ފުރަތަމަ ލެގު ކާމިޔާބުކޮށް ޔުވެންޓަސް އިޓަލީ ކަޕްގެ ފައިނަލާ ގާތަށް
އިޓަލީ ކަޕްގެ ސެމީ ފައިނަލްގައި އެޓަލާންޓާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލާ ގާތަށް ޔުވެންޓަސް ޖެހިލައިފިއެވެ.
އެޓަލާންޓާ ދަނޑުގައި ކުޅުނު މި ލެގު ޔުވެންޓަސްއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 3 ވަނަ މިނެޓުގައި އެ ޓީމުގެ އާޖެންޓީނާ ސްޓައިކަރު ގޮންޒާލޯ ހިގުއައިންނެވެ.
މެޗުގެ ނަތީޖާ ހަމަހަމަކުރަން އެޓަލާންޓާއަށް ފުރަތަމަ ހާފުގެ ތެރޭގައި ޕެނަލްޓީއެއް ލިބިގެން ދިޔައެވެ. އެހެން ނަމަވެސް، މެޗުގެ 25 ވަނަ މިނެޓުގައި އެޓަލާންޓާގެ އަލެހާންޑްރޯ ޑަރީއޯ ގޮމޭޒް ފޮނުވާލި މި ޕެނަލްޓީ ވަނީ ޔުވެންޓަސްގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ދިފާއުކޮށްފައެވެ.
މި ނަތީޖާއާއެކު، ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި ނަތީޖާ އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު ޔުވެންޓަސްއަށް އެބައޮތެވެ.
އިޓަލީ ކަޕްގެ ސެމީ ފައިނަލްގައި މިރޭ ބައްދަލުކުރާނީ އޭސީ މިލާންއާއި ލާޒިއޯއެވެ. މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަން 12:45 ގައެވެ.