މާދަމާ ރޭ ހަނދު އަރާ އިރުވެސް ހުންނާނީ ހަނދުކޭތަ ހިފާފައެވެ. އަދި މާދަމާ ރޭ އަރާ ނޫ ހަނދާއެކު ހިފާ ފުރިހަމަ ހަނދުކޭތަ ރާއްޖެއަށް ވަރަށް ރީތިކޮށް ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
އިހު ޒަމާނުގައި މީހުން ބުނެއުޅުނު ގޮތުގައި، ހަނދުކޭތައެއް ނުވަތަ އިރުކޭތައެއް ހިފައިފިނަމަ އޭގެ މާނައަކީ ކޮންމެވެސް މީހަކު މަރުވީ އެވެ. ނުވަތަ ކޮންމެވެސް މީހަކު ދުނިޔެއަށް އައީ އެވެ.
މިފަދަ ވާހަކަތަކާއިމެދު މާތް ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވަނީ، "އިރާއި ހަނދަކީ މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމުގެ ދެ ނިޝާނެވެ. ހަނދުކޭތަ އަދި އިރުކޭތަ ވެސް ހިފަނީ އެއްވެސް މީހެއް އުފަންވުމަކުން، ނުވަތަ މަރުވުމަކުން ނޫނެވެ. އެއީ ވެސް އެކަލާނގެ ކުޅަދުންވަންތަކަމުން ހިނގާ ކަމެކެވެ. ހަނދުކޭތަ ހިފުމުން، އެކަލާނގެމަތިން ގިނަގިނައިން ހަނދުމަކޮށް، ތިޔަބައިމީހުން ނަމާދު ކުރާށެވެ." (ސަޙީޙް މުސްލިމް)
މާދަމާ ރޭ ހިފާ ހަނދުކޭތައަކީ ފަލަކީ ތިން ހާދިސާއެއް އެކުވެގެން ހިފާ ހަނދުކޭތައެކެވެ.
ފުރަތަމަ ކަމަކީ: މާދަމާ ރޭގެ ހަނދު ނޫ ހަނދަކަށް ވުމެވެ.
ދެވަނަ ކަމަކީ: އާދައިގެ ހާލަތުގައި ހުންނަ ވަރަށްވުރެ ދުނިޔެއާ ގާތުގައި ހަނދު ހުރުމެވެ. (މިހާލަތަށް ކިޔަނީ ސުޕާމޫން އެވެ.)
ތިންވަނަ ކަމަކީ: ދުނިޔޭގެ ހިޔަނި ހަނދަށް އެޅުމެވެ. (މިހާލަތަށް ކިޔަނީ ހަނދުކޭތަ ހިފުމެވެ.)
މާދަމާ ރޭ ހިފާ ފުރިހަމަ ހަނދުކޭތަ އޭޝިއާގެ ހުރިހާ ސަރަޙައްދަކަށް ވެސް ފެންނާނެކަމަށް ފަލަކީ ޢިމްލުވެރިން ބުނެފައިވެއެވެ.