ފިރިހެނުންގެ ކަކުލުހުޅުން މަތި ބެލުން ހިލޭ އަންހެނުންނަށް ހުއްދަނުވާއިރު ދައްކައިގެން ކުޅޭ ފުޓްބޯޅަ މެޗް ބެލުން ހުއްދަކުރީ ކާކުތޯ އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިންގެތެރޭގައި ހިމެނިވަޑައިގަންނަވާ މުފްތީ އަޚްތަރު ކަސްމީ ސުވާލުކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ ދީނީ އިލްމުވެރިންގެ މަހާސިންތާތަކުގައި ތަޤްރީީރުކުރައްވަމުން ގެންދަވާ މުފްތީ ވިދާޅުވީ މިއީ ދުނިޔެއަށް ޢާންމުވެފައިވާ ބޮޑު ދީނީ "ޖަރީމާއެއް" ކަމަށާއި ނަމަވެސް އެފަދަ ކަންކަމާއިމެދު ދީނީ އިލްމުވެރިން ހަނުތިއްބަވަނީ ކަމަށެވެ. "އަމިއްލަ ގޭގަ ޓީވީތަކުން އަނބިންނަށާއި ގޭގައި ތިބޭ ހުރިހާ އަންހެނުންނަށް މިދައްކަނީ ކަނޑައެޅިގެން ފިރިހެނުންގެ އައުރަ. މިކަން ކުރެވެނީ ނުއެނގިތިބެ ކަމަށް ވެދާނެ. ދީނީ އިލްމުވެރންގެ މަސްއޫލިއްޔަތަކީ ހައްޤު ގޮތް އަންގައިދިނުން. އެކަންކަން ބަޔާންކުރުން."
މިފަތުވާ އާއި ގުޅިގެން އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް އަންހެނުން ބުނެފައިވަނީ ފިރިހެނުން ކުޅޭ ކުޅިވަރުތައް ބެލުން މުފްތީ މަނާކުރައްވަނީ ކަމަށެވެ.
އެފަދަ އަންހެނުންނަށް ރައްދު ދެއްވައި މުފްތީ ވިދާޅުވީ ކުޅިވަރު ބެލުން ހުއްދަ ކަމަށާއި ނަމަވެސް އައުރަ ބެލުން ހުއްދަ ނޫން ކަމަށެވެ. ކުޅިވަރު ބެލުމާއި އައުރަ ބެލުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމަށެވެ.