ލޫކަސް މައުރާ ޓޮޓެންހަމްއަށް

ކިޔުމަށް ހޭދަވާނީ 1މ 22ސ
ލޫކަސް މައުރާ ޓޮޓެންހަމްއަށް

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ވިންގާ ލޫކަސް މައުރާ ޓޮޓެންހަމްއަށް ވިއްކާލަން، އެ ދެ ކްލަބްއުން އެއްބަސްވެއްޖެއެވެ.

ޚަބަރު ލިބިފައިވާ ގޮތުން، ޓޮޓެންހަމްއަށް މައުރާ ގެންދާން، އެ ދެ ކްލަބްއުން އެއްބަސްވެފައިވަނީ 25 މިލިއަން ޕައުންޑްގެ ޓްރާންސްފާގެ ފީއަކަށެވެ. އަދި ޓްރާންސްފާގެ ކަންތައްތައް ފުރިހަމަ ކުރުމަށާއި މެޑިކަލް ޓެސްޓް ހެދުމަށް މައުރާ ހުރީ އިނގިރޭސި ވިލާތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

2013 ވަނަ އަަހަރު، ބްރެޒިލްގެ ސައުޕޯލިއޯއިން 33 މިލިއަން ޕައުންޑްގެ އަގަކަށް ޕީއެސްޖީއާ ގުޅުނު މައުރާ މި ސީޒަންގައި އެ ޓީމުގެ ފުރަތަމަ އޭގާރައިން ޖާގަ ލިބިފައެއް ނުވެއެވެ. މި ސީޒަންގައިމައުރާ ހަ މެޗަށް ކުޅެން އަރުވާފައިވާއިރު، އެ ހަ މެޗަށް ވެސް އެރުވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ލޫކަސް މައުރާ ޕީއެސްޖީގައި ހޭދަކުރި ފަސް ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކްލަބާއެކު ހަތަރު ފަހަރު މަތިން ފްރާންސް ލީގު ކާމިޔާބުކޮށްފައެވެ. މައުރާ ވަނީ ޕީއެސްޖީއަށް ކުޅެދިން 229 މެޗުގައި 46 ލަނޑު ކާމިޔާބުކޮށްދީ އަދި 50 ލަނޑު ކާމިޔާބުކުރަން އެސިސްޓް ކޮށްދީފައެވެ.

މި ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން އަމާޒަކަށް ހިފާފައިވާ ޕީއެސްޖީން ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. އެ ގޮތުން ޕީއެސްޖީން ވަނީ ބޮޑު އަގެއްގައި ބްރެޒިލްގެ ތަރި ނޭމާއާއި ފްރާންސްގެ ހުނަރުވެރި ފޯވާޑް ކިލިއަން އެމްބާޕޭ ގެނެސްފައެވެ.

މިއަދު އޮންލައިން