެސް ކުރިޔަކަ އަހަރެން ނުދޭނަމެވެ.

އެންމެހާ ބޮޑެތި ފާފަތައް ކުރުމުގެ ރަނގަޅުކަން، އަހަރެން ކަލޭގެ ބޮލަށް ވައްދާނަމެވެ. އަދި އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން ކަލޭ އެވާހަކަތައް އަޑު އަހާ ޤަބޫލު ކުރާނެއެވެ.

ސުވަރުގޭގެ ދާއިމީ ނިއުމަތް ހޯދުމަށް ކަލޭ މަސައްކަތެއް ނުކުރާނެއެވެ. ކަލޭ ބޭނުންވާނީ މިވަގުތީ ދުނިޔޭގެ ވަގުތީ އުފަލެވެ.

ކަލޭގެ މޮޔަކަމާއިމެދު އަހަރެން ކަލެއަށް މަލާމަތް ކުރަމެވެ.

ކަލޭގެ އެކުވެރި އެހެންނަމަވެސް ހަގީގަތުގައި ކަލޭގެ ދުޝްމަނު

-އިބިލީސް- "
މިއަދު އޮންލައިން